އޮޑިޓާ ޖެނެރަލް އޮފީސް

އިންޑިއާއިން ނަގާފައިވާ ދަރަނި 2027ގެ ނިޔަލަށް 48 އިންސައްތައަށް އަރާނެ

ރާއްޖެއިން ނަގާފައިވާ ބޭރު ދަރަނީގެ ތެރެއިން އިންޑިއާގެ އެގްޒިމް ބޭންކުން ނަގާފައިވާ ދަރަނީގެ އިންސައްތަ 2027 ވަނަ އަހަރު 48 އިންސައްތައަށް އިތުރުވާނެ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު މީޑިއަމް-ޓާމް ދަރަނީގެ ސްޓްރެޓެޖީގެ ރިވިއުގައިވާ ގޮތުން 2027 އަހަރު ދައުލަތުގެ ބޭރު ދަރަނީގެ 48 އިންސައްތަ ހިއްސާކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުން ނަގާފައިވާ ދަރަންޏެވެ. އެއީ 2022 ވަނަ އަހަރާ އަޅާ ބަލާއިރު 38 އިންސައްތައިގެ އިތުރުވުމެކެވެ.

އޮޑިޓް އޮފީހުން ބުނީ އޭގެ އެންމެ ބޮޑު ސަބަބަކަށް ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނުތަކަށް އިތުރު ފައިސާ ދައްކަން ޖެހުން ކަމަށެވެ. އެގޮތުން މި އަހަރު އިންޑިއާގެ އެގްޒިމް ބޭންކުން ހިއްސާކުރަނީ 18 އިންސައްތަ އެވެ.

ޗައިނާގެ އެގްޒިމް ބޭންކުން ހިއްސާކުރަނީ 19 އިންސައްތަ އެވެ. އަދި ދައުލަތުގެ ބޮންޑު ގަނެފައިވާ ބޭރު މީހުން 20 އިންސައްތަ ހިއްސާކުރާއިރު ސައުދީ ފަންޑުންނާއި އިންޓަނޭޝަނަލް ޑެވެލޮޕްމަންޓް އެސޯސިއޭޝަނުން ހިއްސާކުރަނީ ފަސް އިންސައްތަ އެވެ. އޯޕެކް ފަންޑުންނާއި، އަބޫ ދާބީ ފަންޑުން އަދި އޭޝިއަން ޑެވެލޮޕްމަންޓް ބޭންކުން ހިއްސާކުރަނީ 4 އިންސައްތަ އެވެ. މި އަހަރު ބޭރު ދަރަނީގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އެހެނިހެން ފަރާތްތަކުންނެވެ.

ބޭރު ދަރަނީގެ އެންމެ ބޮޑު އިންސައްތައެއް 2022 ވަނަ އަހަރު ހިއްސާކޮށްފައިވަނީ ޗައިނާގެ އެގްޒިމް ބޭންކުންނެވެ. ނަމަވެސް 2027 ވަނަ އަހަރު އެ އަދަދު 13 އިންސައްތައަށް ދަށްވެ އެވެ.

ރިވިއުއިން ދައްކާ ގޮތުގައި ދައުލަތުގެ ބޮންޑު ގަނެފައިވާ ބޭރު ފަރާތްތަކުން ހިއްސާކުރާ އިންސައްތަ 2027 ވަނަ އަހަރު ނިމޭއިރު ސުމަކަށް ވެއްޓެ އެވެ.

އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވަނީ އެއް ބައެއްގެ ނުވަތަ އެއް ގައުމަކުން މާ ބޮޑު އަދަދެއްގެ ދަރަނި ނެގުމުގެ ނުރައްކާތެރިކަން ފާހަގަކުރައްވާ، އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެެވެ.

"ގައުމުތަކުގެ ދަރަނީގެ ހިއްސާއަށް އަންނަ ބޮޑެތި ބަދަލުތަކަކަކީ ދަރަނި އެކުލެވިގެންވާ ގޮތާމެދު ޔަގީންކަން ކުޑަވެގެންދާ ކަމެއް،" އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.

އޮޑިޓާ ޖެނެރަލް އިތުރަށް ވިދާޅުވީ އެއް ގައުމަކުން ނުވަތަ އެއް މާލީ މުއައްސަސާއަކުން ދަރަނި ނެގުމުގައި ބަރޯސާވުމުގެ ސަބަބުން ދަރަންޏާ ބެހޭ މަޝްވަރާތައް އެހެން ގައުމުތަކާއެކު ކުރުމަށް ދައުލަތަށް ލިބޭ ފުރުސަތުތައް މަދުވާނެ ކަމަށެވެ.