ވާހަކަ

މިލްކުވާނެބާ

(17 އޯގަސްޓް 2024 އާ ގުޅޭ)

އާރޯކަންވީ ރީތި ތާޒާ މަލެކޭ އެއްފަދަ މިޔާ ބިނދެލީ އިޒީކިއަލްގެ ދެ އަތުންނެވެ. އަދި އެ މާ މޯޅިވެ ދިރުންނެތެމުން ދިޔައީ އިޒީކިއަލްގެ އަތުގެ ތެރޭގަ އެވެ. އޭނާގެ ޢަމަލުތަކުގެ ސަބަބުންނެވެ. އޭނާ މިޔާ ދޫކޮށްލީ ސޫޒަންއަށް ޓަކަ އެވެ. ނަމަވެސް ހިތުގައިވީ ހުސްކަން ފޫބެއްދޭ ގޮތެއް ނުވެ އެވެ. އެކަން އިޙްސާސް ކުރެވޭ ކޮންމެފަހަރަކު އޭނާ ރުޅިގަދަވަނީ އެވެ. ފަސް އަހަރު ފަހުން ކުރިމަތިން މާޔާ ފާޅުވުމާއެކު އަނެއްކާ ވެސް އިޒީކިއަލްއަށް ނޭނގޭ ގޮތެއްވެއްޖެކަން އިޙްސާސް ކުރެވުނެވެ. އެއްގޮތްނެތިއްޔާ އަނެއްގޮތެއް ހޯދައިގެން ވިޔަސް މާޔާގެ ކައިރިޔަށް އިޒީކިއަލްއަށް ދެވެނީ އެކަމުގައި އޭނާގެ އަމިއްލަ އިޚްތިޔާރެއްނެތް ފަދައަކުންނެވެ. އެއީ ހަށިގަނޑުގެ ބޭނުންވުމެއްކަމުގައި ނިންމީ ވެސް އިޒީކިއަލް އަމިއްލައަށެވެ. ސޫޒަންއާ މެދު ވިސްނާފަ އެވެ. ފުރާވަރުންފެށިގެން ހިތުގައި އުފެދުނު ލޯތްބަށް ޤަދަރުކުރާތީ އެވެ. ސޫޒަންއަށް ވީ ވަޢުދު ފުއްދަން ބޭނުންވާތީ އެވެ.

"މިޔާ... ހައިކް..." ދޫކޮށްލި ފުންނޭވާއާއެކު އިޒީކިއަލް ކިޔާލި އެވެ.

ފިކުރުގެ ތެރެއަށް ގެނބެމުންދަނިކޮށް އިޒީކިއަލްގެ ފޯނު ވައިބްރޭޓްވާން ފެށި އެވެ. އަވަހަށް ފަޓުލޫނު ޖީބުގައި އޮތް ފޯނު ނެގި އެވެ. އޭނާއަށް ގުޅަނީ ޒާހިލް އެވެ. އެންމެ ގާތް އެކުވެރިޔާ ދިން ޚަބަރުން އިޒީކިއަލްއަށް ކުޑަ ނަމަވެސް އުންމީދެއް ލިބިގެންދިޔަ އެވެ.

"ސޫޒަން ގުޅައިފިއްޔާ އެނގޭނެ. އޭނާ ޔަޤީނުން ވެސް ކޮންޓެކްޓް ކުރާނެތާ އެބަޔަކާ. އޭރުން މާޔާއާއި ހައިކް ހުރީ ކޮންތާކުކަން އެނގޭނެ." ޒާހިލް ބުންޏެވެ.

"އޭނާ ގުޅާނޭކަމަށް އަހަރެންނަށް މަޑެއް ނުކުރެވޭނެ. މިހާރު ވެސް މާބޮޑަށް ލަސްވެއްޖެ." އިޒީކިއަލް ބުންޏެވެ.

"ކީކޭ ސޫޒަން ބުނީ؟." ޒާހިލް އަހާލި އެވެ.

"އަހަރެންނާ އިންނާށޯ ބޭނުމީ." އިޒީކިއަލް ބުންޏެވެ.

"އަދިވެސް..." ޒާހިލްއަށް ބުނެވުނެވެ.

"އަހަރެން ނޫޅެން އިންނާކަށް. މިހާރު އަދިއަމުދުން ބޭނުމެއް ވެސް ނޫން... ލޯބިވާކަމަށް ހެދިގެން އެކްޓުޖެއްސުމަކީ ވެސް ނުވާނެކަމެއް. އެއްވެސް ވަރަކަށް އޭނާއާ ޑީލްކުރާކަށް އަހަރެން ބޭނުމެއްނޫން. އެހެންވިޔަސް އަހަރެން މިޔާ ސަލާމަތްކުރާނަން. އަހަރެމެންގެ ދަރިފުޅު ހޯދާނަން." އިޒީކިއަލް ބުންޏެވެ.

"އިޒީކިއަލް. އަހަރެންނަށް އެނގޭ ބްރޯ ނިންމައިފި ކަމެއް ބަދަލެއްނުވާނެކަން. ސުވާލަކީ... ސަރީކާދައްތައަށް މިހުރިހާ ވާހަކައެއް ކިޔާދޭނީ ކިހިނެއްހޭ؟." ޒާހިލް އަހާލި އެވެ.

"އަހަރެން ކިޔައިދޭނަން. އެކަމަކު މިޔާއާއި ހައިކް ގޮވައިގެން އައިސް. ކޮންމެ ގޮތެއްވިޔަސް ހައިކްއަކީ އަހަރެންގެ ދަރިއެއް. އަހަރެންނާއި މިޔާއަށް ލިބުނު ކުއްޖެއް. މިކަމުގައި އަހަރެން ކަންތައް ކުރަންވީ ކިހިނެއްކަން އެނގޭ. ޒާހިލް އެއްވެސް ކަމެއް އެނގޭކަމަށް ހަދާނެކަމެއްނެތް. އެއްވެސް މީހެއްގެ މަޝްވަރާއަކާއިނުލާ އަހަރެން އަމިއްލައަށް ނިންމި ނިންމުންތަކުގެ ނަތީޖާ މިފެންނަނީ. ކާފައާއި މަންމަ ވަރަށް މަސައްކަތް ކުރި ސޫޒަންގެ ހަޤީޤަތް ކިޔާދޭން. ބީރުކަންފަތެއް ދިނީ އަހަރެން އަމިއްލައަށް. ސޫޒަން ނަގާ ބޮލަށް ލައިގެން މިހާ ދުވަހު އަހަރެން އުޅުނީ. އެނީވޭޒް... އައި ލާންޑް މައި ލެސަން... ޒާހިލް. މިކަމުގައި ހޭދަވާނީ ކިހާއިރެއްކަމެއް ނޭނގެ. އިރުއަރަންވާއިރަށް އަހަރެން އެނބުރި ނައިސްފިއްޔާ ފުލުހުންނާއެކު މަސައްކަތް ފަށާ." އިޒީކިއަލް ބުނެލި އެވެ.

"މައްސަލައެއްނެތް. އެކަމަކު އެކަނި ދާން ވިސްނާތީ އެގޮތް އަހަރެންނަށް ކަމަކުނުދޭ. މިހެންބުންޏަސް އިޒީކިއަލް އެއްބަހެއްނުވާނެކަން ވެސް އެނގޭ. ޖަސްޓް ބީ ކެއަރފުލް ބްރޯ." ޒާހިލް ބުންޏެވެ.

"ހާސްނުވޭ. އަހަރެން މަރާލުމަށްވުރެ އަހަރެން ދިރިހުރިއްޔާ އެބަޔަކަށް ފައިދާ ބޮޑުވާނެ. މުޅި ރާއްޖެ ސަމާލުކަމަށް އަންނާކަށް އެމީހުން ވެސް ބޭނުމެއްނުވާނެ. އަފްރާހާއި ސޫޒަން އެމީހުންނަށް ދޭން އެއްބަސްވި އަދަދުގެ ދެގުނަ އަހަރެން އޮފަރ ކުރާނަން." އިޒީކިއަލްގެ ވިސްނުން ހުރި ގޮތް ހާމަކުރި އެވެ.

ފޯނުކޯލު ނިންމާލާފައި އިޒީކިއަލް އެނބުރި އައީ ލާންޗާ ދިމާއަށެވެ. އޭނާ ކަނޑު މައްޗަށް އެ ނުކުންނަނީ އޭނާގެ ދަރިފުޅާއި އެ ދަރިފުޅުގެ މަންމަ ސަލާމަތްކުރާން ނިންމައިގެންނެވެ.

އިޒީކިއަލް ލާންޗަށް އެރުމާއެކު ނިޔަމި ލާންޗު އިސްޓާޓުކޮށް ފަޅުން ބޭރަށް ނުކުންނަން ދުއްވާލައިފި އެވެ. ކޮންދިމާއަކަށްކަން ދުއްވަންވީ ކިޔާދެމުން ދިޔައީ އިޒީކިއަލް އެވެ. ލާންޗުގައި ހުރީ ރޭގަނޑުގެ އަނދިރިކަމުގައި ކުޅަދާނަކަމާއެކު ދަތުރުކުރަން އެނގޭ ނިޔަމިއެކެވެ. އޭނާ އިޒީކިއަލް ބުނި ސަރަޙައްދަށް ދަތުރު ފެށި އެވެ.

* * * * *

ރާހިންއަށް އިޒީކިއަލްގެ ނަންބަރު ލިބުމާއެކު ވަގުތުން ގުޅައިފި އެވެ. އިޒީކިއަލް ވެސް ދެވަނަ ރިންގާއެކުހެން ފޯނުކޯލަށް ޖަވާބު ދީފި އެވެ. އޭނާއަށް ރާހިންނެއް ނޭނގުނެވެ. އަމިއްލަ މީހާގެ ކުރު ތަޢާރަފެއް ރާހިން ދިނީ އެހެންވެ އެވެ. ކަނޑުމަތީގައި ކަމެއް އިޒީކިއަލް ހުރީ ރާހިން ނުދެނަ ހުއްޓެވެ. އޭނާއަށް އެނގެނީ އިޒީކިއަލް ހުރީ ވައިބާރު ތަނެއްގައި ކަމެވެ.

"ކޮބާ މާޔާ؟." ވަގުތު ބޭކާރު ނުކޮށް ރާހިން ސުވާލު ކުރި އެވެ.

"މާޔާ ވީތަނެއް ބަލަން ތީ ކާކު." އިޒީކިއަލްގެ އަޑުގައި ހަރުކަށިކަން ވިއެވެ.

"މާޔާ ނުބުނޭތަ؟. މާޔާއަކީ އަހަރެންގެ ވާން އުޅޭ އަނބިމީހާ. އެހެންވެ މި އަހަނީ ކޮބާހޭ މާޔާ. އިޒީކިއަލްކަން އެނގޭ އޭނާ ގެންދިޔައީ." ރާހިން ބުންޏެވެ.

"ވާން އުޅޭ އަނބިމީހާއޭ... ތިޔަށްވުރެ ބޮޑު ދޮގެއް ހަދަން ނޭނގުނީތަ؟. މާޔާއަކީ އަހަރެންގެ މީހެއް. އޭނާ އެހެން މީހަކާ އިންނާކަށް ނޫޅޭ. ސާފުވެއްޖެ." އިޒީކިއަލް ބުންޏެވެ.

"އިރެއްގައި އެއީ ކަލޭގެ މީހެއް. އެކަމަކު އެ ދުވަސް ހިނގައްޖެ. އެވެސް ކަލޭގެ ސަބަބުން... އެ ހުރިހާ ކަމަކަށްފަހު ވެސް ތިހެން ބުނަން ކެރުނުކަން. ބުނަން އިޒީކިއަލް ވާހަކައެއް. މާޔާ އަހަރެންނާ ހަމައަށް ނައިސްފިއްޔާ އަހަރެން ފަހަތަކަށް ނުޖެހޭނަން. ކަލެއާ މެދު އަދި ކަލޭގެ ޢާއިލާއާ ވެސް ދުލެއް ނުކުރާނަން. ޤާނޫނީ ގޮތުން ވެސް ފިޔަވަޅު އަޅާނަން. މި ރާއްޖޭގައި ހަމައެކަނި ބާރު އޮތް ބަޔަކީ ތި ޢާއިލާއެއްނޫން." ރާހިން ދިނީ ވަރުގަދަ އިންޒާރެކެވެ.

އިޒީކިއަލްއަށް ރާހިންގެ ނަމުގައި ދަންނަ ގޮތެއް ހުރިކަން ފާހަގަވެ ހަނދާން ކުރާން ފެށި އެވެ. އެއާއެކު ފުރަތަމަ ވެސް ހަނދާނަށް އައީ މާޔާގެ ފޯނަށް ރާހިންއެއް ގުޅާކަމެވެ. އަދި މާޖިދު ޚިއްޞާކުރި މަޢުލޫމާތުގެ ތެރޭގައި މާޔާ ރަހީނުކޮށްގެން ގެންދިޔައިރު އޭނާއާއެކު ފިރިހެނަކު ހުރިކަމާއި އަދި އެވަގުތު އޭނާއަށް އަނިޔާވެ ހޮސްޕިޓަލަށް ގެންދިއުމުން ފުލުހުންނަށް އެކަން ރިޕޯޓު ކުރިކަން ހިމެނެ އެވެ. އެ މީހަކަށް ކިޔަނީ ރާހިންކަމާއި އެލް.ސީ.އެލްގެ ވެރިޔާކަން ވެސް މާޖިދު ބުންޏެވެ. އިޒީކިއަލްއަށް ނަގައިގަނެވުނީ ދެނެވެ. އިޒީކިއަލްގެ ޠަބީޢަތް އިތުރަށް ގޯސްވި އެވެ. ހުރިހާކަމެއް ހިނގި ވަގުތު މާޔާ އުޅުނީ އެ ރާހިންއާއެކީކަން އެނގުމުންނެވެ.

"އަހަރެން ވެސް ބުނަންތަ ވާހަކައެއް. އަހަރެންނާއި މާޔާއާ ދެމެދު ހިނގައިފައި އޮތްކަމަކީ އެހެންމީހަކާ ބެހޭ ކަމެއްނޫން. އެއީ އަހަރެމެން ދެ މީހުންގެ އަމިއްލަ ކަމެއް. އެހެންވީމަ ނުބެހޭ ކަންކަމުގެ ތެރެއަށް ވަންނަން ނޫޅޭ. ދެން ބުނެލަން އޮތީ ކަލޭ ބޭނުންކަމެއް ކުރާށޭ. އަހަރެން ބިރެއް ނުގަނޭ... އަހަރެންގެ ޢާއިލާ ވެސް ކަލޭގެ އިންޒާރަކަށް ފަހަތަކަށް ނުޖެހޭނެ." އިޒީކިއަލް މިހެން ބުނެ ފޯނު ކަނޑާލީ އެވެ.

ރާހިންނަށް މަޢުލޫމާތު ލިބިފައިވާ ގޮތުން ސޫޒަންއާއި އިޒީކިއަލް އުޅެނީ ގުޅިގެންނެވެ. އިޒީކިއަލްގެ މައްޗަށް އޭނާ ތުހުމަތު ކުރަނީ އެހެންވެ އެވެ. ރާހިންއަށް އެނގުނު ގޮތުން އިޒީކިއަލްގެ ޢާއިލާ މިވަގުތު ތިބީ އޭނާދެކެ ނުރުހިފަ އެވެ. އެކަމުގެ ފައިދާ ނަގަން ރާހިން ވިސްނި އެވެ. ޢާއިލާއާއި ވިޔަފާރީގެ އިސް މީހަކީ އާސިފްކަން އެންމެންނަށް އެނގޭނެ އެވެ. މިވަގުތު އާސިފް އޮތީ ހޮސްޕިޓަލުގައިކަން ވެސް އެނގެ އެވެ. އެހެންވެ އޭނާ ގަސްދުކުރީ ދެން އެ ޢާއިލާގައި ހުރި އެންމެ އިސް މީހަކާ ބައްދަލު ކުރާށެވެ. އިޒީކިއަލްގެ ކިބައިން މާޔާ މުޅީން މިނިވަން ކުރާށެވެ.

* * * * *

ސަފާރީގެ ކުރީކޮޅަށް ނުކުމެ ހުރި މީހާ ފޯނުން ވާހަކަދައްކަމުން ދިޔަ އެވެ. ފޯނުގެ އަނެއްކޮޅުގައި ހުރި މީހާ ކައިރީ "ޕެކޭޖް" މާދަމާގެ މެންދުރަށް ލިބޭނެ ކަމުގައި ބުންޏެވެ.

"މިކަން ނިމުނީމަ އެ ލާރިގަނޑުގައި އަވަހަށް ބޭރަށް ކަނޑާލާނީ. އެމީހުންނަކަށް ވެސް އިތުބާރެއް ނުކުރެވޭ." ފޯނުކޯލު ނިންމާލާފައި އެ މީހާ އަމިއްލަ ނަފްސަށް ބުނެލި އެވެ. އެހިނދު އެތެރެއިން ނުކުމެގެން އައީ ވަރުގަދަކޮށް ހުރި މީހާ އެވެ.

"ހައްޕޭ. އެ އަންހެން ގޮލާ ކޮބާ؟." ވަރުގަދަކޮށް ހުރި މީހާއާ ސުވާލު ކޮށްލި އެވެ.

"ދެންމެ ވެސް ބަލާލިން. އަދި ހެޔެއް ނާރާ. ކުޑަގޮލާ އުޅެނީ ނިކަން ބިރުން. ޒިންޓެ ވެއްޖެވިއްޔާ ބިރު ދައްކަން." ހަށިގަނޑު ބިޔަކޮށް ވަރުގަދަކޮށް ހުރި ހަފްސީ ޖަވާބުގައި ބުންޏެވެ.

"އޭނާ ކިރިޔާ ހަރަކާތެއްކޮށްލިޔަސް އިތުރު ޝޮޓެއް ދޭތި." ޒިންޓެ ބުންޏެވެ.

ކިރިޔަކިރިޔާ ލޯ ހުޅުވުނު މާޔާގެ ކަންފަތުގައި ފުރަތަމަ ވެސް ޖެހުނީ ހައިކްގެ އަޑެވެ. އެކުއްޖާ މާޔާގެ މޫނުގައި ފިރުމާދެމުން ދިޔަ އެވެ. ލޯ ހުޅުވަން މާޔާގެ ގާތުން އެދެމުން ދިޔަ އެވެ. އެ ތުއްތު އަޑުގައި ހާސްކަމާއި ބިރުވެރިކަން އެކުލެވިފައި ވިއެވެ. އެކުއްޖާ އެކަނި ހުންނަން ބިރުން އުޅުނެވެ. އޭނާ ދޫކޮށްލާފައި ނުދިއުމަށް މާޔާގެ ގާތުން ހައިކް އެދެމުން ދިޔަ އެވެ. އަދި ބައްޕަގެ ގާތަށް ގެންގޮސްދޭން ހައިކް އެދުނެވެ.

"ހައިކް... ބިރުނުގަނޭ. ހުރިހާކަމެއް ރަނގަޅުވާނެ. ދަރިފުޅުގެ ޑެޑީއަކީ ސްޓްރޯންގް މީހެއް. ޑެޑީ މި ދުނިޔެ އެފުށްމިފުށަށް ޖަހާލައިގެން ވިޔަސް ދަރިފުޅު ހޯދާނެ... މިތަނުން ސަލާމަތްކޮށްގެން ގެންދާނެ. އެވަގުތު ޖެހެންދެން މަންމަ ހައިކްއާއެކު ހުންނާނަން. އެންމެ ވަގުތުކޮޅަކަށް ވެސް ހައިކް ދޫކޮށެއް ނުލާނަން." ހަށިގަނޑުގައި ވަރުނެތަސް މާޔާ އަތް އުފުލާލައި އެ އަތުގެތެރެއަށް ހައިކް ގެނެސްލި އެވެ. އަދި މޭގައި ދަރިފުޅު ބޮނޑިކޮށްލައި އެކުއްޖާއަށް ރައްކާތެރިކަން އިޙްސާސްކޮށްދިނެވެ.

"ތީ... އަސްލު ވެސް ހައިކްގެ މަންމަތަ؟." ކުޑަކުޑަ ހައިކް އަހާލި އެވެ. އެކުއްޖާގެ ޅަ ސިކުނޑިއަށް މައިން ދަރީންނާ ހެދިގެން އުޅޭ ގޮތް ސިފަކުރެވެން ފެށީ ސުކޫލަށް ދާންފެށުމުންނެވެ. އަދި ބަލާ ކާޓޫނު ފަދަ އެއްޗެހިންނެވެ. މަންމައަކީ ދަރިފުޅުދެކެ ކިހާ ލޯބިން އުޅޭ މީހެއްކަން ހައިކްއަށް ޤަބޫލުކުރެވެ އެވެ. އޭނާގެ ވެސް އެހެން ކުދީން ފަދައިން މަންމައަކާއި ބައްޕައެއް އެބަހުއްޓެވެ. ނަމަވެސް މަންމައަށް މަންމާއޭ ގޮވާލިޔަސް ހައިކް ކުށްވެރިވެ އެވެ. އެހެން މަންމަމެން ދަރީންދެކެ ވާ ލޯތްބާއި އަޅާލުން ހައިކްއަށް ލިބިފައިވާ މަންމަގެ ފުށުން ފެނިފައެއް ނެތެވެ. މަންމަގެ އޯގާތެރިކަމަކީ ކޮބާކަން ހައިކްއަށް އިޙްސާސް ކުރެވިފައެއް ނެތެވެ. އޭނާއާ މެދު އަޅާލާ ބަޔަކީ ގޭގައި ގެންގުޅޭ މީހުންނާއި އޭނާގެ ކަންކަން ބެލުމަށްފަހު ހަވާލުކޮށްފައި ހުންނަ އާޔާ އެވެ.

"ހޫމް... މީ ދަރިފުޅުގެ އަސްލު މަންމަ." ހައިކްގެ ބޮލުގައި ބޮސްދެމުން މާޔާ ބުންޏެވެ.

"އެކަމަކު ސޫޒީ ވެސް ހައިކްގެ މަންމަ އެއީ." މައުސޫމް ގޮތަކަށް ހައިކް ބުންޏެވެ.

"ދަރިފުޅަށް އެމީހުން ރަނގަޅުތަ؟. މަންމައާއި ޑެޑީ އަޅާލާތަ؟." މާޔާ އަހާލި އެވެ. ސޫޒަންގެ ނަން ބުނާއިރު ހައިކްގެ މޫނުން ޖެހިލުންވުން ފާޅުވާކަން މާޔާއަށް ފާހަގަވީ އެވެ. އެހެންވެ މާޔާގެ ހިތާއި ޟަމީރު ބުނަމުން ދިޔައީ ހައިކްއާ މެދު ސޫޒަން އިހުމާލުވެފައިވާ ކަމެވެ.

"ޑެޑީ ބުނި ހުރިހާ ކުދީން ވެސް ހައިކްދެކެ ލޯބިވެޔޭ. މަންމަ ވެސް ޑެޑީ ވެސް." ޔަޤީންކަމެއް ނެތް ރާގެއްގައި ހައިކް ބުންޏެވެ. އެހާވަރުން ވެސް މާޔާއަށް އެކުއްޖާގެ ދިރިއުޅުން އެކަނިވެރިކަން ނަގައިގަންނަން ދައްޗެއް ނުވި އެވެ.

"ޑެޑީ ވަރަށް ބިޒީވާނެ. ހައިކް ވަރަށް ދެރަވޭ ޑެޑީ އަބަދު އޮފީހުގައި އުޅޭތީ. އެކަމަކު ހައިކް ބޭނުންވާ ހުރިހާ އެއްޗެއް ޑެޑީ ހޯދާދޭ. ހައިކް އަންޑަސްޓޭންޑްވޭ ޑެޑީ ލާރި ހޯދަންކަން އަބަދު އޮފީހުގައި އުޅެނީ. މަންމަ..." މަންމައާ ހަމައިން ހައިކްއަށް އިތުރަށް ވާހަކައެއް ނުދެއްކުނެވެ.

"އިޓްސް އޯކޭ ހައިކް. އެހެންފަހަރަކުން އެ ވާހަކަދައްކާނީ... ހައިކް ބޭނުމިއްޔާ މަންމަ ކައިރިޔަށް އަންނަންވީނު. މަންމަ އަބަދުވެސް ހުންނާނަން ހައިކްގެ ހުރިހާ ކަމެއް ކޮށްދޭން. ހައިކް އެކަންޏެއްނުވާނެ. މަންމަ ބޭނުން ހައިކްއާއެކީ ބައިވަރު ތަންތަނަށް ދާން. ހައިކްގެ ސްކޫލަށް ދާން. ހައިކްއާއެކީ ޕާކަށްދާން. ހައިކްއާއެކު ދަތުރުދާން... މިހެން ގޮސް ބައިވަރު ބައިވަރު މަޖާ ކަންތައްތައް ކުރާން މަންމަ ބޭނުން." ހިނިތުންވުމެއް ދެމުން މާޔާ ވާހަކަދެއްކި އެވެ. އަޖައިބުވެފައި އޭނާގެ މޫނަށް ހައިކް ބަލަން އިނީ ޤަބޫލުނުކުރެވިފައި އިން ފަދައަކުންނެވެ.

"ތީ ހައިކްގެ އަސްލު މަންމަތަ. އެހެންވެތަ ހައިކްއަށް ތިހާ ރަނގަޅީ." ފެންކަޅިވަމުންދިޔަ ދެ ލޮލުން ހައިކް ބަލަން އިނދެ އަނެއްކާ ވެސް އަހާލީ ޔަޤީންކުރާން ބޭނުންވެފައި އިން ފަދަ އިންނެވެ.

އެވަގުތު އެތަނަށް މީހަކު އަންނަ އަޑު އިވުނެވެ. އަވަސްއަވަހަށް ހައިކް ގާތު މާޔާގެ ފަހަތަށް ވަދެ ފިލުމަށް މާޔާ ބުންޏެވެ. އެއާއެކު އޭނާގެ އުނގުން ހައިކް ތެދުވެ މާޔާގެ ބުރަކަށި ކައިރިޔަށް ވަދެ ކުޑަވެލައިފި އެވެ. އަދި މާޔާގެ އަރިކަށްޓާ ދިމާއިން ހެދުމުގައި ހައިކްގެ ކުޑަކުޑަ އަތުން ހިފައި ބާރުކޮށްލައިގެން އެކުއްޖާ އިނެވެ.

(ނުނިމޭ)