ބިދޭސީން

532 ބިދޭސީއެއްގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފި

ރާއްޖޭގައި އުޅޭ ބިދޭސީންގެ ފޮޓޯއާއި އިނގިލީގެ ނިޝާން ނަގައި ދަފްތަރު އަލުން އެކުލަވާލުމުގެ މަސައްކަތް ރަސްމީކޮށް ފެށިފަހުން މިހާތަނަށް 500 އަށް ވުރެ ގިނަ މީހުންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިމަސައްކަތް މިމަހުގެ ދެވަނަ ދުވަހު ފެށީ ކ. ހިންމަފުށިންނެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ކުރަނގި" ނަމުގައި ކުރިއަށްދާ އޮޕަރޭޝަންގެ ދަށުން މިހާތަނަށް ހިންމަފުށިން 532 ބިދޭސީއެއްގެ ބަޔޮމެޓްރިކް ޑާޓާ ނެގުމަށްފަހު ސިސްޓަމަށް އަޕްލޯޑް ކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ވަރަށް އަވަހަށް މިމަސައްކަތް އެއް ފަހަރާ ފަސް ރަށެއްގައި ފަށާނެ ކަމަށެވެ.

"ންމަފުށި ކައުންސިލުން މިކަމަށް ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވަން،" އިހްސާން ވިދާޅުވި އެވެ.


ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ ނެގުމުގެ މަސައްކަތް ގިނަވެގެން އެއް އަހަރު ތެރޭ ނިންމާނެ ކަމަށާއި މިމަސައްކަތް ނިމުމުން ބިދޭސީއެއްގެ މައުލޫމާތު ނޭނގޭ އެއްވެސް މީހަކު ރާއްޖޭގައި ނުހުންނާނެ ކަމަށްވެސް މިނިސްޓަރު ކުރިން ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި ބޮޑުވެފައި އޮތް ގަނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ގިނަ ވެގެން ތިން އަހަރު ތެރޭގައި ހައްލުކުރެވޭނެ ކަމަށްވެސް މިނިސްޓަރު ކުރިން ވިދާޅުވެފައިވެ އެވެ.