ހަބަރު

އަޕްގްރޭޑްކުރުމަށް ސީޓީ ސްކޭންގެ ހިދުމަތް އޭޑީކޭއިން މެދުކަނޑާލައިފި

ދެހާސް ހަވަނަ އަހަރުން ފެށިގެން އޭޑީކޭ އިން ދެމުންދާ ސީޓީ ސްކޭންގެ ހިދުމަތް އަޕްގްރޭޑް ކުރުމަށް މާދަމާއިން ފެށިގެން އެއް މަސްދުވަހަށް ހިދުމަތް މެދުކަނޑާލަން އޭޑީކޭ ހޮސްޕިޓަލުން ނިންމައިފި އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ، ކުރިއަށް އޮތް މަހެއްހާ ދުވަހު ސީޓީ ސްކޭންގެ ހިދުމަތް އޭޑީކޭ އިން ނުލިބޭނެ ކަމަށެވެ. ހިދުމަތް މެދުކަނޑާލީ، ކުރިން އެ ހިދުމަތް ދޭން ބޭނުންކުރަމުން އައި މެޝިނަކީ މިޒަމާނަށް ފެތޭވަރަށް ވުރެ ކޮލިޓީ ދަށް މެޝިނެއް ކަމަށް ގަބޫލުކުރެވޭތީ، މި ޒަމާނަށް ފެތޭ އެންމެ ފަހުގެ ސީޓީ ސްކޭން މެޝިނެއް އެ ހޮސްޕިޓަލަށް ގެނެސް އިންސްޓޯލް ކުރުމަށް ކަމަށެވެ.

އައްފާލް ވިދާޅުވީ އަަލަށް ގެންނަ "ސޮމަޓޮމް ޑެފިނިޝަން އޭއެސް 128 ސީޓީ ސްކޭން" މެޝިނަކީ، މިހާރު އެ ހޮސްޕިޓަލުގައި ބޭނުންކުރާ 16 ސްލައިސް ސްކޭން ހަދާލެވޭ މެޝިނާއި ހިލާފަށް، އެއްފަހަރާ 128 ސްލައިސް ސްކޭން ނެގުމުގެ ގާބިލުކަން ލިބިފައިވާ މެޝިނެއް ކަމަށެވެ. އަދި އެއީ މިހާރު ބޭނުންކުރާ މެޝިނަށްވުރެ ރޭޑިއޭޝަން ލެވެލް ވެސް ވަރަށް ބޮޑަށް ދަށް މެޝިނެއް ކަމަށާއި މިހާރު ފަހެއް ނުވަތަ 10 މިނިޓުން ހެދޭ ސްކޭނެއް އެ މެޝިނުން ހަދަން މިނިޓެއްވެސް ނުނަގާނެ ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތްކުރަނީ ރައްޔިތުންނަށް އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީއާއެކު ހިދުމަތް ދޭން. މިހާރު އަޅުގަނޑުމެން އިންސްޓޯލް ކުރަން މި އުޅޭ މެޝިނަކީ މުޅި އިންޑިއާގެ ވެސް ދެ ހޮސްޕިޓަލެއް ފިޔަވާ އެހެން އެއްވެސް ހޮސްޕިޓަލެއްގައި ނެތް ވަރުގެ ފެންވަރު ރަނގަޅު މެޝިނެއް. އެހެންވީމަ މިއީ މި ސަރަހައްދަށް ބަލާއިރުވެސް ސީޓީ ސްކޭންގެ އެންމެ ފެންވަރު ރަނގަޅު ހިދުމަތް އަޅުގަނޑުމެން މި ތައާރަފްކުރަނީ،" އައްފާލް ވިދާޅުވި އެވެ.

އޭޑީކޭއިން ވަނީ އެ ހޮސްޕިޓަލުން ދޭ އެމްއާރްއައިގެ ހިދުމަތްވެސް އެންމެ ފަހުގެ ޒަމާނީ މެޝިނަކާއެކު އަޕްގްރޭޑް ކޮށްފަ އެވެ.