އަބްދުއްރަހީމް އަބްދުﷲ

ޔާމީނަކީ ކަންނެތް، ޒާތީ ހަސަދައިން ފުރިފައިވާ ބޭފުޅެއް: އަބްދުއްރަހީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ޒާތީ ހަސަދައިން ފުރިފައިވާ ކަންނެތް ބޭފުޅެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު)ގެ ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަބްދުއްރަހީމް މިރޭ ވަނީ އެމަނިކުފާނު މީގެކުރިން ދުވަހަކުވެސް ރައީސް ޔާމީނަށް ފާޑުވިދާޅުނުވާ ވަރަށް ފާޑު ވިދާޅުވެފަ އެވެ. ރައީސް ޔާމީނަށް ކުރިން ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ގެންދެވި އަބްދުއްރަހީމް މިރޭ ވަނީ އެ ދެ ބޭފުޅުންގެ ދެމެދުގައި ހިޔާލުތަފާތުވުން އުފެދުނު ގޮތާއި ޔާމީނަށް އޮތް ލޯތްބާއި އިތުބާރު ގެއްލުނު ސަބަބުތައް ވިދާޅުވެ ދެއްވާފަ އެވެ.

އަބްދުއްރަހީމް މިރޭ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި މިވަނީ މިފަހުން ޕީއެންއެފް އިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ރައީސް ޔާމީނާއި އަދި އެ ޕާޓީގެ ބައެއް އިސް ބޭފުޅުންް ކެނޑިނޭޅި އަބްދުއްރަހީމަށް ފާޑު ކިޔަމުން ދަނިކޮށެވެ.

މިއިންޓަވިއުގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަކީ ވަރަށް މޮޅު ސްމާޓް ބޭފުޅެއް ކަމަށް ކުރިން ގަބޫލުކުރެވުނު ކަމަށާއި ނަމަވެސް އެމަނިކުފާނަކީ ތަންދޮރު ނުދަންނަ ބޭފުޅެއްކަން މިހާރު ޔަގީންކުރެވިއްޖެ ކަމަށެވެ.

"ސިޔާސީ ގޮތުން ތަންދޮރު ނުދަންނަ ބޭފުޅެއް ޔާމީނަކީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޔާމީން ކުރިން އެންމެ އިތުބާރު ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަށް ދިމާވެގެން އުޅޭ މައްސަލައަކީ އެމަނިކުފާނު އިންތިހާއަށް ވެރިކަން ބޭނުންވެފައި ހުންނަވަނިކޮށް އެހެން ބޭފުޅަކަށް ވެރިކަން ލިބިވަޑައިގެން ރައީސް ޔާމީނަށް ވުރެ ރަނގަޅަށް ވެރިކަން ކުރައްވަފާނެ ކަމަށް ބެލެވުން ކަމަށެވެ. ރައީސް ޔާމީންގެ ބޮޑާކަމާއި ކިބިރުވެރިކަން ހުރި މިންވަރުން ހައިރާންވެވަޑައިގަންނަވާ ކަމަށާއި ރައީސް ޔާމީން އުޅުއްވަނީ ކަންކަން ހަޖަމު ނުވެގެން ކަމަށްވެސް ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް އެހެން މީހަކު ވެރިކަން ކުރާ މަންޒަރު ބަލަން ކެތްނުކުރެވިގެން އެމަނިކުފާނުގެ ލޯފުޅަށް ކެތްނުވެގެން އަދި އެހެން ބޭފުޅަކު ވެރިކަން ކުރައްވާއިރު ސިޔާސަތު ބައްޓަން ކުރައްވާ ގޮތުން ހިތްޕުޅަށް ކެތްނުކުރެވިގެން ދައްކަވާ ވާހަކަތަކެއް [އެދައްކަވަނީ]،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީނަކީ ކަންނެތް އަދި ރައްޔިތުންގެ ތާއީދު އޮތް ބޭފުޅެއް ނޫންކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން އެންމެ ފުރަތަމަ ލީޑަރުކަން ކުރެއްވި ޕީޕަލްސް އެލަޔަންސް (ޕީއޭ) އަކީ ވެސް ޔާމީންގެ މަސައްކަތުން އުފެއްދި ޕާޓީއެއް ނޫން ކަމަށެވެ. މިހާރު އުވާލާފައިވާ ޕީއޭ އޭރު އުފައްދާ ރައީސް ޔާމީނަށް ސިޔާސީ ޕްލެޓްފޯމެއް ހޯއްދަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ފަދަ ޔާމީނާ ކުރިން ގާތްގުޅުމެއް އޮތް ބޭފުޅުންތަކެއް ބުރަ މަސައްކަތުން ކަމުގައިވެސް ވިދާޅުވި އެވެ.

"ކަންނެތް މީހެއް [ޔާމީން] އެއީ. މަސައްކަތެއް ކުރި މީހެއް ނޫން [ޔާމީން] އަކީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެމަނިކުފާނު 2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ލިބިވަޑައިގަތީ ރައީސް މައުމޫނާއި އެމަނިކުފާނުގެ ބޭފުޅުން ކުރެއްވި ބުރަ މަސައްކަތުން ކަމަށެވެ. އެކަމަކު ރައީސް ޔާމީނަށް ސިޔާސީ ގޮތުން ހުރިހާ މޮޅެއް ހޯއްދަވައިދެއްވި ހުރިހާ ބޭފުޅުންނަށްވެސް ރައީސް ޔާމީން ދެއްވީ "ލަނޑެއް" ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީނަށް އޮތް ލޯތްބާއި އިތުބާރު ގެއްލުނީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަނުކުރެއްވޭ ގޮތްވުމުން އެ އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން އެންގެވި ހިސާބުން ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. ރައީސް ޔާމީނަކީ ގައުމީ ވަތަނީ ލޯބީގެ ބޭފުޅެއް ކަމަށް ކުރިން ވިދާޅުވި ނަމަވެެސް އަބްދުއްރަހީމް މިރޭ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރޭގައި ޔާމީން އަމަލުކުރެއްވި ގޮތުން އެމަނިކުފާނަކީ ވަތަނީ ލޯބި ހުރި ބޭފުޅެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަަމަށެވެ.

"ރައީސް ޔާމީންގެ އޮތީ ނަފްސީ ލޯތްބެއް. އެހާ ހިސާބުން ރައީސް ޔާމީނަށް އޮތް އިހްތިރާމާއި ގަދަރު ގެއްލުނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.