(12 އޯގަސްޓް 2024 އާ ގުޅޭ )
"ހައިކްބޭބީ ސޫޒީމެޑަމްއާއެކީ ދިޔަގޮތަށް އަދި ނާދޭ ގެއަކަށް." ހައިކްގެ ކޮޓަރި ކުރިމަތީ ހުރި އިޒީކިއަލްއާ މެއިޑްކުއްޖާ ވާހަކަދެއްކި އެވެ.
"ސޫޒީ އައީތަ؟." އިޒީކިއަލްއަށް އަހާލެވުނެވެ. އޭނާއަށް ވަގުތުން ހައިކްގެ ކޮޓަރީގެ ދޮރު ހުޅުވާލެވުނެވެ. އެތާކު އެއްވެސް މީހަކު ނެތެވެ. އޭނާ ސޫޒަން ގެއިން ނެރިލީކަމެއް މީހަކަށް ނޭނގޭނެ އެވެ. އަދި ސޫޒަން އެނބުރި އެގެއަށް އަތުވެއްޖެއްޔާ އޭނާ ނުވައްދާކަށް ވެސް އިޒީކިއަލް އަންގާފައެއް ނެތެވެ. އިޒީކިއަލްއަށް ބޮލުގައި ހިފަހައްޓާލެވުނެވެ.
ލިބިފައިވާ ހާސްކަމާއެކު ގޭގައި ހުރި އޮފީހަށް އިޒީކިއަލް ހަލުވިކޮށް އައިސް ވަނެވެ. އޭނާ ހިލްމީއާއި ޒާހިލްއަށް ގުޅި އެވެ. ވެގެން އުޅޭގޮތް ވަގުތުން އެމީހުންނަށް އިޒީކިއަލް ކިޔާދީފި އެވެ. ވީއެންމެ އަވަހަކަށް މާޔާއާއި ހައިކްވީ ތަނެއް ހޯދުމަށް އިޒީކިއަލް އެދުނެވެ.
ގަޑިއެއްހާއިރު ފަހުން އިޒީކިއަލްގެ ގޭގައި ހުރި އޮފީހުގައި އޭނާ އިންދާ މާޖިދު އަތުވެއްޖެ އެވެ. އޭނާ ފޮނުވީ ހިލްމީކަން އިޒީކިއަލްއަށް އެނގެ އެވެ. ވާހަކަދައްކާށޭ އިޝާރާތްކުރާ ފަދަ ބެލުމަކުން އިޒީކިއަލް ބަލާލި އެވެ.
"މިރޭ ހަތްގަޑިބައިކަން ހާއިރު ރާހިން ކިޔާ މީހަކުވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައި. މޫނު ނިވާކޮށްގެން ތިބި ބަޔަކު އޭނާއަށް ހަމާލީ ގަދަކަމުން މާޔާ ނަގައިގަނެގެން އެމީހުންގެ ވޭންއަށް އަރުވައިގެން ގެންގޮސްފައިވާކަމަށް. އެކަމުގައި ސޫޒަންއާއި އަފްރާހުގެ އަތެއްވަނީ. އަފްރާހުގެ ސަފާރީއެއްގައި މާޔާ ގެންދިޔަކަން އެނގި ފުލުހުންވަނީ މާޔާ ހޯދާފައި... މާޔާގެ ބަހެއް ފުލުހުން ހޯދިއިރު އޭނާ ބުނެފައިވަނީ ރާހިންއަށް އޮޅުމެއް އެރީކަމުގައި. ހުރިހާކަމެއް މާޔާ ކުރީ އަމިއްލަ އިޚްތިޔާރުގައި ކަމަށް. އެކަމުގައި މީހެއްގެ ނުފޫޒެއް އަދި މުޖުބޫރު ކުރުމެއްނެތް ކަމަށް." މާޖިދު ކިޔާދިނެވެ.
"މަޖުބޫރުކަމެއް ނެތިއޭ... އެވެސް ސޫޒަންއާއެކީ. ކޮންތާކަށް އެމީހުން ދިޔައީ؟." އިޒީކިއަލް ވެސް ސުވާލު އުފެދުނެވެ. އޭނާގެ ހިތް ވެސް އެކަމާ އެއްބަހެއް ނުވެ އެވެ. ސޫޒަންއާއެކީ މާޔާ ހިނގައިދާނޭ ކަމަށް ޤަބޫލު ނުކުރެވެނީ އެވެ.
"އަޅުގަނޑަށް ހީވާ އެއްޗެއް ބުނަންތޯ." މާޖިދު ބުންޏެވެ.
"ބުނެބަލަ." އިޒީކިއަލް ވަގުތުން ބުންޏެވެ.
"އަޅުގަނޑަށް ބޮޑަށް ލަފާކުރެވެނީ ހައިކް މެދުވެރިއަކަށް ހެދީހެން. މާޔާ ބްލެކްމެއިލް ކުރާން ސޫޒަން ބޭނުންކުރީ އެ ހަޤީޤަތްހެން ބޮޑަށް ބެލެވެނީ. ސޫޒަންއާއި އަފްރާހާ އެއްކޮށް މާޔާ ހުރީ ގުރައިދޫގައި. ފުލުހުން ނައްޓާލީމައި އެ މީހުން ވެސް މާޔާ ގޮވައިގެން ގޮސް އެރީ އެ ރަށު ފަޅުތެރޭގައި އޮތް ޑިންގީއަކަށް. އެ ހިސާބުގައި އަފްރާހުގެ ބޮޑު ސަފާރީ އޮންނާނީ. އެއިން މީހަކާއެކު ހައިކްއެއް ނުފެނޭ. އެހެންވީމަ ހީވަނީ މާޔާ އެ ގެންދަނީ އެމީހުން ހައިކް ބަހައްޓާފައި ހުރި ތަނަށްހެން." ވިސްނުންތެރިކަމާއެކު މާޖިދު ބުންޏެވެ.
"ސޫޒަން... ކީކޭ އަހަރެން ބުނާނީ... އަދި މިއުޅެނީ ސައުވީސް ގަޑިއިރު ނުވެގެން. އަހަރެންދެކެ ލޯބިވާ ގޮތަކީ މީތަ؟. އަހަރެން އަދި ހަނދާންނެތޭހާ ވަގުތެއްނުވޭ ސޫޒަންގެ މައްޗަށް އަހަރެންގެ ހިތުގައި އޮތް އިޙްސާސްތައް. އެކަމަކު އޭނާ... އަހަރެން ހުރީ ކަނުވެފައިކަން ޔަގީން. ހިސާބަށްވުރެ މޮޔައީ ވެސް އަހަރެން." އިޒީކިއަލްގެ ހިތް ވާހަކަދައްކަމުންދިޔައިރު ނުހަނު ބޮޑަށް އަމިއްލަ ނަފްސު އޭނާއަށް ކުށްވެރި ކުރެވުނެވެ.
"އިޒީކިއަލް." ކުއްލިއަކަށް ދޮރުން ވަދެގެން އައީ ޒާހިލް އެވެ. އޭނާގެ މޫނުން ވެސް ފާޅުވޭވޭ ހުރީ ކަންބޮޑުވުމާއި ހާސްކަމެވެ.
"މިޔާއާއި ހައިކް." ޒާހިލްއަށް ބަލާލަމުން އިޒީކިއަލްއަށް ބުނެވުނީ އެވަރަށެވެ.
ޒާހިލް އައީ ހުސްއަތާއެއް ނޫނެވެ. އަފްރާހާއި ސޫޒަންގެ އަތެއް މާޔާއާއި ހައިކް ރަހީނުކުރުމުގައި ވީނަމަވެސް އެ މީހުން ކުރިކަމެއްކަން ނިންމެން ނެތްކަން ޒާހިލް ބުންޏެވެ. އަފްރާހުގެ ނަމުގައި ހަތަރު ސަފާރީ އޮންނައިރު އެއިން އެއްވެސް ސަފާރީއެއްގައި ބަޔަކު ނެތްކަން ޒާހިލް ޔަގީންކޮށްދިނެވެ. ގުރައިދޫ ކައިރިން ނައްޓާލި ސަފާރީ ވެސް ހުޅުމާލޭ ފަޅުގައި އަޅާފައި މިހާރު އެބައޮތްކަން ޒާހިލް ބުންޏެވެ.
"ދެން ސޫޒަން ކޮބާ؟." އިޒީކިއަލްއަށް އަހާލެވުނެވެ.
"އޭނާ މިރޭ ރިސޯޓަށް ހިނގައްޖެ. އިރުކޮޅަކުން އަރޭ ގުޅާނެ. އޭރުން އެނގޭނެ އެކޮޅުގައި އޭނާ ހުންނާނީ ކިތައް ދުވަހުކަން." ޒާހިލް މިހެންބުނެ ސޫޒަން ހުރި ރިސޯޓުގެ މަޢުލޫމާތު ޚިއްޞާކުރި އެވެ.
"ޒާހިލް. އަހަރެންނަށް ކަމެއްކޮށްދީފާނަންތަ." އިޒީކިއަލް ބުންޏެވެ.
"އާން. ބުނޭ." ޒާހިލް ޔަގީންކަމާއެކު ބުންޏެވެ.
"މިވަގުތުން ފެށިގެން ސައުވީސްގަޑިއިރު ސޫޒަން މޮނިޓަރ ކުރާން މީހަކާ ހަވާލުކުރޭ. އަހަރެން އެނގެން ބޭނުން އޭނާ އުޅޭނޫޅޭ ހުރިހާ ގޮތެއް. އޭނާ ދާހާ ތަނަކާއި ބައްދަލުކުރާ ބަޔަކު ވެސް... އޭނާ އެކައުންޓަށް ނޫނީ އޭނާއާ ގުޅުން ހުރި އެކައުންޓަކަށް ވެސް ފައިސާ ވަދޭތޯ ބަލާތި. އޭނާ ކުރާ ފައިސާގެ މުއާމަލާތްތައް ވެސް ބަލަންވާނެ." އިޒީކިއަލް ބުންޏެވެ.
"މައްސަލައެއްނެތް. އަހަރެން އެކަން ހަމަޖައްސާނަން. އަފްރާހު ވެސް ދުލެއް ނުކުރާނަން. ސޫޒަންގެ ބައްޕައަށް ވާއިރު އޭނާގެ ހުރިހާ ކަމެއް ވެސް ބަލާނަން." ޒާހިލް ބުންޏެވެ.
"ތޭންކްސް." އިޒީކިއަލް މޭޒުދޮށުން ތެދުވަމުން ބުންޏެވެ.
"ކޮންތާކަށް ތިދަނީ؟." އިޒީކިއަލް ނުކުންނަން ހިނގައިގަތުމުން ޒާހިލް ނިކަން އަވަހަށް އަހާލި އެވެ.
"ލޯންޗު ހަމަޖައްސަން. އަފްރާހުގެ ސަފާރީއަކަށް މާޔާ ގެންގޮސް އެރުވީ. މިހާރު އޭނާގެ ސަފާރީއެއްގައި މީހަކުނެތިއްޔާ އޭގެ މާނައަކީ ކަނޑުމަތިން އެހެން އުޅަނދަކަށް މާޔާ އެރުވިއްޔޭ. އަހަރެންގެ ހިތެއް ނުބުނޭ އަދި އެމީހުން އެއްވެސް ރަށެއްގައި ޖައްސަފާނޭ. ފަހަރެއްގައި ކަނޑުމަތީގައި މަޑުކޮށްގެން ތިބިނަމަ މިހާރު އަހަރެން ނުކުމެއްޖެއްޔާ ފެނިދާނެ." އިޒީކިއަލްގެ ވިސްނުމުގައިވީ ކީކޭކަން އޭނާ ހާމަކުރި އެވެ.
"އާން. ޕޮސިބަލް... އެކަމަކު އިޒީކިއަލް މާލެއިން ބޭރަށް ދާނީ ކިހިނެއް؟. ކާފަ ހޮސްޕިޓަލުގައި އޮއްވާ އެއްވެސް ތާކަށް ގޮސްގެން ނުވާނޭކަން ސަރީކާ އާންޓީ ބުންޏެއްނު. އަނެއްކާ މާޔާއާއި ހައިކްގެ ހަޤީޤަތް ވެސް އޮތީ ސިއްރުވެފައި." ޒާހިލް ބުންޏެވެ.
"އަހަރެން ނުގޮސްނުވާނެ. އެމީހުންގެ އަހަރެންނޫނީ ކާކު ހުރީ... އެކަމަކު އޭގެ ކުރީން ފުރަތަމަ ސޫޒަން ކައިރިޔަށް ދާނީ. މިކަން ރީތި ގޮތުގައި ހައްލުވޭތޯ ބަލަން." އިޒީކިއަލް ބުންޏެވެ.
* * * * *
ކޮޓަރީގެ ކުރިމަތިން ފެންނަން އޮތީ އަތިރިމައްޗެވެ. މިލަ ހަނދުވަރެއް ދީފައިވާއިރު އެއްވަރަކަށް ރާޅު ބީއްސާލާ އަޑު މުޅި ހިސާބަށް އިވިއިވި ހުއްޓެވެ. ދެ ފައިވަންކިބަ އަތަށް ނަގައިގެން ރާޅުފަށުގައި ހިނގަމުން އައި ސޫޒަން އިށީނީ އަތިރިމައްޗާ ކުރިމަތިވާނޭހެން ބަހައްޓާފައި ހުރި ދިގު ބީޗު ގޮނޑީގަ އެވެ. އިށީނުމާއެކު ފައިކައިރިޔަށް ދެފައިވަންކިބަ ވައްޓާލައިފި އެވެ. އަދި ދެފައި ނަގައި ގޮނޑީގައި ދެމިލައިފި އެވެ. މަޑުމަޑު ވައިރޯޅިތައް ކުރާ ސަމާސާއިން އިސްތަށިގަނޑު ސަލާމަތް ކުރަމުން ވައަތްފަރާތު ކޮނޑުމަތިން ކުރިމައްޗަށް ގެނެސް އަތުން ހިފަހައްޓާލި އެވެ. އެގޮތުގައި ގިނައިރެއް ނުވަނީސް އޭނާގެ ކައިރިޔަށް މީހަކު އަންނަކަމުގެ ހިލަން ވެގެން ބަލާލި އެވެ. އެހިނދުން އޭނާގެ ތުންފަތަށް ވެރިވީ މާނަވީ ފުޅާ ހިނިތުންވުމެކެވެ. އަވަސްއަވަހަށް ތެދުވެ ގޮނޑީގައި އިށީނދެލައިފި އެވެ.
"އިޒީކިއަލް... މިތާ. އަހަރެންނާ ދުރަކު ނުހުރެވުނު ދޯ. އަހަރެންހާ ލޯބިވާނެ މީހަކު މި ބޮޑު ދުނިޔެއިން ވެސް ނުލިބޭނެކަން އެނގުނީތަ؟." ހެވިލާފައި ސޫޒަން ވާހަކަދެއްކި އެވެ.
"ކޮބާ މާޔާއާއި ހައިކް؟. ކޮންތާކު އެމީހުންވީ؟." އިޒީކިއަލް ސުވާލުކުރީ ނުރުހުމާއެކު އެވެ.
"އިޒީ... ތަންކޮޅެއް ލޯބިން ވާހަކަދައްކަބަލަ. އަހަރެން ފެންނައިރަށް ސޫޒީއޭ ގޮވާލާ ގޮތަށް ނިކަން ގޮވާލަބަލަ." ސޫޒަން ތެދުވެ އިޒީކިއަލްގެ އަތުގައި ހިފާލި އެވެ. އިޒީކިއަލްގެ މޫނުން ފާޅުވީ ފޫހިކަމެވެ. ސޫޒަންގެ ހަޤީޤީ ސިފަ މިފެންނަނީ އަދިކިރިޔާކަން އިޒީކިއަލްއަށް އެނގުނެވެ. އޭނާ ރުޅިގަދަވެގެން ސޫޒަންގެ ކައިރިން މިވަގުތު ކުރިޔެއް ނުލިބޭނެކަން އިޒީކިއަލްއަށް ވިސްނުނެވެ. އޭނާ އައިސް އެ ހުރީ ސޫޒަން ކައިރިން ކަމެއް ބޭނުންވެގެންނެވެ. ވީއިރު ގޮތްދޫކުރަން ޖެހޭނީ ވެސް އޭނާއަށްކަން އިޒީކިއަލްގެ ޟަމީރު ހަނދާންކޮށްދިނެވެ.
"ސޫޒީ. ޕްލީޒް. ކޮންތާކަށް އެމީހުން ގެންދިޔައީ؟." ސޫޒަންގެ އަތްތިލަ އަތުގެ ތެރެއަށް ލަމުން އިޒީކިއަލް ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ.
"އެއްވެސް މީހަކަށް ނޭނގޭނެ... ނުފެންނާނޭ ތަނަކަށް." އެއްވަރަކަށް ހިނިއައިސްފައި އިނދެ ސޫޒަން ވާހަކަދެއްކި އެވެ.
"ސޫޒަން. އެމީހުން ދޫކޮށްލާ... ހިނގިކަމެއް ހިނގީ އަހަރެމެން ދެމެދުގައި. އެކަމާ އެމީހުންނާ އެއްވެސް ގުޅުމެއްނެތް. އަހަރެންނަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން. އައި ވޯސް ޓޫ އިމްޕަލްސިވް ވިތް ޔޫ... ސޫޒީ. އަހަރެން ބޭނުން ހުރިހާކަމެއް ރަނގަޅުކުރަން." އިޒީކިއަލް ބުންޏެވެ.
"އަހަރެންނަކަށް ނޭނގެ އެމީހުންވީތަނެއް." ސޫޒަން ބުންޏެވެ. އިޒީކިއަލް ކައިރިޔަށް ރުޅިއަންނަ ގޮތްވި އެވެ. އޭނާއަށް ސޫޒަންގެ އަތުގައި ހިފައި ބާރުކޮށްލެވުނީ ބޭއިޚްތިޔާރުގަ އެވެ.
"ގަދަކަމުން އަހަރެންގެ މައްޗަށް ބާރުފޯރުވަންތަ ތި ގަސްދުކުރަނީ. ހެ ހެ ހެ... އެންމެ ރަނގަޅު. އިޒީއަށް އެ ހައްޤު ވެސް ދީފިން. އައި ކާންޓް ލިވް ވިތައުޓް ޔޫ. ތި ދެ އަތުން މަރުވެގެންދާން ވެސް ވަރިހަމަ." ސޫޒަން ބުންޏެވެ.
"ސޫޒަން." އިޒީކިއަލް ގޮވާލީ ތަންކޮޅެއް ބާރަށެވެ. އަދި ދުރަށް ސޫޒަން ކޮށްޕާލައިފި އެވެ.
"އަހަރެން ބޭނުންވާގޮތް އަޑުއަހާ. އަހަރެން ބޭނުމީ އިޒީކިއަލް އަހަރެންނާ އިންނަން. އިޒީކިއަލްގެ އަނތްބަކަށް އަހަރެން ހަދަން. އަހަރެންނާއި އިޒީކިއަލްގެ ދަރިއެއް ހޯދަން. ހަމައެކަނި އަހަރެމެން ދެ މީހުންގެ ދަރިއެއް. އަހަރެން މިހާ ދުވަހު ދެކެމުން އައި ހުވަފެން ހަޤީޤަތަކަށް ހަދަން ބޭނުމީ. އެ ހުވަފެން ފުނޑުފުނޑުކޮށްލީ އޭނާ... އަހަރެން ނޭދެން އޭނާ ދުނިޔޭގައި ބަހައްޓާކަށް ވެސް." ސޫޒަން ބުންޏެވެ.
"ސޫޒަން މޮޔަވީތަ؟. މިޔާއާ މެދުގައި ކޮންހަސަދައެއްލާކަށް. އޭނާއާއަކީ ތިހީކުރާ ކަހަލަ އަންހެނެއްނޫން. އޭނާ ނޫޅޭ ސޫޒަންއަށް ކަމެއްކުރާކަށް. އެހެންނޫނަސް އޭނާ މެދުވެރިކޮށް ހައިކް ލިބުނީތީ ދޯ ސޫޒަންގެ ފުރާނަ އެކުއްޖާ މެދުވެރިކޮށް ސަލާމަތްކުރެވުނީ." އިޒީކިއަލްއަށް ބުނެވުނެވެ.
"އަހަރެންނަށް ވަރިހަމަ. ހަމަ އޭނާ އަހަރެމެންގެ ކައިވެނިވިޔަ ނުދިނީ." ސޫޒަން ވެސް ހިތްހަމަނުޖެހުނެވެ. އިޒީކިއަލް މާޔާ ރަނގަޅުކުރާހެން ސޫޒަންއަށް ހީވާތީ އެވެ.
"އަމިއްލަ މީހާގެ ސަބަބުން ކައިވެނި ނުކުރެވުނީ. ސޫޒަންއަށް އަދިވެސް ނުވިސްނޭތަ؟. ތިމާގެ ކުށް ޤަބޫލުނުކުރަން ތިއުޅެނީ ކީއްވެތަ؟. އަހަރެން ސޫޒަންއާ އިންނަން ބޭނުންނުވީ މީހެއްގެ ސަބަބަކުންނޫން. ސޫޒަން އަމިއްލައަށް ކުރި ކަމެއްގެ ސަބަބުން." އިޒީކިއަލް ބުންޏެވެ.
"އަހަރެން ވެސް ބުނީމެންނު އެއީ ގަސްދުގައި ކުރިކަމެއްނޫނޭ. އަހަރެން ވެސް އެހެންވާނެ ކަމަކަށް އުންމީދެއް ނުކުރަމޭ. އިޒީއަށް ކީއްވެތަ އަހަރެންނަށް މަޢާފު ނުކުރެވެންވީ... އިތުރަށް މިވާހަކަ ދައްކާކަށް ނޫޅެން. އިޒީކިއަލްގެ ގޮތް އަހަރެންނަށް އެނގޭ. އަހަރެންގެ ކައިރިޔަށްކަން އެނގޭ އެންމެފަހުން އަންނާނީ... އެނޫން ގޮތެއް ނެތް. ގައިމު ވެސް އެމީހުން ސަލާމަތެއްނުވާނެ. އޮތީ މަރު." ސޫޒަން ފަހު ބަސް އިއްވާލަމުން ހިނިތުންވެލި އެވެ.
"ސޫޒަން... ކޮންކަމެއްތަ ކަލޭ ބޭނުންވަނީ؟. ކިހިނެއް ހެދިއްޔާ އެމީހުން ދޫކޮށްލާނީ." އިޒީކިއަލް ހަޅޭލަވައިގަތެވެ.
"އަދިވެސް އިޒީކިއަލް ނޭނގޭތަ؟. ބަލަ އަހަރެން ބޭނުމީ އިޒީކިއަލްއާ އިންނާށޭ... އިންނާށޭ..." ސޫޒަން ވާހަކަދައްކަމުން އައިސް އިޒީކިއަލްގެ ކަނާއަތުގެ މުލައްދަނޑީގައި ހިފާލި އެވެ.
"ގާޑަންވިއު ހޮޓެލްގެ ރޫފްޓޮޕްގައި އަހަރެމެންގެ ޕާޓީ ބާއްވާނީ. އަހަރެން ބޭނުން ބޮޑެތި ވިޔަފާރިވެރިންނާއި މަޝްހޫރު އެތައް ބަޔަކަށް އެ ޕާޓީއަށް ދަޢުވަތުދޭން. އެހެންނޫނަސް އަހަރެން އިންނަން މިއުޅެނީ އާދައިގެ މީހަކާ ނޫން ދޯ. ފަހަރެއްގައި އަހަރެމެން ހަނީމޫން ނިންމާފައި އަންނަފަހުން އެމީހުން ސަލާމަތުން ފެނިދާނެ. އެގޮތް ކިހިނެއްވާނެ؟. އިޒީކިއަލް ބޭނުމެއްނޫން ދޯ... އެހެންވިޔަސް އިޒީކިއަލް ޖަވާބެއްދޭން ނަގާ ވަގުތަކީ އެމީހުންގެ ފުރާނައަށް ވެސް އޮތް ނުރައްކާ ބޮޑުވަމުންދާނޭ ކަމެއް." ސޫޒަން ބުންޏެވެ.
"ސޫޒަން." އިޒީކިއަލްއަށް މިފަހަރު ގޮވާލެވުނީ ވައި އަޑުން ކަހަލަ ގޮތަކަށެވެ. ސޫޒަން ބަލާލާފައި ހީނލީ އެވެ.
"އަހަރެންނަށް ދެން ގޮވާނީ އިޒީކިއަލް ނިންމާގޮތެއް ބުނަން." ސޫޒަން މިހެން ބުނެފައި ގޮނޑި ކައިރިން ފައިވަން ނަގައިގެން ހިނގައިގަނެއްޖެ އެވެ.
ސޫޒަން ދުރަށް ގޮސް ގެއްލުމުން އިޒީކިއަލްއަށް އިށީނދެވުނީ ސޫޒަން އިނދެފައި ތެދުވި ގޮނޑީގަ އެވެ. އޭނާއަށް ނިތްކުރީގައި ދެ އަތުން ފިރުމާލެވުމާއެކު ހިފަހައްޓާލެވުނެވެ. ދެ ކަކުލުގައި ވިއްދާލި ދެ އަތުގެ ތެރޭ މޫނު ފޮރުވާލަމުން އިޒީކިއަލް ލޯމަރާލި އެވެ. އޭނާގެ ކަންފަތުގައި މިޔާގެ އަޑުން އިޒިކްއޭ ކިޔާ ގޮވާލި އަޑު ޖެހުނު ފަދަ އެވެ. މާޒީގެ ދޮރުފަތުން ހަނދާނުގެ ތެރެއަށް އޭނާއަށް ވަދެވުނެވެ. މިޔާއާއެކު ހޭދަކުރި ދުވަސްތައް އިޒީކިއަލްގެ ލޯ މައްޗަށް ސިފަވަމުންދިޔަ އެވެ. އިޒީކިއަލްގެ ހުރިހާ އެދުމަކަށް މިޔާ މަރުޙަބާ ކިޔެވެ. އެކަން އިޒީކިއަލްއަށް އެނގެ އެވެ. ބަނޑުބޮޑުވުމުން މީޔާ އުޅުނު ގޮތް ވެސް އިޒީކިއަލް ހަނދާން އެބަހުއްޓެވެ. ދަރިފުޅު ބަނޑުގައި ތޮޅެންފެށުމުން އިޒީކިއަލްއާ އެ އިޙްސާސް މިޔާ ޚިއްޞާކުރި ދުވަސް އިޒީކިއަލްގެ ހަނދާނުގައި ވެއެވެ. އެހެންވިޔަސް އެ ދުވަހަކީ އިޒީކިއަލްއަށް ޚާއްޞަ ދުވަހެއްކަމުގައި ނުވި އެވެ. އޭރު ވެސް އޭނާ އުޅުނީ ހިތުގައި އެހެން އަންހެނަކު ފޮރުވައިގެން ކަމަށް ވީމަ އެވެ. އާރޯކަންވީ ރީތި ތާޒާ މަލެކޭ އެއްފަދަ މިޔާ ބިނދެލީ އިޒީކިއަލްގެ ދެ އަތުންނެވެ. އަދި އެ މާ މޯޅިވެ ދިރުންނެތެމުން ދިޔައީ އިޒީކިއަލްގެ އަތުގެ ތެރޭގަ އެވެ. އޭނާގެ ޢަމަލުތަކުގެ ސަބަބުންނެވެ. އޭނާ މިޔާ ދޫކޮށްލީ ސޫޒަންއަށް ޓަކަ އެވެ. ނަމަވެސް ހިތުގައިވީ ހުސްކަން ފޫބެއްދޭ ގޮތެއް ނުވެ އެވެ. އެކަން އިޙްސާސް ކުރެވޭ ކޮންމެފަހަރަކު އޭނާ ރުޅިގަދަވަނީ އެވެ. ފަސް އަހަރު ފަހުން ކުރިމަތިން މާޔާ ފާޅުވުމާއެކު އަނެއްކާ ވެސް އިޒީކިއަލްއަށް ނޭނގޭ ގޮތެއްވެއްޖެކަން އިޙްސާސް ކުރެވުނެވެ. އެއްގޮތްނެތިއްޔާ އަނެއްގޮތެއް ހޯދައިގެން ވިޔަސް މާޔާގެ ކައިރިޔަށް އިޒީކިއަލްއަށް ދެވެނީ އެކަމުގައި އޭނާގެ އަމިއްލަ އިޚްތިޔާރެއްނެތް ފަދައަކުންނެވެ. އެއީ ހަށިގަނޑުގެ ބޭނުންވުމެއްކަމުގައި ނިންމީ ވެސް އިޒީކިއަލް އަމިއްލައަށެވެ. ސޫޒަންއާ މެދު ވިސްނާފަ އެވެ. ފުރާވަރުންފެށިގެން ހިތުގައި އުފެދުނު ލޯތްބަށް ޤަދަރުކުރާތީ އެވެ. ސޫޒަންއަށް ވީ ވަޢުދު ފުއްދަން ބޭނުންވާތީ އެވެ.
"މިޔާ... ހައިކް..." ދޫކޮށްލި ފުންނޭވާއާއެކު އިޒީކިއަލް ކިޔާލި އެވެ.
(ނުނިމޭ)