ކަނޑު އަޑީގައި މީރު ފެން އުފައްދާ ނިޒާމު ގާއިމުކުރުމުގެ ދިރާސާ ފެށުމަށް މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި ފްލޯޝަންއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެމްޑަބްލިއުއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ފްލޯޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލެގްޒަންޑާ ފުލެސަންގެވެ. އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ.
މިރަސްމިއްޔާތުގައި އެންވަރަންމެންޓް މިނިސްޓްރީ، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ) އަދި އެމްޑަބްލިއުއެސްސީގެ އިސްވެރިންނާއި މެނޭޖްމަންޓް ޓީމުންވެސް ބައިވެރިވި އެވެ.
މި ދިރާސާގެ ތެރެއިން ކަނޑު އަޑީގައި އާރްއޯ ޑީސެލިނޭޝަން ސިސްޓަމު ގާއިމުކުރުމަށް ބޭނުންވާ ފަންނީ މަޢުލޫމާތު ހޯދައި އެކަމަށް ބޭނުންވާ ކަނޑު އަޑީގެ ދިރާސާތަކާއި، ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ދެނެގަނެ، މިގޮތަށް ފެން އުފެއްދުމާ ގުޅޭ މާލީ ހިސާބުތައް ތައްޔާރުކުރާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެ އެވެ.
އެ ކުންފުނިން ބުނީ ދިރާސާގެ މައިގަނޑު ދައުރަކީ މިހާރު ލިބެންހުރި މިކަމާ ގުޅޭ މަޢުލޫމާތާއި ފަންނީ ލިޔެކިޔުންތައް ފޯރުކޮށްދިނުމާއި، ސަރުކާރުގެ ވުޒާރާތަކާއި އެހެނިހެން އިދާރާތަކުން ބޭނުންވާ ހުއްދަތައް ހޯދުމަށް އެހިތެރިކަން ފޯރުކޮށްދިނުމާއި، ރާއްޖޭގައި މި މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
"މި ދިރާސާގެ އަލީގައި މީރުފެން އުފައްދާ ނިޒާމެއް ގާއިމުކުރެވިއްޖެނަމަ ރާއްޖޭގެ އިތުރުވަމުން އަންނަ އާބާދީއާއި ފެނުގެ ޑިމާންޑާއި އެއްވަރަށް ފެން އުފެއްދޭވަރާއި ރައްކާކުރެވޭނެ ނިޒާމުގެ ގާބިލުކަން އިތުރުކުރެވޭނެ އާ އީޖާދީ ގޮތްތައް ހޯދުމަށް މަގުފަހިވެގެންދާނެ،" އެމްޑަބްލިއުއެސްސީން ބުނެ އެވެ.
އެ ކުންފުނިން ބުނީ މީގެ ސަބަބުން ސާފު ރައްކާތެރި ފެން އުފައްދާ ފޯރުކޮށްދޭ ނިޒާމު ގާއިމްކުރުމަށް ދިމާވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބޭނެ ކަމަށެވެ. އަދި ރާއްޖޭގައި ފެން އުފެއްދުމަށް މިހާރު ބޭނުންކުރާ ހަކަތައާއި އެކަމަށް ހޭދަކުރެވޭ ހަރަދު ކުޑަކުރެވޭނެ ކަމަށެވެ.
އެމްޑަބްލިއުއެސްސީ އިން އިތުރަށް ބުނީ މި ދިރާސާގެ ސަބަބުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތައާއި ބެހޭ ސިޔާސަތުތަކުގެ އިތުރުން، އދގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައްވެސް ހާސިލްކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ގައުމީ ފެންވަރުގައި ރައްކާތެރި ބޯފެން ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި އުފައްދާ ފޯރުކޮށްދެވި އޭގެ އިޖުތިމާއީ އަދި އިގްތިސާދީ މަންފާ އެންމެހާ ރައްޔިތުންނަށް ފަހިކޮށްދޭނެ ކަމަށްވެސް ބުންޏެވެ.
ގުދުރަތީ ވަސީލަތްތައް ބެލެހެއްޓުމާއި ތިމާވެށި ހިމާޔަތްކުރުމުގެ އަމާޒުތައް ހާސިލްކުރުމުގައިވެސް މުހިއްމު ދައުރެއް މި ދިރާސާ އަދާކުރާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ އަމާޒަކީ މެދުކެނޑުމެއްނެތި ދެމެހެއްޓެނެވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.