(27 އޯގަސްޓް 2024 އާ ގުޅޭ)
ސަފާރީގައި ތިބީ ޖުމްލަ ހަ މީހުންނެވެ. އެ ހަ މީހުންނަކީ ވެސް ދިވެހިންނެވެ. ފުލުހުން ސަފާރީގެ ތެރެ ބަލާ ފާސްކުރަން ފެށި އެވެ. ދެ މީހަކު ހައްޔަރު ކުރެވުނީ ރާ ބޯން ތިއްބަ އެވެ. ގިނަ އަދަދެއްގެ ރާފުޅިއާއި ބިޔަރު ކޭސްތައް ސަފާރީގައި ހުރުމުން އެ އެއްޗެހި ވެސް ފުލުހުން ނެގި އެވެ.
"ސަރ... ފެނިއްޖެ." ފުލުހެއް ގޮވާލި އަޑު އިވުނެވެ. އެއާއެކު އިންޗާޖަކަށް ހުރި މީހާ ހަލުވިފިޔަވަޅުގައި އެ ދިމާއަށް ހިނގައިގަތެވެ.
ލާންޗުގައި ތިބި އިޒީކިއަލްއާއި ރާހިންއަށް ފެނުނީ ފުލުހެއްގެ އަތްދަނޑިމަތީގައި މާޔާ ނެރުނުތަނެވެ. ހަމައެއާއެކު އެމީހުންނަށް ދެވަނަ ފުލުހެއްގެ ކަރުގައި ބައްދައިގަނެގެން އޮވެ ބާރަށް ރޮމުން ދިޔަ ހައިކް ފެނިއްޖެ އެވެ. އިޒީކިއަލްއަށް ކުރިޔައް ފިޔަވަޅެއް އަޅާލެވުނީ ބޭއިޚްތިޔާރުގަ އެވެ. ރާހިން އޭނާގެ ވައަތު މުލައްދަނޑީގައި ނުހިފެއްޓިނަމަ އިޒީކިއަލް އަރިއަޅާލައިގެން މޫދަށް ވެއްޓުނީހެވެ.
"މިޔާ..." ކަންބޮޑުވުމާއެކު އިޒީކިއަލްގެ ދުލުން ފުރަތަމަ ވެސް ނުކުތީ މިޔާގެ ނަމަވެ. އޭނާގެ ނަފްސު ފުންކަނޑެއްގެ ތެރެއަށް ގެނބިގެން ދިޔަ ފަދަ އިޙްސާސެއް ކުރެވުނެވެ.
ފުލުހުންގެ ހުއްދައާއެކު ލާންޗަށް އިޒީކިއަލް އެރީ ހައިކްގެ އުމުރުގެ ހަގުކަމުންނާއި ފުލުހުންނަށްވުރެ ހައިކް މަސަލަސްކުރާން ފަސޭހަވާނީ ވެސް އިޒީކިއަލްއަށްވީމަ އެވެ. އެމީހުންނާއެކު ފުލުހުންގެ ލާންޗު ނައްޓާލުމުން ރާހިން ވެސް އެމީހުންގެ ފަހަތުން ލާންޗުގައި އައެވެ.
ހައިކްގެ ފަޔަށް ތަދުވާތީ އެކުއްޖާ އުޅުނެވެ. ރޮމުންރޮމުން ފަޔަށް ވީގޮތް އިޒީކިއަލްއަށް ހައިކް ކިޔާދެމުން ދިޔަ އެވެ. އަދި ސަފާރީގައި ތިބި މީހުން މާޔާއާ މެދު ކަންތައް ކުރި އަނިޔާވެރި ގޮތް ވެސް އެކުއްޖާ ކިޔާދިނެވެ. ހައިކް ސަލާމަތް ކުރާން މާޔާ މަސައްކަތް ކުރިވަރު ހައިކްގެ ވާހަކައިން އެންމެންނަށް ވެސް ދޭހަވެގެންދިޔަ އެވެ. މޭގައި ދަރިފުޅު ބޮނޑިކޮށްލުމާއެކު އިޒީކިއަލްއަށް މާޔާއަށް ބަލާލެވުނެވެ. މާޔާގެ ހެޔެއްނެތެވެ. މާޔާގެ ނިތްކުރިމަތިން ފަޅައިގެން ގޮސްފައިވާއިރު މޫނުގެ އެއްފަޅީގައި ރަތްކަމާއެކު ދުޅަކަމެއް ފާޅުވާން ހުއްޓެވެ. ހައިކްގެ ވާހަކަތައް އަޑު އަހަމުންދިޔަ ފުލުސް މީހާ ވަގުތުން މާޔާގެ އަތުގެ އުޅަންބޮށްޓާއި ދިމާއިން އެތެރެފަރާތް ބަލަންފެށި އެވެ. ދެ އަތުގައި ވެސް ސިރިންޖު ކަށީގެ ނިޝާން ފެންނަން ހުއްޓެވެ. އެ އަންހެންކުއްޖާގެ ހާލުފެނި އިޒީކިއަލްއަށް ދަތްކުނޑިވިކާލެވުނެވެ.
މާލެއަށް ފޭބިއިރު އެމްބިއުލާންސް އޮތީ ތައްޔާރަށެވެ. އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަށް މާޔާއާއި ހައިކް ގެނެވުނެވެ. އެމީހުންނާއެކީ ހޮސްޕިޓަލަށް ވަން ރާހިން ހިނގައިގަތީ މާޔާގެ ކައިރިޔަށް އައުމަށެވެ. ހައިކް ގޮވައިގެން މާޔާއާ ކައިރިވާނޭ ފުރުޞަތެއް އިޒީކިއަލްއަކަށް ނުލިބުނެވެ. ހައިކްއާއި މާޔާ ގޮވައިގެން މާލެ އައިކަމުގެ ޚަބަރު ޒާހިލްއަށް ދިނެވެ. އޭގެ އިރުކޮޅެއް ފަހުން ފެނުނީ ސަރީކާ ގޮވައިގެން ޒާހިލް ހޮސްޕިޓަލަށް އައިތަނެވެ.
ފުލުހުން އެމީހުންގެ މަސައްކަތް ނިންމާފައި ނުކުތުމުން ޒާހިލްއާއެކު ސަރީކާ އެތެރެއަށް ވަނެވެ. އެނދެއްގެ ކައިރީ އިށީނދެލައިގެން އިން އިޒީކިއަލް ފެނުމުން އެ ދިމާއަށް އެ މީހުން އައެވެ. ކަނާއަތުގެ ފައިގެ ކުޑަހުޅާ ހިސާބު ބެންޑޭޖުކޮށްފައި އޮތް ކުޑަ ކުއްޖާ ފެނުމާއެކު ސަރީކާގެ ފިޔަވަޅު މަޑުޖެހޭ ގޮތްވި އެވެ. މިހާ ދުވަހު ސޫޒަންގެ ދަރިއެއްކަމަށް ހީކުރެވި އެކުއްޖާގެ މޫނު ދުށުމަށް ބޭނުންނުވެފައި ހުރި ކުޑަކުއްޖާ ސަރީކާއަށް މިފެނުނީ އަދިކިރިޔާ އެވެ. އެ ތުއްތު މޫނުން ސަރީކާއަށް ހަޤީޤަތް ހުރީ ހާމަވާށެވެ. އެއީ އިޒީކިއަލްގެ ދަރިއެއްކަން ޔަޤީނެވެ. އެއްފަހަރު ވެސް އެކުއްޖާ ދުށުމަށް ބޭނުންވެ އިޒީކިއަލް ގާތުގައި ސަރީކާ ބުނިނަމަ އޭނާއަށް މި ހަޤީޤަތް މާކުރީން އެނގުނީހެވެ. އެހެންނަމަވެސް އޭނާ ވެސް ގޮތްދޫނުކޮށް ހުރީ ސޫޒަން އެކަމުގައި ޝާމީލްވާކަން އެނގޭތީ އެ އޮޅުމުގެ ތެރޭގަ އެވެ.
"މަންމާ." ސަރީކާ އައިސް އިޒީކިއަލްގެ ކައިރީ ހުއްޓިލުމުން އޭނާ ގޮނޑިން ތެދުވެއްޖެ އެވެ.
"މީތަ ހައިކްއަކީ؟." ސަރީކާއަށް އަހާލެވުނެވެ.
އިޒީކިއަލް ބޯޖަހާލަމުން އެނދު ކައިރިން ދުރަށް ޖެހިލީ ސަރީކާއަށް އެނދާ ކައިރިވެލަން ފުރުޞަތު ދޭށެވެ. އޭނާ ހައިކްއަށް ސަރީކާއަކީ މާމަކަން ބުނެދިނެވެ. ވަގުތާއި ފުރުޞަތުގެ ބޭނުން ހިފަމުން އިޒީކިއަލް ދުރަށް ޖެހިލީ އެބަ އަންނަން ކަމުގައި ބުނެ އެވެ. ދެން އޭނާ އަވަސްވެލީ މާޔާ ހޯދާށެވެ.
"މިތާ ކީއްކުރަނީ؟." އިޒީކިއަލް ފެނުމާއެކު ރާހިން ގަޔާނުވި އެވެ.
"އަހަރެންގެ ދަރިފުޅުގެ މަންމަ އެއީ." އިޒީކިއަލް ބުންޏެވެ.
"ސޯ ވަޓް؟." ރާހިން ބުނެލީ އިޒީކިއަލްގެ އެ ބަހުގައި މަބޮޑު އޮއްޓަރެއްނެތް ފަދައަކުންނެވެ.
"ތަން ދައްކާ؟." އިޒީކިއަލް އަމުރުކޮށްލި އެވެ.
"އަހަރެން ކަލެއަށް މާޔާ ދޫކޮށްލާނޭ ކަމަށް ހީވަނީތަ؟. ނުވާނެ އެކަމެއް." ރާހިން ބުންޏެވެ.
ނަރުސްކުއްޖަކު ރާހިންގެ ކައިރިޔަށް އައިސް ހުއްޓިލި އެވެ. އޭނާގެ އަތުގައި ހުރި ފޯމްތަކެއް ރާހިންއަށް ދިއްކޮށްލި އެވެ. އަދި މާޔާ ހޭއެރުމުން ރާއްޖޭން ބޭރަށް ގެންދެވޭހާ ހާލު ރަނގަޅުނަމަ ހޮސްޕިޓަލުން ހުއްދަދޭނަންކަން އެ ނަރުސްކުއްޖާ ރާހިންއަށް ބުންޏެވެ. ކައިރީގައި ހުރި އިޒީކިއަލްއަށް އެ ހުރިހާ ވާހަކައެއް އަޑުއިވުނެވެ. ނަރުސްކުއްޖާ ރާހިންގެ ކައިރިން ދުރަށް ދިއުމާއެކު ވަގުތުން އިޒީކިއަލް ވާހަކަދެއްކި އެވެ.
"އެއްވެސް ތާކަށް މިޔާ ނުގެންދެވޭނެ." އިޒީކިއަލް ބުންޏެވެ.
"އިޒީކިއަލް." ފަހަތުން އިވުނީ ސަރީކާގެ އަޑެވެ. އިޒީކިއަލް ކޮބާތޯ ބަލާލިއިރު ރާހިންއާ ދެ މީހުން އެކުގައި ފެނުމުން އެ ދިމާއަށް އަވަހަށް ސަރީކާ އައީ މައްސަލަ ގޯސްވެދާނޭކަމަށް ލަފާކޮށްގެންނެވެ.
"އެކުއްޖާގެ ހާލު ކިހިނެއް؟." ރާހިންގެ ކައިރިން ސަރީކާ އަހާލި އެވެ.
"ހޭ އެރީމަ ވަކި އެއްޗެއް ބުނަން އެނގޭނީ. އަނެއްހެން ގެއްލުމެއް ލިބިފައިވާކަމަށް ޑަކްޓަރުން ނުބުނޭ." ރާހިން ބުންޏެވެ.
"އިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވާނެ." ސަރީކާ ބުންޏެވެ.
"ޑަކްޓަރުން އޯކޭ ދިނީމަ އަޅުގަނޑު މާޔާ ގޮވައިގެން ފުރަން ގަސްދުކުރަނީ. އަޅުގަނޑުގެ ޢާއިލާ ކައިރިޔަށް. ފަހަރެއްގައި މީ އާންޓީއާ ބައްދަލުވާނެ ފަހު ފަހަރަށް ވެދާނެ." ރާހިން ބުންޏެވެ.
"އެހެންތަ." ސަރީކާއަށް ބުނެވުނެވެ. އޭނާ އެނދުގެ ވަށައިގެންވީ ފަރުދާ އެއްފަރާތްކޮށްލައި އެނދުގައި އޮތް މާޔާއަށް ބަލާލި އެވެ. ފަރުވާތެރި ބެލުމަކުން އިރުކޮޅަކު ބަލަން ހުރެފައި އިހު ހުރިގޮތަށް ސަރީކާ ފަރުދާ ދަމާލި އެވެ. އިޒީކިއަލް ކުރިޔަށް ޖެހިލައި ފަރުދާގައި ހިފާލި އެވެ. އެހިނދު އޭނާގެ އަތުގައި ހިފެހެއްޓީ ސަރީކާ އެވެ.
"މިތަނުގައި އޭނާގެ ކަންކަން ބަލަން ރާހިން އެބަހުރި. ހައިކް އެކަނި އޮތީ... އިޒީކިއަލްގެ ޒިންމާއަކީ ހައިކް. ހިނގާ މިތަނުން." އިޒީކިއަލްގެ މުލައްދަނޑިން ދޫކޮށްނުލާ ހުރެ ސަރީކާ ވާހަކަދެއްކި އެވެ. އޭނާ އެފަދައިން ނިންމީ އެ އަންހެންކުއްޖާއާއި ރާހިން ކައިވެނި ކުރާން ނިންމާފައިވާތީ އެ ދެމެދަށް އިޒީކިއަލް ވަނަ ނުދޭންވެގެންނެވެ.
"މަންމާ... މިޔާ ހޭ އެރީމާ އޭނާއާ ވާހަކަދައްކަން އަޅުގަނޑު ބޭނުން." އިޒީކިއަލް މަޑުމަޑުން ބުންޏެވެ. އެކަމާ ގަޔާނުވިކަން ރާހިންގެ މޫނުމަތިން ސާފުކޮށް ފާޅުވެގެން ދިޔަ އެވެ.
"އިޒީކިއަލްއަށް އަޑު ނީވުނީތަ މަންމަ ބުނި އެއްޗެއް. މިތަނުގައި އޭނާއަށް އަޅާލަން ރާހިން އެބަހުއްޓޭ. އޭނާގެ މައްޗަށް އިޒީކިއަލްއަށް އޮތީ ކޮންހައްޤެއް؟. ރާހިންއަކީ އޭނާގެ ވާން އުޅޭ ފިރިމީހާ. އެ ދެ މީހުން އިންނަން ނިންމާފައި އޮއްވާ މިކަމެއް މި ހިނގީ. އިތުރު މައްސަލަތަކެއް ނެރޭން ނޫޅޭ." ސަރީކާ ބުންޏެވެ.
"މަންމާ. އެއީ ސޫޒަންއެއްނޫން... މިޔާއަކީ އެކަހަލަ އަންހެނެއްނޫން. އަޅުގަނޑު މިޔާދެކެ..." އިޒީކިއަލްއަށް ޖުމްލަ ފުރިހަމަނުކުރެވެނީސް ސަރީކާ އޭނާ ހުއްޓުވައިފި އެވެ.
"ސޫޒަން ބޭނުންވެގެން އުޅުނުއިރު އޭނާގެ ރަނގަޅުކަން ބުނެދޭން އިޒީކިއަލް ކިހާ މަސައްކަތެއް ކުރީން. އަހަރެން ވެސް ފުރަތަމަ ހީކުރިން ސޫޒަންގެ އެފަދަ ނުބައިކަމެއް ނުހުންނާނޭ. މިވަގުތު މަންމަ ބޭނުމެއްނޫން އިޒީކިއަލްއާ ޒުވާބުކުރާކަށް. ހަޤީޤަތް އިޒީކިއަލްއަށް ވެސް ސާފު. އިޒީކިއަލް ވަޢުދުވީމެންނު އެ އަންހެންކުއްޖާ ސަލާމަތްވުމުން ހުރިހާ ކަމެއް މަންމައަށް ކިޔާދޭނަމޭ. އެހެންވީމަ އިހަށް އެ ވަޢުދު ފުއްދާ... މިތާ ރާހިންނާ ދެބަސްވެ އޭނާއަށް އުނދަގޫކުރާން އިޒީކިއަލް ހުންނާކަށް މަންމަ އެއްގޮތަކަށް ވެސް ނޭދެން." ސަރީކާ ބުންޏެވެ. ނަމަވެސް އިޒީކިއަލްގެ ހިތަކަށް ކުޅާދާނައެއްނުވި އެވެ.
"މަންމާ ޕްލީޒް. މިޔާއާ ވާހަކަދައްކަން އަޅުގަނޑު ބޭނުން." އިޒީކިއަލް އާދޭސްކޮށްލި އެވެ.
"ތިގޮތް ހުއްޓަންވެއްޖެ އެއްނު. ކުރީގައި ސޫޒަންއާ ހެދި މަންމައާ ދެކޮޅު ހަދަމުން އައީ... އަނެއްކާ ވެސް އަންހެނަކާ ހެދި މަންމަގެ ބަސް ޤަބޫލުނުކުރަން ތިއުޅެނީ. އިޒީކިއަލްއަށް މި އަންހެންކުއްޖާ މުހިންމުނަމަ އޭނާ އިނީހީ އިޒީކިއަލްގެ އަނތްބެއްގެ ގޮތުގައެއްނު." ސަރީކާގެ އަޑުގައި ހަރުކަށިކަންވި އެވެ. ރާހިންގެ ތުންފަތްމަތިން ފޮރުވާލި ހިނިތުންވުން އިޒީކިއަލް ދުށްޓެވެ. މަންމަގެ ވާހަކަތަކުން އިޒީކިއަލްގެ ދޫ ބަންދުވީ އެވެ. ބަލި ޤަބޫލުކުރާން މަޖުބޫރުވީ ފަދައިން އިޒީކިއަލް ކަރު އެލުވާލި އެވެ. ސަރީކާ އޭނާގެ މުލައްދަނޑީގައި ހިފައި ކުރިޔަށް ދަމާލުމުން މަންމަގެ ބާރުގައި ދާފަދައިން އިޒީކިއަލްގެ ހިނގައިގަތެވެ. އެއްވެސް މީހަކަށް ނުފެނުނީ އޭނާގެ އިސްޖެހިފައިވާ މޫނެވެ. ފުރަތަމަ ފަހަރަށް ބަރުދާސްތުކުރާން ދަތި ވޭނެއް އޭނާގެ ހިތަށް ލިބިގެން ހިނގައްޖެ އެވެ. އެ ވޭނުން އޭނާގެ ދެ ލޯ ފެންކަޅިކޮށްލި އެވެ. ރާހިންއާއި މާޔާ ހަޤީޤަތަށް ވެސް ކައިވެނި ކުރަން ރާވަފައި އޮތީބާއޭ ފުރަތަމަ ފަހަރަށް އިޒީކިއަލްގެ ހިތް ސުވާލުކޮށްލި އެވެ.
"އަހަރެންނަށް މިޔާ ލިބުނު. ހިތް ފުރޭންދެން ލޯބިކުރާން ލިބުނު... އެކަމަކު މިޔާގެ އަގުވަޒަން ނުކުރީ ވެސް އަހަރެން. އޭނާ ބޭނުންނެތިގެން ދޫކޮށްލީ އަހަރެން. އެ ހުރިހާކަމެއްގެ ބަދަލުތަ އަހަރެންނަށް މިލިބެނީ. ނޫން... ނޫން... މިޔާ އަބަދަށް ގެއްލޭކަށް ބޭނުމެއްނޫން. އަހަރެން އޭނާ ހޯދާނަން. މުޅި އުމުރަށް އަހަރެންގެ މީހަކަށް ހަދާނަން." އިޒީކިއަލްގެ ހިތުގައިވި އެވެ. އަމިއްލަ ނަފްސަށް އޭނާ ވަޢުދުވީ ކަހަލަ އެވެ.
* * * * *
ދެ ދުވަސް ފަހެވެ. ހޮސްޕިޓަލުން ހައިކް ދޫކޮށްލުމުން އިޒީކިއަލް ދަރިފުޅު ގޮވައިގެން ބަދަލުވީ މަންމަގެ ކައިރިޔަށެވެ. ސޫޒަންއާއެކު ދިރިއުޅޭން ކުއްޔަށް ނަގާފައި ހުރި ގެ އޭނާ ދޫކޮށްލީ އެވެ. އެ ގެއަށް އެނބުރި ދާން ވެސް އިޒީކިއަލް ބޭނުންނުވީ އެވެ. ހަމައެއާއެކު ހައިކްއަށް އެކަމުން ކޮށްފާނޭ ނޭދެވޭ އަސަރަކާމެދު ވެސް އިޒީކިއަލްއަށް ވިސްނޭތީ އެވެ. މިހާ ދުވަހު އެ ދަރިފުޅަށް ހީވެފައި އޮތީ ސޫޒަންއަކީ އޭނާގެ މަންމަކަމަށް ވާތީ އެވެ.
"ޑެޑީ..." ނިދަން ދެ ލޯ މަރައިގެން އޮވެފައި ހައިކް ލޯ ހުޅުވާލައި ގޮވާލި އެވެ. އިޒީކިއަލް އޮތީ ދަރިފުޅުގެ ކައިރިޔަށް އަރަ އެވެ. އެގޮތަށް އެކުއްޖާ ނިންދަވަން ގާތުގައި އޮތް ރެއެއް އިނގިލިން ގުނާލެވޭހާ މަދުވާނޭކަން ޚުދު އިޒީކިއަލް ވެސް އެނގެ އެވެ. އަމިއްލަ ދަރިފުޅަށް އެކުއްޖާ ބޭނުންވާ ވަރަށް އިޒީކިއަލްއަށް ވަގުތު ނުދެވޭކަން ވިސްނުނީ އަދިކިރިޔާ އެވެ.
"ހޫމް..." ކުރުއަތް މައްޗަށް އޮވެ ދަރިފުޅަށް ބަލާލަމުން އިޒީކިއަލް ލައްވާލި އެވެ.
"އެ ދައްތަ އަދިވެސް ބަލިތަ؟" ބައްޕަގެ މޫނަށް އިރުކޮޅަކު ބަލަން އޮވެފައި ހައިކް އަހާލި އެވެ. އިޒީކިއަލްގެ ޠަބީޢަތް އެވަގުތު ހުރީ ކިހިނެއްތޯ ދެނެގަންނަން މަސައްކަތް ކުރަމުން ހައިކް ވާހަކަދެއްކި ފަދަ އެވެ.
"ކޮންދައްތައެއް؟." އިޒީކިއަލް ސުވާލުކުރީ ނަމަވެސް އޭނާގެ ހިތް ބުނީ ހައިކް އެ ހޯދަނީ މިޔާކަމެވެ. އޭނާއަށް ފުރަތަމަ ހީކުރެވުނީ ހައިކް އަހާނީ މަންމަ ކޮބާތޯ ކަމަށެވެ. އެހެންވެ ސޫޒަން ދެން އެނބުރި ނާންނާނޭކަން ހައިކްއަށް ބުނެދޭނެ ގޮތަކާމެދު އިޒީކިއަލް އައީ ވިސްނަމުންނެވެ. ހައިރާންކުރުވީ މިހާ ދުވަހު މަންމަ ކީ މީހާ ހޯދަން ނޫޅެ ކުޑަވަގުތުކޮޅަކަށް ބައްދަލުވީ އަންހެނަކާމެދު ހައިކް ސުވާލުކުރީމަ އެވެ.
"ހައިކް ޕްރޮޓެކްޓްކުރި ދައްތަ." ހައިކް ބުންޏެވެ.
"އެ ދައްތަގެ ގޭގައެއްނު މިގަޑީގައި އުޅޭނީ." އިޒީކިއަލްއަށް މިޔާގެ ހަޤީޤަތް ހާމަކުރާން ދަތިވީ އެވެ.
"އެ ދައްތައަކީ ހައިކްގެ މަންމަތަ؟." އިރުކޮޅަކު މަޑުކޮށްލާފައި ހައިކް އަހާލީ ތަންކޮޅެއް މަޑުންނެވެ. އިޒީކިއަލްގެ އަރުތެރޭ ކުޅުތިކި ވެސް ތަށިވީ ކަހަލަ އެވެ. ހިންދިރުވާލަން އުޅެ އެކަން ދަތިކަމަކަށް އޭނާއަށް ވިއެވެ. އޭނާ މަޑުމަޑުން އެނދުން ތެދުވެ ހައިކްގެ ކައިރީ އެނދުގެ އަރިމަތީގައި އިށީނެވެ. ދެން ހައިކްގެ ގައިމަތީ އޮތް ރަޖާ ރީތިކޮށްލަ ދިނެވެ. ފުން ވިސްނުމަކަށް ދިޔަ ފަދައިން އިޒީކިއަލްއަށް ހައިކްގެ މައުސޫމް މޫނަށް ބަލަން އިނދެވުނެވެ.
(ނުނިމޭ)