(22 އޯގަސްޓް 2024 އާ ގުޅޭ )
"އަޅުގަނޑު ޚިޔާރު ކުރީ މިޔާ... ކުރީން ވެސް އަދި ކުރިޔަށް އޮތްތަނުގައި އަޅުގަނޑުގެ ހައްޤަކަށް މިޔާ ވާނީ." ރިހުން އެކުލެވިފައިވާ އަޑަކުން އިޒީކިއަލް ބުންޏެވެ. އެހިނދު ރާހިން ލައްވާލީ މަލާމާތުގެ އަޑެކެވެ.
"ތި ދުލުން މާޔާގެ ނަން ވެސް ގަންނަން އިޒީކިއަލްއަށް ހައްޤުތަ؟. އޭނާ އުޅުނީ ކޮންކަހަލަ ދިރިއުޅުމެއްކަން އެނގޭތަ؟. ފަސް އަހަރު ފާއިތުވެގެންދިޔައިރު އޭނާ ކޮބާތޯ ބަލާލިންތަ؟. އޭނާ އިނީ ކޮންފަދަ ނިކަމެތި ހާލެއްގައިކަން އެނގޭތަ؟." ރާހިން ބުންޏެވެ.
"ކިތައް ފަހަރަށްތަ ބުނާނީ އެއީ އަހަރެމެން ދެ މީހުންގެ ދެމެދުގައި އޮތް ކަމެކޭ. އެހެން މީހަކާ ބެހޭކަމެއް ނޫނޭ... ޚާއްޞަކޮށް ކެލެއާ ކޮންބޭހޭކަމެއްތަ؟." އިޒީކިއަލްގެ ރުޅި މައިތިރިވާގޮތެއް ނުވެ އެވެ.
"އިޒީކިއަލް. ކޮންވައްތަރަކަށްތަ ތި ވާހަކަދައްކަނީ. އަދަބުވެރިކަމެއް އިޙްތިރާމް ކުރުމެއް ވެސް ނެތީތަ؟." ސަރީކާއަށް ބުނެވުނެވެ. އޭނާ ސޯފާއިން ތެދުވި ހިނދު ޒާހިލް އޭނާއަށް ހުރަސް އަޅައިފި އެވެ.
"ސަރީކާދައްތަ އެ ދެމެދަށް ނުވަނިއްޔާ ރަނގަޅުވާނީ." ޒާހިލް ބުންޏެވެ.
"ކީއްވެ ނުބެހޭންވީ. މާޔާ އެއީ އަހަރެންގެ ވާންއުޅޭ އަނބިމީހާއޭ." ރާހިން ރައްދުދިނެވެ.
"އަމިއްލައަށް ތިހެން ކިޔައިގެން އުޅޭ. ކަލެއަށްވުރެ ބޮޑަށް އަހަރެންނަށް މިޔާ އެނގޭ." އިޒީކިއަލް ބުންޏެވެ. މިފަހަރު ރާހިންއަށް ދުރަކު ނުހުރެވުނެވެ. އެތަން ފެނި އޭގެ ދެ މީހުންގެ މެދަށް ހަލުވިފިޔަވަޅުގައި އައި ޒާހިލް ވަނެވެ. ދެ ޒުވާނުންގެ މެޔާ ހަމައިން ޒާހިލްގެ ދެ އަތް ފުޅާކޮށްލަމުން އޭނާ ވާހަކަދެއްކި އެވެ.
"ދެ މީހުން ވެސް ހަމަޖެހެންވެއްޖެއެއްނު. ތިހެން ޒުވާބުކޮށްގެން މާޔާއާއި ހައިކް ސަލާމަތްވޭތަ؟. ރުޅިމަޑުކޮށްފައި ސިކުނޑީގެ ބޭނުން ހިފަންވީ ވަގުތެއްނޫންތަ މީ." ރާހިންނާއި އިޒީކިއަލްއަށް ބަލަމުން ޒާހިލް ބުންޏެވެ.
"އެވަރު ނުވިސްނިގެން އުޅެނީ މަށަކަށްނޫނޭ... ބުނަންތަ ރަނގަޅު ވާހަކައެއް. އަހަރެންނާއެކު މިޔާގެ ދަރިއަކު އެބަހުރި. އެހެންވީމަ އެ ގުޅުން ކަލެއަކަށް ވެސް ކަނޑައެއްނުލެވޭނެ." އިޒީކިއަލް ބުންޏެވެ.
"ކީކޭ." ދުރުގައި ހުރި ސަރީކާއަށް ލިބުނު ސިހުމުގައި ބުނެވުނެވެ.
"ސޫޒަން ކަހަލަ އަންހެނަކަށް ޓަކައި މާޔާއަށް އެފަދަ ނިކަމެތިކަމެއް ދީފައި ދެން ވެސް ތިބުނަނީ މާޔާއަކީ ކަލޭގެ ހައްޤެކޭތަ؟. އިޒީކިއަލް... ކަލެއާ ގުޅެނީ ހަމަ ސޫޒަން. މާޔާ ފަދަ އަންހެންކުއްޖެއްގެ ލޯތްބެއް ކަލެއަށް އެއްގޮތަކަށް ވެސް ހައްޤެއްނޫން. އެ އަންހެންކުއްޖާއަށް ކަލޭ އެކަށީގެންނެއް ވެސް ނުވޭ... އޭނާ ހިތްދަތިވެގެން މަރުވާރު ކަލޭ ކުރި. މާޔާގެ މައުސޫމްކަމާއި އޭނާގެ އުމުރުގެ ޅަކަން ކަލޭގެ ހިލަގަނޑެއް ކަހަލަ ހިތަކަށް އަސަރެއް ނުކުރުވިތަ؟. މިއަދު މާޔާ ކިތަންމެ މެޗުއަރޑްކޮށް ފެނުނުކަމުގައި ވިޔަސް އެ އަންހެންކުއްޖާގެ މައުސޫމްކަން އޭނާގެ ޅަދުވަހުގައި ނަގާލި މީހަކީތީ. މީހެއްގެ އެވެސް މީހެއްގެ އެހީތެރިކަމަށް ބޭނުންވެފައި ހުރި ވަގުތެއްގައި. އަމިއްލަ މީހާއަށް އެނގޭތަ އެ އަންހެންކުއްޖާއަށް ދެވުނީ ކިހާވަރެއްގެ އަނިޔާއެއްކަން." ރާހިންގެ ދެ ލޮލުން ފާޅުވޭވޭ ހުރީ ނަފުރަތެވެ. އޭނާ އިޒީކިއަލްއަށް ދުވަހަކު ވެސް މަޢާފެއް ނުކުރާނަމޭ ބުނާ ކަހަލަ އެވެ.
"އަހަރެން އެކަށީގެންނުވޭ... ދެން އެހެންވިއްޔާ މިޔާއާ އިންނަން ކުފޫ ހަމަވާ މީހަކީ ކަލޭތަ؟." މަލާމާތުގެ ހިނިގަނޑަކާއެކު އިޒީކިއަލް ބުނެލި އެވެ.
"ހުއްޓާލާ... ދެ މީހުން ވެސް ހަމަ މިހާރު ޒުވާބު ހުއްޓާލާ." ސަރީކާ އަޑުގެ ކޮޅަށް ހަޅައިލަވައިގަތެވެ. އެތަނުގައި ތިބި ތިން ޒުވާނުން ވެސް ސަމާލުކަމަށް އައެވެ. އެފަދަ އަޑު ބާރުކޮށް ވާހަކަދައްކާ ހަރުކަށި މީހެއް ކަމުގައި ސަރީކާ ނުވެ އެވެ. އެކަން ޒާހިލާއި އިޒީކިއަލްއަށް ވެސް އެނގެ އެވެ. އެންމެން ހިމޭންވުމުން ސަރީކާ ދެން ގޮވާލީ ރާހިން އަށެވެ.
"ރާހިން. ސޫޒަންއާ މި ޢާއިލާއާ އެއްވެސް ގުޅުމެއްނެތް. ކޮންމެ ގޮތަކަށް ސޫޒަންއާ މެދު ފިޔަވަޅު އެޅީނަމަވެސް މިކޮޅުން ރާހިން ނުހުއްޓުވާނަން. އެހެންވީމަ ރާހިން އިންނަން އުޅޭ ކުއްޖާ ގެންދިޔައީ ސޫޒަންއަށްވާއިރު އޭނާ ހޯދަން ކުރަންޖެހޭ ކަމެއް ރާހިން ކުރިޔަށް ގެންދޭ. މި ޢާއިލާގެ އެހީތެރިކަމެއް ބޭނުންނަމަ ވެސް ބުނޭ. އެހީވާނަން... ސޫޒަންގެ ކިބައިން އެ އަންހެންކުއްޖާ ސަލާމަތްކުރާން އަވަހަށް ދޭ." ސަރީކާ ބުންޏެވެ.
"ސަރީކާދައްތާ." ޒާހިލްއަށް ގޮވާލެވުނެވެ. ހަމައެހިނދު އިޒީކިއަލްއަށް ވެސް މަންމާއޭ ބުނެވުނެވެ. ނަމަވެސް ސަރީކާ އެ ދެ ޒުވާނުންނާ ބަދަލުކޮށްލީ ނުރައްކާތެރި އިންޒާރުގެ ނަޒަރެކެވެ. ވަގުތުން ކުޑަ ދެކުދީން ކިޔަމަންވާ ފަދައިން ޒާހިލާއި އިޒީކިއަލް ހިމޭންވެއްޖެ އެވެ. ރާހިން ނުކުންނަން ހިނގައިގަތް ހިނދު އޭނާގެ މުލައްދަނޑީގައި އިޒީކިއަލް ހިފަހައްޓާލި އެވެ. އަދި އެއްޗެއް ނުބުނެ އޭނާއަކަށް ނުހުރެވުނެވެ.
"މަންމާ. ރާހިންނެއްނޫން، އަޅުގަނޑު މިކަމުގައި ދާންޖެހޭނީ." އިޒީކިއަލް ބުންޏެވެ.
"ހުއްޓާލާ. ވަރަށް ގިނަ ވާހަކަ އިޒީކިއަލް ދައްކައިފީމެންނު. އެހެންވީމަ ދެން އަހަރެން ދައްކާ ވާހަކަ އަޑު އަހާ." ސަރީކާ ވާހަކަދެއްކީ ހަރުކަށިކަމާއެކީ އެވެ.
"މަންމާ ޕްލީޒް. އެނގޭ ކީއްވެކަން މަންމަ ހިތްހަމަނުޖެހުނީ. ދައްކަން ތިއުޅެނީ ކޮންވާހަކައެއްކަން ވެސް އެނގޭ. މަންމާ. ސޮރީ ކުރީން މިޔާގެ ވާހަކަ ނުބުނެވުނީމަ. ހައިކްއާއި ސޫޒަން ގޮވައިގެން އަޅުގަނޑު މާލެ އައުމުން އެންމެންނަށް ވެސް ހީކުރެވުނީ އެއީ ސޫޒަންގެ ކުއްޖެއްކަމަށް... ހައިކް މަންމަ ކިޔަމުން އައީ ވެސް ސޫޒަންއަށް. އެކަމަކު އެއީ އަޅުގަނޑާއި މިޔާގެ ދަރިއެއް. އަޅުގަނޑު މިޔާއާ ކައިވެނި ކޮށްގެން ލިބުނު ކުއްޖެއް... ޕްލީޒް މަންމާ. މިވަގުތު ހުރިހާ ވާހަކައެއް ކިޔާދޭން އުނދަގޫ. އަޅުގަނޑު ވަޢުދުވަން މިޔާއާއި ހައިކް ސަލާމަތުން އަޅުގަނޑާއެކު ގެނައުމަށްފަހު މަންމަގެ ހުރިހާ ސުވާލަކަށް ޖަވާބުދޭނަންކަން. އެ މީހުން ގެންދިޔައީ ސޫޒަން. އޭނާ ބޭނުންވަނީ އަޅުގަނޑުގެ ކިބައިން ބަދަލު ހިފަން. އޭނާއަށް އެނގޭ އަޅުގަނޑަށް މިޔާ ވެސް އަދި ހައިކް ވެސް ދޫކޮށެއް ނުލެވޭނެކަން. ސޫޒަންއަކީ ނުބައި އަންހެނެއް... އެކަން އަޅުގަނޑަށްވުރެ ކުރީން މަންމައަށް އެނގިފައިވަނީ. އޭނާ ޖެހިލުމެއްނުވާނެ މީހެއްގެ ފުރާނަ ދުއްވާލާކަށް. އެކަން ވެސް މަންމައަށް އެނގޭނެ." ރުޅިމަޑުކޮށް މަންމަގެ ކުރިމަތީ އިޒީކިއަލް ވާހަކަދެއްކީ މަޑުމައިތިރިކަމާއެކު އެވެ.
"އެހެންވެތަ ކަނޑުމައްޗަށް ނުކުތީ؟." ސަރީކާ އަހާލި އެވެ.
"އަޅުގަނޑު އަންނަން ނުޖެހުނުނަމަ މިރެއިން މިރެއަށް ވެސް އެމީހުން ތިބިތަނެއް ހޯދުނީސް. އޭރުން މިހާރު އެމީހުން ތިބީހީ އަޅުގަނޑާއެކު. ކިހާ ވަގުތެއް މިގެއްލެނީ... އަނެއްކޮޅުން ގެއްލިގެން މިދާ ކޮންމެ މިނެއްޓެއްގެ ފައިދާ ސޫޒަން ނަގާނެކަން ޔަޤީން. އަފްރާހާއި ސޫޒަން ގުޅިގެން މިކަމެއް މި ކުރަނީ." އިޒީކިއަލް ބުންޏެވެ.
"ރާހިންނަށް ވެސް މުހިންމުވާނެ އޭނާ ކައިވެނި ހަމަޖެހިފައިވާ އަންހެންކުއްޖާ ސަލާމަތްކުރާން." ސަރީކާ ބުންޏެވެ.
"އެންމެ ރަނގަޅު. ރާހިންގެ އެހީއާއެކު އަޅުގަނޑު އެމީހުން ސަލާމަތްކުރާން އެއްބަސް. މިޔާއާއި ހައިކްގެ ފުރާނަ ވެސް އަޅުގަނޑަށް މުހިންމު. އެހެންވީމަ ރާހިން ބުނޭ... ކިހިނެއް ކަންތައްކުރަންވީ؟." އިޒީކިއަލް ބުންޏެވެ.
"އޯ ޕްލީޒް. ކުއްލިއަކަށް މިޔާއާ މެދު މާ ކެއަރ ކުރާ މީހަކަށްވާން އުޅޭނެކަމެއްނެތް." ރާހިން ބުންޏެވެ. އޭނާއަށް އިޒީކިއަލްއަށް އިތުބާރު ނުކުރެވެނީ އެވެ. އިޒީކިއަލްއަކީ އަމިއްލަ އެދުން ބޮޑު މީހެއްގެ ގޮތުގައި ރާހިންއަށް ޤަބޫލުކުރެވޭތީ އެވެ.
"ބޭކާރު ވާހަކަދައްކާ ކަހަލަ މޫޑެއްގަނޫން މިހުރީ. އިތުރަށް ވަގުތުތަކެއް ނަގާނުލާ ރީއްޗަށް ބުނޭ. މިޔާއާއި ހައިކް ސަލާމަތް ކުރަން ބޭނުންވޭތަ ނުވޭތަ؟. ބޭނުންނުވާނަމަ މިކަމުގެ ތެރެއަށް ހުރަސްނާޅާ ދުރުގައި ހުރޭ." އިޒީކިއަލް ހިތްހަމަނުޖުހުނު ރާގެއްގައި ބުންޏެވެ.
"އެ މީހުންގެ ސަފާރީއަށް ފޮލޯ ކުރެވުންނަމަ މިހެނެއްނުވީސް." ރާހިންއަށް ދަތްކުނޑިވިކާލެވުނެވެ.
"މީ ނަމަނަމައޭ ކިޔަންވީ ވަގުތެއްނޫން. ޔޫ ކޭން ރިގްރެޓް އިޓް ލޭޓަރ... މިކަމުގައި އެއްބާރުލުން ދޭނަންތަ." އިޒީކިއަލް އަހާލި އެވެ.
"ދެޓްސް ވަޓް އައި ވޯންޓް ޓު ނޯ... މިޔާ ހޯދަން ތިކޮޅުން އެއްބާރުލުން ދޭންޖެހޭނީ." ރާހިން ބުންޏެވެ.
"އިތުރަށް ޒުވާބުކުރާކަށް ބޭނުމެއްނޫން. ފުރަތަމަ ބަލަންވީ މިޔާ ސަލާމަތް ކުރެވޭތޯ. އޭގެ ފަހުގައި ރާހިންގެ ތި ހިތްހަމަނުޖެހުން ސެޓްލް ކުރާނީ. މިބުނަނީ ދޯ ބޭކާރުވެގެންދާ ކޮންމެ މިނެޓަކީ މިޔާއާއި ހައިކްއަށް އޮތް ނުރައްކާ އިތުރުވާނޭ ކަމެކޭ." ކެތްތެރިކަން ގެއްލެމުންދިޔަ އިޒީކިއަލް ވާހަކަދެއްކީ ނިކަން އަވަސްއަރުވާލާފަ އެވެ.
"ފައިން... އައި އެގްރީ." ރާހިން ގޮތްދޫކުރި ފަދައިން ބުނެލި އެވެ.
ރާހިންއާއި އިޒީކިއަލް މަޝްވަރާތައް ފެށި އެވެ. ފުލުހުންގެ އެހީތެރިކަން ހޯދަން އެމީހުން ނިންމީ ރާހިންނަށް އިތުބާރު ކުރެވޭ ގާތް މީހަކު ހުރީމަ އެވެ. ރައްކާތެރި ގޮތުގައި ކުރިޔަށް ދާންވީ މަގު ސާފުވާނެތީއާ ވެސް އެކީ އެވެ. ފުލުހުންގެ ޓީމް މިޔާއާއި ހައިކް ހޯދުމުގެ މަސައްކަތް ކުރާއިރު އިޒީކިއަލްއާއި ރާހިން ވެސް ނިންމީ ކަނޑުމައްޗަށް ނުކުންނާށެވެ. އިޒީކިއަލްއަށް އެނގިފައިވާ މަޢުލާމާތެއްވިއްޔާ އޭނާ ރާހީންއާ ޚިއްޞާކުރި އެވެ.
"މަންމާ. އިރާދަކުރެއްވިއްޔާ ކާފައަށް ދެރަގޮތެއްނުވާނެ. އަޅުގަނޑު މިދަނީ ރާހިންނާއެކީ. މަންމަ ކައިރީ ޒާހިލް ހުންނާނެ. އަޅުގަނޑު ޒާހިލްއަށް އަޕްޑޭޓް ދެމުންދާނީ. އައި އޭމް ސޮރީ މަންމާ. ހުރިހާކަމެއް ވެސް ދެންވާނީ ރަނގަޅަށް." އިޒީކިއަލް އައިސް ސަރީކާގެ ގާތުގައި މަޑުކޮށްލަމުން މަންމަގެ އަތުގައި ހިފާލައި ވާހަކަދެއްކި އެވެ.
"ބަލައިގެން އުޅޭތި. ސަލަމާތުން އެނބުރި ދެ ކުދީން އަންނާތި." ރާހިންނާއި އިޒީކިއަލްއަށް ބަލާލަމުން ސަރީކާ ބުންޏެވެ.
އިޒީކިއަލްއާއި ރާހިން ގެއިން ނުކުމެގެން ގޮސް ފުރަތަމަ ބައްދަލުކުރީ ފުލުހުންގެ އިސް މީހަކާ އެވެ. ސޫޒަންއާއި އަފްރާހު ކުރަން އުޅޭ ކަންތައްތައް އިޒީކިއަލް ކިޔާދިނެވެ. އަދި އެ ވާހަކަތައް ރާހިންއަށް ދިމާވި ހާދިސާއާއި ސޫޒަންއާ އޮތް ގުޅުން އޭނާ އިތުރުކޮށްލި އެވެ.
ރަހީނު ކުރެވުނު ދެމައިން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިގަތެވެ. އިޒީކިއަލްއާއި ރާހިން އެކުގައި އެއް ލާންޗެއްގައި ތިއްބެވެ. އެމީހުން ކަނޑުމައްޗަށް ނުކުތީ އަމިއްލަ ގޮތުންނެވެ. މާލެ އަތޮޅުގެ ރަށްތައް ފެންނަ ހިސާބުން ދަތުރުކުރާތާ ދެ ގަޑިއިރު ފާއިތުވީ ފަހުން ސަފާރީއެއް ލޮލުކޮޅަށް ފެނުނެވެ. އެއާ ދިމާލަށް ވަގުތުން ލާންޗު އަނބުރާލުމަށް އިޒީކިއަލްއާއި ރާހިން ބުނެލީ އެކުއެކީ އެވެ. އޭރު ދަންވަރު ދޭއް ޖަހަން ކައިރިވެއްޖެ އެވެ. ރާހިން ފުލުހުންގެ ފަރާތުން ނުކުމެ އުޅޭ ޓީމުގެ އިސް މީހާއަށް ގުޅައި ފެނުނު ސަފާރީގެ މަޢުލޫމާތު ދީފި އެވެ. ފުލުހުން އަންނަންދެން ސަފާރީއާ ކައިރިނުވުމަށް ރާހިންނަށް އޭނާ އެންގި އެވެ. އެހެންވެ އެމީހުން ލާންޗުގެ ދުވެލި މަޑުކޮށް ސަފާރީއާ ދުރުމިނެއް ބަހައްޓަމުން ދިޔަ އެވެ. އިޒީކިއަލްގެ ކެތްތެރިކަމެއްނެތެވެ. ފުލުހުން އަންނަންދެން މަޑުކުރާކަށް އޭނާ އެއްގޮތަކަށް ވެސް ބޭނުމެއް ނުވެ އެވެ. ލާންޗު ތެރޭ ރާހިންއާ ދެބަސްވާން ފެށީ އެހެންވެ އެވެ. ދެ ޒުވާނުން ވާދަކިޔަމުން ދަނިކޮށް ފުލުހުންގެ ދެ ލާންޗު އައިސް ސަފާރީއާ ކައިރިކޮށްލަތަން ފެނުނެވެ. ވަގުތުން ދެ ޒުވާނުން އަވަސްވެލީ އެ ދިމާއަށް ކައިރިވެލާށެވެ. ރާހިނުކޮށްފައިވާ ދެމައިންގެ ޢާއިލާ މީހުންނަށް ވިޔަސް ރާހިނާއި އިޒީކިއަލްއަށް ސަފާރީއާ ކައިރިވާނޭ ފުރުޞަތެއް ފުލުހުން ނުދިނެވެ. އެހެންވެ އޭގެ ދެ މީހުންނަށް ޖެހުނީ މަޑުކޮށްގެން ބަލަން ތިބޭށެވެ. ފުލުހުން ވަގުތުން ސަފާރީ ހުއްޓުވައިފި އެވެ. އަދި އެއަށް ފުލުހުންގެ ޓީމު އަރައިފި އެވެ.
ސަފާރީގައި ތިބީ ޖުމްލަ ހަ މީހުންނެވެ. އެ ހަ މީހުންނަކީ ވެސް ދިވެހިންނެވެ. ފުލުހުން ސަފާރީގެ ތެރެ ބަލާ ފާސްކުރަން ފެށި އެވެ. ދެ މީހަކު ހައްޔަރު ކުރެވުނީ ރާ ބޯން ތިއްބަ އެވެ. ގިނަ އަދަދެއްގެ ރާފުޅިއާއި ބިޔަރު ކޭސްތައް ސަފާރީގައި ހުރުމުން އެ އެއްޗެހި ވެސް ފުލުހުން ނެގި އެވެ.
"ސަރ... ފެނިއްޖެ." ފުލުހެއް ގޮވާލި އަޑު އިވުނެވެ. އެއާއެކު އިންޗާޖަކަށް ހުރި މީހާ ހަލުވިފިޔަވަޅުގައި އެ ދިމާއަށް ހިނގައިގަތެވެ.
(ނުނިމޭ)