ވާހަކަ

މިލްކުވާނެބާ

( 20 އޯގަސްޓް 2024 އާ ގުޅޭ )

"ތީ ހައިކްގެ އަސްލު މަންމަތަ. އެހެންވެތަ ހައިކްއަށް ތިހާ ރަނގަޅީ." ފެންކަޅިވަމުންދިޔަ ދެ ލޮލުން ހައިކް ބަލަން އިނދެ އަނެއްކާ ވެސް އަހާލީ ޔަޤީންކުރާން ބޭނުންވެފައި އިން ފަދަ އިންނެވެ.

އެވަގުތު އެތަނަށް މީހަކު އަންނަ އަޑު އިވުނެވެ. އަވަސްއަވަހަށް ހައިކް ގާތު މާޔާގެ ފަހަތަށް ވަދެ ފިލުމަށް މާޔާ ބުންޏެވެ. އެއާއެކު އޭނާގެ އުނގުން ހައިކް ތެދުވެ މާޔާގެ ބުރަކަށި ކައިރިޔަށް ވަދެ ކުޑަވެލައިފި އެވެ. އަދި މާޔާގެ އަރިކަށްޓާ ދިމާއިން ހެދުމުގައި ހައިކްގެ ކުޑަކުޑަ އަތުން ހިފައި ބާރުކޮށްލައިގެން އެކުއްޖާ އިނެވެ.

ޒިންޓެ ވަދެގެން އައިއިރު މާޔާ ލޯ ހުޅުވައިގެން އިނުމުން އަވަސްވެލީ ދެވަނަ އިންޖެކްޝަނެއް ޖަހާށެވެ. މާޔާ ނޫނެކޭ ބުނެބުނެ އޮއްވާ ސިރިންޖު ހިފައިގެން އޭނާ ކައިރިވެލި އެވެ. އެހިނދު މާޔާގެ ފަހަތުގައި ފިލާއިން ހައިކް ނުކުތެވެ. އެކުއްޖާ ޒިންޓެއަށް ބަލާލީ ރުޅިވެރިކަމާއެކު އެވެ. އަދި ކޮޅުފައިން ޒިންޓެގެ ކަށިމަތީގައި ހައިކް ޖެހި އެވެ.

"އުނަގަނޑާ ހަމައަށް ބޯ ނާރާ ކުޑަކުޑަ މީހެކޭ މީ... ހުރެބަލަ. މޫދަށް ގެންގޮސް އެއްލާލާނީ." ހައިކްގެ މުލައްދަނޑީގައި ހިފާލުމާއެކު ޒިންޓެ ބުނެލި އެވެ. އަދި އެކުއްޖާ ގެންދަން އުޅޭހެން ކައިރިޔަށް ދަމާލި އެވެ. އެއާއެކު ހައިކް ނިކަން ބާރަށް ރޯންފަށައިފި އެވެ. މާޔާއަށް ވެސް ހަޅޭލަވައިގަނެވިއްޖެ އެވެ. އޭނާ ކުރިޔަށް ޖެހިލައި ހައިކްގެ ގައިގާ އޮޅުލައިގަނެއްޖެ އެވެ.

"ބަލާއެއްނު." ޒިންޓެ ހަޅޭލަވައިގަތެވެ. އެއްފަރާތަށް ހައިކް ކޮށްޕާލާފައި އޭނާ ތިރިވެލުމާއެކު މާޔާގެ ގަޔަށް އިންޖެކްޝަން ޖަހައިފި އެވެ. އެއަށްފަހު އޭނާ އަވަސް ފިޔަޅުގައި އެތަނުން ނުކުތީ އެވެ.

ރޮމުންރޮމުން ހައިކް އައިސް މާޔާގެ ގައިގާ އޮޅުލައިގަތެވެ. ސިކުނޑިއަށް ވަރުބަލިކަން ލިބެމުންދިޔަ މާޔާ އަވަސްއަވަހަށް އޭނާގެ ދެ އަތުގެ ތެރެއަށް ހައިކް ލައިފި އެވެ.

* * * * *

ހޮސްޕިޓަލުގެ ވީ.އައި.ޕީ ކޮޓަރީގެ މެހެމާނުންނަށް ހުރިބައިގެ ސޯފާގައި ސަރީކާ އިނެވެ. އޭނާގެ ކުރިމަތީގައި އިނީ ރާހިންނެވެ. އެ ޒުވާނާގެ ޢާއިލާއަކީ ސަރީކާއަށް ކޮންބައެއްކަން އެނގޭ ބައެކެވެ.

"އަޅުގަނޑު މިހެން އަންނާކަށް ނުޖެހުނީސް އިޒީކިއަލްގެ އެއްބާރުލުން ލިބުނުނަމަ." ރާހިން އަނެއްކާ ވެސް ބުންޏެވެ.

"ރާހިންއަށް ތިވަނީ ވަރަށް ބޮޑު އޮޅުމެއް އަރާފައި. ސޫޒަންއަކީ އަޅުގަނޑުމެން ޢާއިލާ ކުއްޖެއްނޫން. އިޒީކިއަލް އޭނާއާ ކައިވެންޏެއް ނުކުރޭ... މާޔާއަކީ ކޮންކުއްޖެއްކަމެއް ވެސް އަޅުގަނޑަށް އެނގިފައެއްނެތް. އެހެންވިޔަސް އިޒީކިއަލްގެ އަތެއް ވާނަމަ އަޅުގަނޑު ޔަޤީންކަންދެން މިވެގެން އުޅޭގޮތެއް ބަލައި އެ އެކުއްޖާ ރާހިންއަށް ރައްދުކޮށްދޭނަންކަން." ސަރީކާ ބުންޏެވެ. އަދި އޭނާ މާޔާއާ ބެހޭ މަޢުލޫމާތު ރާހިންގެ ފަރާތުން އޮޅުންފިލުވި އެވެ.

އިޒީކިއަލްގެ ނަންބަރަށް ސަރީކާ ގުޅި އެވެ. ނަމަވެސް ފޯނެއް ނުނަގަ އެވެ. އިޒީކިއަލް ކޮބާތޯ ބަލަން ސަރީކާ ގުޅީ ޒާހިލްއަށެވެ. އޭނާ ފޯނުކޯލު ނެގުމުން ފުރަތަމަ ވެސް ސަރީކާގެ ސުވާލަކަށްވީ އިޒީކިއަލް ކޮބާތޯ އެވެ. ވަގުތުން ޒާހިލް ބުނެލީ އިޒީކިއަލް ވީތަނެއް އޭނާއަށް ނޭނގޭކަމެވެ.

"އެނގޭނެ ޒާހިލަށް. ބުނޭ... ކޮންތާކު އޭނާވީ... ސޫޒަންއާއެކީތަ؟. އެ ދެ މީހުން ކީއްކޮށްގެން އެ އުޅެނީ؟." ސަރީކާގެ އަޑުގައި ހިތްހަމަނުޖެހުންވި އެވެ.

"ކިހިނެއްވީ ދައްތަ އިޒީކިއަލް ތި ހޯދަނީ." ޒާހިލްއަށް ޝައްކެއްވާތީ އަހާލި އެވެ.

"އެ އަންހެނަކާ ޖެހިގެން އެކުވެރިޔާ ހަލާކުގެ މަގުންދާއިރު ވެސް ހުއްޓުވަން ނޫޅޭ... ތީތަ ރަޙުމަތްތެރިކަމަކީ. އިޒީކިއަލްގެ ކާފަ އަދިވެސް ހޭނާރާ. މިފަދަ ވަގުތެއް އިޒީކިއަލްއަށް ކުރަން އެނގުނު ކަމަކީ އެއީތަ؟." ސަރީކާގެ އަޑު ވެސް ބާރުވެލި އެވެ.

"ދައްތާ... އިޒީކިއަލްއަށް ސޫޒަންގެ ގޮތް އެނގިއްޖެ. ސޫޒަންއާ ގުޅުން ވެސް ކަނޑާލައިފި. މިވަގުތު އިޒީކިއަލް ވީ އަމިއްލަ ކަމެއްގައި ގޮސް. އޭނާ އައިސް ސަރީކާދައްތަގެ ގާތަށް ދާނެ. އޭރުން ހުރިހާ ކަމެއް އޮޅުންފިލާފާނެ." ޒާހިލް ބުންޏެވެ.

"ސޫޒަންއާ އެކީ ނޫނިއްޔާ ކޮންތާކު އިޒީކިއަލްވީ؟. އަހަރެން ގުޅީމަ ފޯނު ވެސް ނުނެގޭވަރުގެ ތަނެއްގައިތަ ހުރީތަ؟." ސަރީކާ ބުންޏެވެ.

ޒާހިލްއަށް އިތުރަށް ސަރީކާގެ ނުރުހުންތެރިކަމާ ކުރިމައްޗެއް ނުލެވުނެވެ. ހައިކްގެ ވާހަކަ ޒާހިލް ބުންޏެވެ.

"އެ ސޫޒަން ގެންގުޅޭ ކުޑަކުއްޖާތަ؟." ސަރީކާއަށް ބުނެވުނީ ފޫހިކަމާއެކު އެވެ.

ގޭގައި ހައިކް ހުއްޓާ ސޫޒަން އެކުއްޖާ ގެންދިޔައީ އިޒީކިއަލްއަށް އެނގުމެއްނެތިކަން ޒާހިލް ކިޔާދިނެވެ. އަދި މާޔާ ވެސް ސަފާރީއަކަށް އެރުވީ ސޫޒަންކަން އޭނާ ބުންޏެވެ. ހައިކްއާއި މާޔާ މެދުވެރިކޮށް ސޫޒަން މަސައްކަތް ކުރަމުން ގެންދަނީ އިޒީކިއަލްއަށް ދެރައެއްދޭންކަމުގައި ޒާހިލް ބުންޏެވެ. އެހެންވެ އިޒީކިއަލްވީ ކަނޑުމަތީގައި ކަމާއި އޭނާ ދިޔައީ އެކަން ހައްލުކޮށް ހައިކްއާއި މާޔާ ގޮވައިގެން އަންނަން ކަމަށް ވެސް ޒާހިލް ބުންޏެވެ.

"ދެންހެޔޮ... އިޒީކިއަލް އެކަމުގެ ތެރެއަށް ވަންނާކަށް ނުޖެހޭ. ފުލުހުން އެކަންކަން ބަލާނެ. އެއީ އޭނާއާ ބެހޭ ބައެއްނޫން. ހަމަ މިހާރު އޭނާ ކައިރީ ބުނޭ އެނބުރި އަންނާށޭ." ސަރީކާ މިހެންބުނެ ޒާހިލްގެ ޖަވާބަކަށް މަޑެއް ނުކުރި އެވެ. ފޯނުކޯލު ކަނޑާލާފައި ސަރީކާ ބަލާލީ ރާހިން އަށެވެ.

"މިކަމުގައި އިޒީކިއަލްގެ އަތެއްނެތް. ސޫޒަން ކުރާކަމެއް މީ. ކޮންމެވެސް ގޮތަކުން އޭނާ އިޒީކިއަލްގެ ބޮލުގައި މިހުރިހާ ކަމެއް އަޅުވަން މަސައްކަތް ކުރަނީހެން ހީވަނީ. އިޒީކިއަލް މިވަގުތު ހުރީ ކަނޑުމަތީ. އަހަރެމެންގެ މީހަކު އޭނާ ހޯދައިގެން ގެންނާނެ. ރާހިން ކުރަންޖެހާ ކަމެއް ކުރިޔަށް ގެންދޭ. މި ޢާއިލާއާއިން އަދި އިޒީކިއަލްގެ ފަރާތުން ވެސް ރާހިންގެ މަސައްކަތަށް ހުރަސް އެޅޭނޭ ފަދަ ކަމެއް ނުކުރާނެ. އިޒީކިއަލް އައީމަ އިތުރަށް މިކަމުގެ ތަފްސީލު ހޯދާނަން. ދެން ހަނދާންކުރަންވާނެ... ސޫޒަންއަކީ ވަރަށް މަކަރުވެރި އަންހެނެއް." ސަރީކާ ބުންޏެވެ.

"މާޔާ..." ރާހިންނަށް ބުނެވުނެވެ.

"އިޒީކިއަލްއާއެކު ހުރިނަމަ މި ޢާއިލާއިން އޭނާ ރައްކާތެރިކަމާއެކު ތިކޮޅަށް ރައްދު ކޮށްދޭނަން." ސަރީކާ ވަޢުދުވި އެވެ.

* * * * *

ކަނޑުމަތިން އިޒީކިއަލް ހުރި ލާންޗުގެ ދުވެލި މަޑުކޮށްލީ އެ މީހުންނާ އަރާ ހަމަކުރި ބޮޑު ލާންޗުގެ ސަބަބުންނެވެ. އެއީ އިޒީކިއަލްގެ ޢާއިލާއަށް ނިސްބަތްވާ ލާންޗެއްކަން އެއަށް ދީފައިވާ ނަމުން އެނގެ އެވެ. އެއިން އަޅުވާފައި ހުރި "މެރީން ފްލަޑް ލައިޓް" އިން މުޅި ހިސާބުގަނޑު އަލިކޮށްލާފައި ވިއެވެ. އިޒީކިއަލްއަށް ފެނުނީ އެމީހުންގެ ޢައިލާގެ ސެކިއުރިޓީ ކަންކަން ބަލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނަ އާދިލް އެވެ. އޭނާ އަތުން ހަނާ އަޅާލުމުން އިޒީކިއަލް އަންގާލީ ލާންޗު ހުއްޓުމަށެވެ.

"ސަރީކާ މެޑަމް ފޮނުވައިގެން މިއައީ. ޒާހިލް ވެސް މިވަގުތު ހުރީ ސަރީކާ މެޑަމް ކައިރީ." ކުރުގޮތަކަށް އާދިލް ބުނެލަދިނީ ހާލަތެވެ.

އާދިލްއާއެކު ލާންޗަށް އަރުވައިގެން އިޒީކިއަލް މާލެ ގެނަ އެވެ. އަދި އޭނާ ގޮވައިގެން އާދިލް އައީ ގެއަށެވެ. އޭރު ގޭގެ ސިޓިންރޫމުގައި ސަރީކާ އިނެވެ. އޭނާގެ ކައިރީ ހުރި ސޯފާގައި ޒާހިލް އާއި ރާހިން އިންތަން ފެނުނެވެ. އާދިލް ކައިރީ ދިޔަޔަސް އެންމެ ރަނގަޅު ކަމުގައި ސަރީކާ ބުނެލި އެވެ. އެއަށްފަހު ސަރީކާ ގޮވާލީ ދަރިފުޅަށެވެ. އޭނާގެ އަތުން އިޒީކިއަލްއަށް ސޯފާ ދައްކާލި އެވެ. އިޒީކިއަލްއަށް ދަތްކުނޑިވިކާލެވުނެވެ. މަންމައަށް އޭނާ ހުރި ހާލަތު ނުވިސްނޭތީ އެވެ.

"ކީއްވެފަތަ ތިހުންނަނީ؟. އޭނާ ކައިރިން މަޢާފަށް އެދޭކަށްނުވޭތަ؟. އިޒީކިއަލްއަށް އެނގޭތަ އެ އަންހެންކުއްޖާ އިނީ ކައިވެންޏަކަށް ތައްޔާރުވެގެންކަން. މީ އޭނާގެ ވާން އުޅޭ ފިރިމީހާ. އޭނާ މާލެ އައީ ވެސް މާޔާ ބަލާ. ކޮބާ އެ އަންހެންކުއްޖާ މިހާރު؟." ސަރީކާއަށް ވާހަކަދެއްކުނީ ތަންކޮޅެއް ހަރުކަށިކޮށެވެ. މާޔޫސްވެފައިވާ މީހަކުހެން ޒާހިލްއަށް އިސްޖަހާލެވުމާއެކު ދެ ފަރާތަށް ބޯ ހޫރާލެވުނެވެ. އޭނާ އެތަނުގައި ތިބި ސަރީކާއާއި ރާހިންނަށް ވިސްނައިދޭން މަސައްކަތް ކޮށްފި އެވެ. ނަމަވެސް އެމީހުން އޭނާގެ ވާހަކަ އަޑު އަހާކަށް ބޭނުމެއްނުވި އެވެ.

"މަންމާ... އަޅުގަނޑެއްނޫނޭ އޭނާ ގެންގޮސްގެން މިއުޅެނީ." ރާހިންއަށް ބަލާލަމުން އިޒީކިއަލްއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

"މާޔާ އަޅުގަނޑާ ހަމައަށް ގެނެސްދީފިނަމަ އަޅުގަނޑު މިހުރީ އިޒީކިއަލްގެ ހުރިހާކަމަކަށް މަޢާފުކުރާގޮތަށް. މީނުވާކަމެއްގެ ގޮތުގައި އަޅުގަނޑު ދެކޭނީ." ރާހިން ވެސް ވާހަކަދެއްކީ އެއްފަހަރު ސަރީކާއަށް އަނެއްފަހަރު އިޒީކިއަލްއަށް ބަލަމުންނެވެ. އިޒީކިއަލްއަށް ރުޅިގަނޑު ނުހިފެއްޓުނެވެ. އިޒީކިއަލް އެ އައިގޮތަށް ރާހިންގެ ޓީޝާޓުގެ ގިރުވާނުގައި ހިފި އެވެ.

"ޔޫ ހޭވް ނޯ އައިޑިއާ ވަޓް ޔޫ ހޭވް ޑަން." ދަތްކުނޑިވިކާލައިގެން ހުރެ އިޒީކިއަލް ބުނެލީ އިންތިހާ ރުޅިވެރި ރާގެއްގަ އެވެ.

"އިޒީކިއަލް. އަތުންފައިންތަ މީހުންނާ ވާހަކަދައްކަނީ." ސަރީކާއަށް ބުނެވުނެވެ. އިޒީކިއަލްއަށް މަންމަގެ އަޑު ނީވޭ ކަހަލަ އެވެ.

"މޮޔަވީތަ؟. ގައިން ދޫކޮށްލާ." ރާހިން ވެސް ބުނެލީ ރުޅިވެރިކަމާއެކު އެވެ. އެ ދެ ޒުވާނުން އެކަކުއަނެކަކަށް ނަފުރަތުކުރާކަން ސާފުކޮށް އެމީހުންގެ މޫނުން ފާޅުވޭވޭ ހުއްޓެވެ. އެ ނަފުރަތުގެ ހަޤީޤަތް ޒާހިލްއަށް ނަގައިގަންނަން އެނގުނެއް ކަމަކު ސަރީކާއަށް އެކައްޗެއް ވެސް ނޭނގެ އެވެ.

"ގަޔަށްބޮލަށް އަތްލައިގެން މިކަން ހައްލުވާނެކަމައްތަ ތިއުޅެނީ." ނިކަން ބާރަށް އިޒީކިއަލް ދުރަށް ކޮށްޕާލަމުން ރާހިން ބުންޏެވެ. އެއާއެކު އިޒީކިއަލްގެ ހަށިގަނޑުގެ ހަމަގެއްލި އޭނާ ވެއްޓެން އުޅުނެވެ. އެއް ކަކޫ މައްޗަށް އޭނާ ތިރިވެލީ އެހެންވެ އެވެ.

"ކަލެއާ ހެދި ކިހާ ވަގުތެއް ބޭކާރުވެގެން މިދަނީ. އެހެންނޫންނަމަ މިހާރު އެމީހުން ސަލާމަތް ކުރެވުނީސް." އިޒީކިއަލް ބުންޏެވެ.

"ތިބުނަނީ މާޔާ ވީތަނެއް ނޭނގެއޭތަ؟. ނޫން... މިކަމުގައި ކަލޭގެ އަތެއްވޭ." ރާހިން ބުންޏެވެ. އެކަމަކު މިފަހަރު އޭނާގެ ޟަމީރު ސުވާލު އުފައްދައިފި އެވެ.

"ކަލޭ ބީރީތަ؟. މި ހުރިހާކަމެއް ކޮށްގެން އުޅެނީ ސޫޒަން. މާޔާއަށް ކަމެއްވެއްޖެނަމަ އެއީ ކަލޭގެ ސަބަބުންކަން ހަނދާންކުރާތި." އިޒީކިއަލް ބުންޏެވެ. ރާހިންގެ މޫނުން ހައިރާންކަން ފާޅުވޭވޭ ހުއްޓެވެ. އިޒީކިއަލްގެ ދެ ލޯ ހެކި ދެމުން ދިޔައީ އޭނާ މާޔާ ސަލާމަތްކުރާން ބޭނުންވާވަރެވެ.

"ސޫޒަން ފޮނުވައިގެން އެކަން ކުރީ އިޒީކިއަލްއެއް ނޫންތަ؟." ރާހިންއަށް މިފަހަރު އަހާލެވުނީ މަޑުމައިތިރިކަމާއެކު އެވެ.

"އާނއެކޭ... އޭނާއާ އޮތް ގުޅުމެއްވިއްޔާ ކަނޑާލައިފިން. އޭނާ އެކަމުގެ ބަދަލު ހިފަން އެ މަސައްކަތް ކުރަނީ. މި ޢާއިލާއަށް ފޫނުބެއްދޭވަރުގެ ބޮޑު ދެރައެއް ދީފައި ހުރި މަކަރުވެރި އަންހެނެއް އެއީ... އޭނާ މިހާރު ގަސްދު އެކުރަނީ މާޔާގެ ދުވަސް ދުއްވާލަން. އެހެން އެކަންވެއްޖެނަމަ އެއީ ކަލޭގެ ސަބަބުން. ކަލޭގެ ބޮލުގައި އެކަން އެޅޭނީ." އިޒީކިއަލް ބުންޏެވެ.

"ހުއްޓާލަބަލަ... މިވަނީ ކިހިނެއްކަން ކޮންމެވެސް މީހަކު ނިކަން މަށަށް ކިޔާދޭން ވެއްޖެ އެއްނު." ސަރީކާ ތަންކޮޅެއް ބާރަށް ބުންޏެވެ. އިޒީކިއަލްއާއި ރާހިން ހިމޭންވި އެވެ. އެއާއެކު ސަރީކާ އެ ދެ ޒުވާނުންނަށް ވެސް އެންގީ ސޯފާގައި އިށީނުމަށެވެ. އަދި އޭނާ ކުރާ ސުވާލުތަކަށް ޖަވާބު ދިނުމަށެވެ.

"ތިބުނާ މާޔާއަކީ ހަޤީޤަތަށް ވެސް ރާހިން އިންނަން އުޅޭ ކުއްޖާތަ؟." ސަރީކާ އަހާލި އެވެ. ސޫޒަންނޫން އެހެން އަންހެނަކަށް އިޒީކިއަލް ސަމާލުކަން ދޭތީ ސަރީކާއަށް މި ފެނުނީ އަލަށެވެ. އެހެންވެ މާޔާއަކީ ކާކުތޯ ބެލުމުގެ ޝައުގުވެރިކަން އޭނާގެ ހިތުގައި ނުހަނު ބޮޑުވީ އެވެ.

"އޮފްކޯޒް އާންޓީ. ޝީ އިޒް މައި ފިއަންސީ." ރާހިން ބުންޏެވެ.

"އެހެންތަ؟. ހުވަފެންދެކިދެކި ހުރޭ... މިޔާއަކީ އަދިވެސް އަހަރެންގެ މީހެއް." އިޒީކިއަލް ވަގުތުން ރާހިންނަށް ރައްދުދީފި އެވެ.

"އިޒީކިއަލް... ކިތައް އަންހެނުން ގޮވައިގެން ތިއުޅެނީ. ބަލަ ސޫޒަންއާ އިންނާކަށް ނޫންތަ މިހުރިހާ ދުވަހު ގޮތްދޫނުކޮށް އަމިއްލަ ޢާއިލާއާ ރުޅި ހަދާލާފައި ހުރީ." ސަރީކާއަށް ބުނެވުނެވެ.

"މަންމާ... މިޔާ... އަޅުގަނޑު..." އިޒީކިއަލްއަށް އެ ވާހަކަ ފަށަން އުނދަގޫވި އެވެ. އޭނާ އިސްއޮބާލީ އެވެ. މިޔާއާ މެދު އޭނާގެ ޢަމަލުތައް ހުރީ ހައްދުފަހަނަ އަޅާފައިކަން އިޒީކިއަލްއަށް މިހާރު ޤަބޫލުކުރެވެ އެވެ. އަނެއްކޮޅުން އޭނާގެ ހިތުގައި އުފެދިފައި އޮތް ހުސްކަމުގެ އަސްލަކީ ވެސް މިޔާ އެވެ.

"އަޅުގަނޑު ޚިޔާރު ކުރީ މިޔާ... ކުރީން ވެސް އަދި ކުރިޔަށް އޮތްތަނުގައި އަޅުގަނޑުގެ ހައްޤަކަށް މިޔާ ވާނީ." ރިހުން އެކުލެވިފައިވާ އަޑަކުން އިޒީކިއަލް ބުންޏެވެ. އެހިނދު ރާހިން ލައްވާލީ މަލާމާތުގެ އަޑެކެވެ.

"ތި ދުލުން މާޔާގެ ނަން ވެސް ގަންނަން އިޒީކިއަލްއަށް ހައްޤުތަ؟. އޭނާ އުޅުނީ ކޮންކަހަލަ ދިރިއުޅުމެއްކަން އެނގޭތަ؟. ފަސް އަހަރު ފާއިތުވެގެންދިޔައިރު އޭނާ ކޮބާތޯ ބަލާލިންތަ؟. އޭނާ އިނީ ކޮންފަދަ ނިކަމެތި ހާލެއްގައިކަން އެނގޭތަ؟." ރާހިން ބުންޏެވެ.

(ނުނިމޭ)