ހަބަރު

ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ކުރާ ތުހުމަތަށް އިންކާރު ކުރަން: ރިޔާޒު

Jan 28, 2015

ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ކަމަށް ބުނެ ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ސަރުކާރުން ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވާ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާޒުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރާ ގުޅިގެން ސަރުކާރު ވައްޓާލަން މަސައްކަތް ކުރާކަމަށް ސަރުކާރުން ވަނީ ތުހުމަތުކޮށްފަ އެވެ.

އެކަމާ ގުޅިގެން ރިޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ. އަދި އޭނާ ގަބޫލުކުރާ އުސޫލުތަކާއި ހަމަތަކުގައި ހިފަހައްޓާނެ ކަމަށް ވެސް އެ ޓްވީޓްގައި ރިޔާޒު ވިދާޅުވެފައިވެ އެވެ.

ހަތިޔާރު ގެންގުޅުނު ކަމަށް ބުނެ ނާޒިމްގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގުގައި ނާޒިމްގެ ދިފާއީ ވަކީލުންނަށް އެކްސްޕާޓެއްގެ ގޮތުން އެހީތެރިކަން ދިނުމަށް ރިޔާޒު ވަނީ ހުށަހަޅުއްވައިފަ އެވެ.