ހަބަރު

ވައްކަމުގެ ތުހުމަތުގައި ކުޑަކުއްޖަކާއި ދެ މީހުން ހައްޔަރުކޮށްފި

ތ. ވިލުފުށީ ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ކުޑަކުއްޖަކާއި 18 އަހަރުގެ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ވައްކަމުގެ ތުހުމަތުގައި ކުޑަކުއްޖާއާއި 18 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކުރީ މިމަހުގެ ދެވަނަ ދުވަހު ވިލުފުށީ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ވައްކަމުގެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ކަމަށެވެ.

އެ މައްސަލާގައި ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަގަސް ނަގާފައިވާ ކަމަށް ބެލެވޭއިރު އޭގެ ތެރެއިން ބައި ލައްކައެއްހާ ރުފިޔާ މިހާރު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ރުފިޔާ ފެނިފައިވަނީ، މައްސަލާގައި ހައްޔަރުކުރި 18 އަހަރުގެ އެކެއްގެ ގޭގެ ކޮޓަރީގައި ހަރުކޮށްފައި ހުރި ސީލިން ފަންކާގެ ތަށިތެރެއަށް ލައި ފޮރުވާފައިވަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި އިއްޔެ ހައްޔަރުކުރި ތިންމީހުންގެ ތެރެއިން ކުޑަ ކުއްޖާއަށް ތ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަހުގެ ބަންދު މުއްދަތެއް ދީފައެވެ. އަދި 18 އަހަރުގެ ދެ މީހުންނަށް މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.