ޖޭއެސްސީ

ދަށު ކޯޓު ފަނޑިޔާރުންގެ އިންތިހާބު ހުއްޓުވަން މެޖިސްޓްރޭޓަކު ކޯޓަށް

ދަށު ކޯޓު ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކު ޖޭއެސްސީއަށް އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބު ހުއްޓުވަން، މެޖިސްޓްރޭޓަކު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އާ ދެކޮޅަށް ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު އޮތް އިންތިހާބު ހުއްޓުވަން، އެ އިންތިހާބުގައި ވާދަކުރެއްވި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހްމަދު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ދެކޮޅަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މައްސަލައެއް ހައިކޯޓަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހު އެވެ. ޖެހިގެން އައި ދުވަހު އެ މައްސަލަ ހައިކޯޓުން ވަނީ ބޭރުކޮށްލާފަ އެވެ.

ރަފީއުއްދީން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ފާހަގަކުރައްވާފައި އޮތީ ޑީޖޭއޭއިން، އެ އިންތިހާބު ބޭއްވުމަށް އެކުލަވާލި އުސޫލަކީ ޑީޖޭއޭއަށް ހެދޭނެ އުސޫލެއް ނޫން ކަމަށެވެ. އަދި އެ މައްސަލައިގައި ރަފީއުއްދީން އެދިފައި އޮތީ އެފަދަ އުސޫލެއް ހެދުމުގެ ބާރު ޑީޖޭއޭއަށް ނެތް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އެ މައްސަލަ ބޭރުކޮށްލަމުން ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝީދާ ވިދާޅުވެފައިވަނީ އެއީ ފުރަތަމަ މަރުހަލާގައި ހައިކޯޓަށް ބެލުމުގެ އިހްތިސާސް ލިބިފައިވާ މައްސަލައެއް ނޫން ކަމަށެވެ. އިންތިހާބުގެ ކުރިން މި މައްސަލަ ހައިކޯޓުން ވަނީ ބޭރުކޮށްލާފަ އެވެ.

ޖޭއެސްސީއަށް ފަނޑިޔާރު އިންތިހާބު ކުރަން ބޭއްވި އިންތިހާބުގައި ވާދަކުރެއްވި ރަފީއުއްދީނަށް އެންމެ ވޯޓެއްވެސް ލިބިވަޑައިގެންފައެއް ނުވެ އެވެ. އެ އިންތިހާބު ކާމިޔާބު ކުރެއްވީ ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު އެވެ. އެ އިންތިހާބުގައި ޖުމްލަ ފަސް ފަނޑިޔާރުން ވާދަކުރެއްވި އެވެ.