ޓެކްސް އެޕީލް ޓްރައިބިއުނަލް

ޓެކްސް ޓްރައިބިއުނަލަށް ހަދީޖާ އައްޔަންކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ގާނޫނީ ދާއިރާގެ މެންބަރުގެ މަގާމަށް މ. ރަންވަރަ، ހަދީޖާ ނައީމް އައްޔަނުކޮށްފި އެވެ.

ހަދީޖާ އެ މަގާމަށް އައްޔަނުކުރެއްވީ މިއަދު އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރަން ފެންނަކަމަަށް މަޖިލީހުގެ އަގުލައްބިއްޔަތުން މިދިޔަ ހޯމަ ދުވަހު ވަނީ ރުހުންވެސް ދީފަ އެވެ.

ހަދީޖާ ނަޢީމަކީ، ނޭޝަނަލް ލޯ ސްކޫލް އޮފް އިންޑިއާ ޔުނިވަރސިޓީއިން ބިޒްނަސް ލޯގެ ދާއިރާއިން މާސްޓަރސް އޮފް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ އެންމެ ފަހުން ފުރުއްވާފައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ލީގަލް އޮފިސަރގެ މަގާމެވެ. އޭގެ އިތުރުން، އެޓާނީ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ސްޓޭޓް އެޓަރނީގެ މަގާމާއި، އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރ ލީގަލްގެ މަގާމު ވެސް ހަދީޖާ ކުރިން ފުރުއްވާފައިވެއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުކަމުގެ މަގާމު ހުސްވީ ކުރިން ގާނޫނީ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ކުރިން ހުންނެވި ގ. ގޮފި، ފާތުމަތު މިންހަތު އިއްޒަތު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.