ހަބަރު

ކިޑްނީ ގައި އުފެދޭ ހިލަ ގޮއްވާ ސާޖަރީގެ ހިދުމަތް އޭޑީކޭ އިން ފަށައިފި

ސުޕަ ސްޕެޝަލިސްޓް ޔޫރޯ ސާޖަންއަކާ އެކު ފެޅުމަކާއި ނުލައި ކިޑްނީ އަދި ބްލެޑާގައި އުފެދޭ ހިލަ ގޮއްވާލާ ސާޖަރީ (ލޭޒާ ޔޫރޯ ސާޖަރީ) ގެ ހިދުމަތް އޭޑީކޭ ހޮސްޕިޓަލުގައި ފަށައިފި އެވެ.

ލޭޒާ ޔޫރޯ ސާޖަރީއެއް އެންމެ ފުރަތަމަ އޭޑީކޭގައި ހެދީ އިއްޔެ އެވެ. އެ އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމާއެކު ނިންމާލެވުނު ކަމަށް އޭޑީކޭ އިން ވަނީ ބުނެފަ އެވެ.

ލޭޒާ ޔޫރޯ ސާޖަރީއަކީ ފެޅުމެއް ނެތި ކިޑްނީ އަދި ބްލެޑާގައި ހުންނަ ހިލަ ލޭޒާ ބޭނުންކޮށްގެން ގޮއްވާލާ ސާޖަރީއެކެވެ. އެ ހިދުމަތް އޭޑީކޭގައި ފެށުން އިއުލާނުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ، އޭޑީކޭއާއި ވަރަށް ފަހުން ގުޅުނު ޔާރޯ ސާޖަން ޑރ. ޕްރަދީޕް ސުބޭދީ އެ ހޮސްޕިޓަލާއި ގުޅުމަށްފަހު ޔޫރޮލޮޖީގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ހިދުމަތްދިނުމުގެ މަސައްކަތް އޭޑީކޭން ފެށި ކަމަށެވެ. އެގޮތުން އިއްޔެ އަލަށް ރާއްޖޭގައި ކުރި ފުރަތަމަ ލޭޒާ ޔޫރޯ ސާޖަރީއަކީ އެ މަސައްކަތްތަކުގެ ތެރެއިން ހާސިލުވި އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.

"މީގެ ކުރިންވެސް ރާއްޖޭގައި ޔޫރޮލޮޖިސްޓުން ތިބޭ. އެކަމަކު ސުޕަސްޕެޝަލިސްޓު ފެންވަރަށް ޔޫރޯ ސާޖަންއެއްގެ ހިދުމަތް މި ދެވެނީ ފުރަތަމަ ފަހަރަށް. ޑރ ޕްރަދީޕް މިކޮޅަށް ގެންނެވުމަށް ފަހު މިދާއިރާއިން އަޅުގަނޑުމެން އިންވެސްޓްމަންޓް ތައް ކުރަން ފެށީ. އެގޮތުން ސާޖަރީ ހަދަން ސެޓަޕް ގާއިމްކުރަން ތިއޭޓަރަށް އެކަނިވެސް ފަސް މިލިއަން ރުފިޔާ އަޅުގަނޑުމެން މިވަނީ ހޭދަކޮށްފައި،" އައްފާލް ވިދާޅުވި އެވެ.

އައްފާލް ވިދާޅުވީ އޭޑީކޭ އިން އަބަދުވެސް މަސައްކަތް ކުރަނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ދޭ މުހިއްމު ހިދުމަތް ޒަމާނީ ޓެކްނޮލޮޖީއާއެކު ރާއްޖޭގެ ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށެވެ.

"މީގެ ކުރިން ހިލައެއް އުފެދިއްޖެ ކަމަށް ވަންޏާ ދާންޖެހެނީ ރާއްޖެއިން ބޭރަށް. އެކަމަކު މިހާރު އަޅުގަނޑު ބުނެލަން ބޭނުން ވަނީ، އަޅުގަނޑުމެންގެ ފަސްގަނޑުގަ މިހާރު މި ހިދުމަތް ލިބެން އެބަހުއްޓޭ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރާ އެންމެ މޮޅު ޓެކްނޮލޮޖީއާއެކު. އެއްވެސް ތަނެއް ނުފަޅާ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މި އޮޕަރޭޝަން މި ކުރަނީ،" އައްފާލް ވިދާޅުވި އެވެ.

އޭޑީކޭގެ ޗީފް މެޑިކަލް އޮފިސާ ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ، ބްލެޑާގައި ހުންނަ ހިލަ ލޭޒާއިން ގޮއްވާލެވޭ އޮޕަރޭޝަން ރާއްޖޭގައި ފެށުމަކީ ސިއްހީ ދާއިރާއަށް އައި ބޮޑު އިންގިލާބެއް ކަމަށެވެ. އޭނާ ވިދާޅުވީ ޑރ. ޕްރަދީޕް އޭޑީކޭއާއި ގުޅިވަޑައިގެންނެވި ފަހުން އެ ހޮސްޕިޓަލުން ގިނަ ކާމިޔާބު މަސައްކަތްތަކެއް ޔޫރޮލޮޖީ ދާއިރާއިން ކުރަމުންދާ ކަމަށެވެ. އެގޮތުން އުފަންވާއިރު ޓެސްޓިސް ތިރިއަށް ނައިސް ހުންނަ ކުދިންގެ ޓެސްޓިސް ތިރިއަށް ގެނެސްދިނުމާއި ކިޑްނީ އަދި ކިޑްނީ އާއި ގުޅިފައި ހުންނަ ހޮޅިތަކުގެ ނިޒާމުގައި ހުންނަ އައިބު ކަންތައްތައް ފިލުވުމުމަށް ބޭނުންވާ ސާޖަރީވެސް އެ ހޮސްޕިޓަލުން މިހާރު ހަދާ ކަމަށެވެ.

"އޭޑީކޭން އަލަށް މި ފެށި ސާޖަރީ އަކީ، ހަށިގަނޑުގެ ތަނެއް ނުތޮރުފައި، ކުޑަކަމުދާ ހޮޅިން އެތެރެއަށް ގޮސް ބްލެޑާ ތެރެއިން ކިޑްނީ ބްލެޑާގެ ދެމެދުގައި އިންނަ ހޮޅިތެރެއިން ގޮސް ކިޑްނީ ތެރޭގައި ހުންނަ ހިލަ ހާއްސަ އިކްއިޕްމަންޓަކުން ލޭޒާއިން ގޮއްވާލާ ސާޖަރީއެއް. އެ ސާޖަރީ ވަރަށް ކާމިޔާބު ކަމާއެކު އިއްޔެ ވަނީ ނިންމާލާފައި،" ޑރ. ނިޔާފް ވިދާޅުވި އެވެ.

ލޭޒާ ޔޫރޯ ސާޖަރީގެ ހިދުމަތް އޭޑީކޭއިން ތައާރަފްކޮށްފައިވާއިރު ދާދި ފަހުން އެ ހޮސްޕިޓަލުން ވަނީ ނީ (ކަކޫ) ރިޕްލޭސްމަންޓް ސާޖަރީގެ ހިދުމަތް ވެސް ތައާރަފްކޮށްފަ އެވެ.