ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޑޮލަރުން ޓެކްސް ދައްކަންޖެހޭ ގޮތަށް ބައެއް ގާނޫނުތައް އިސްލާހުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓްވާ އޮޕަރޭޓާސް (މަޓާޓޯ)އިން ތާއީދުކޮށްފި އެވެ.
މަޓާޓޯއިން ބުނީ ސަރުކާރުން ގެންނަން އުޅޭ ބަދަލަކީ އިގްތިސާދު ރަނގަޅު ކުރުމަށް އަޅާ ފިޔަވަޅަކަށް ވާތީ އެކަމަށް އެ ޖަމިއްޔާ އިން ތާއީދުކުރާނެ ކަމަށެވެ.
ޑޮލަރުން އާމްދަނީ ދެއްކުމަށް މަޓާޓޯ އިން ދެކޮޅު ކަމަށް ބައެއް މީހުން ބުނި ނަމަވެސް އެ ޖަމިއްޔާގެ މައިގަނޑު ކަންބޮޑުވުމަކީ އެ ސިޔާސަތު ތަންފީޒު ކުރާއިރު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހިޔާލާ އެއްގޮތަށް އެކަން ނުކުރެވި ސިޔާސަތު ތަންފީޒު ވެދާނެތީ އޮތް ކަންބޮޑުވުމެއް ކަމަށެވެ.
މަޓާޓޯ އިން ބުނީ ގައުމުގެ އިގްތިސާދީ ހާލަތު އޮތް ގޮތުން އެކަން ރަނގަޅު ކުރަން ސަރުކާރުން އަޅާ ފިޔަވަޅުތަކަށް އެ ޖަމިއްޔާ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމަށެވެ.
ސަރުކާރުން ވަނީ ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް އިންކަމް ޓެކްސް، ޕެންޝަން އަދި ކަސްޓަމްސް ޑިއުޓީ ދައްކާއިރު ޑޮލަރުން އެ ފައިސާ ދައްކަންޖެހޭ ގޮތަށް ކަމާ ގުޅޭ ގާނޫނުތައް އިސްލާހުކުރުމަށް ނިންމާފަ އެވެ.