ޓެކްސް އެޕީލް ޓްރައިބިއުނަލް

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ހުޅުވާލައިފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރަކު މަގާމުން ވަކިކޮށްފައިވާތީ ހުސްވި މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ތިއްބެވި ފަސް މެންބަރުންގެ ތެރެއިން އޭރުގެ ރައީސް މުހައްމަދު މުނައްވަރު އަލީއާއި، އޭރުގެ ނައިބު ރައީސް ހުސައިން ޒައިދާން ޖަލީލާއި، މެމްބަރު އަހްމަދު އަޝްރަފާއި، މެމްބަރު ހަދީޖާ ނައީމް އެ މަގާމުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

މަޖިލީހުގެ ލަފައާއި އެއްގޮތަށް ހަތަރު މެންބަރުން ވަކިކުރުމަށް ރައީސް ނިންމެވީ މިމަހުގެ 26 ވަނަ ދުވަހު އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރެއްގެ ގޮތުގައި މިވަގުތު ހުންނެވީ އިސްމާއީލް ސާޖިދު އެކަންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެމްބަރަކު ވަކިކުރުމަށް މަޖިލީހުން ރައީސްއަށް ލަފާ ދިނީ ޓްރައިބިއުނަލްގެ މެމްބަރު ސާޖިދު މަޖިލީހުގެ ސަމާލުކަމަށް ގެނައި މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބެލުމަށްފަހު އެވެ.

ރައީސް އޮފީހުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގުރާރާއި ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ސެޕްޓެމްބަރު 17 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރުފަހު 12:00 އަށް އެ އޮފީހުން ކަމަށެވެ.