އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން އަންބާކިޔާފައި ޔުކްރޭނަށް ފައިޓަރު ޖެޓުތައް ދިން އިރުވެސް -- ވެއްޓި ހުސްވާނެ ކަމަށް އޮތީ ބެލެވިފައި ކަމަށް ޔަކޯފް ކެޑަމީ ވިދާޅުވެއްޖެ އެވެ.
ޔަކޯފް ކެޑަމީ އަކީ އަސްކަރީ ސިޔާސަތު އަންދާޒާކުރާ، އިޒުރޭލުގެ އިންޓެލިޖެންސް އޮފިޝަލެކެވެ.
ޔަކޯފް ވިދާޅުވި ގޮތުގައި އެފް16ގެ ފައިޓަރު ޖެޓުތަކަށް ޕައިލެޓުން ތަމްރީންކުރުމުގައި ވަރަށް ފަރުވާތެރިވާން ޖެހެ އެވެ. އޭގެ އުކުޅުތައް އެހާ އަވަހަށް ދަސްނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔުކްރޭންގެ ޕައިލެޓުން ތަމްރީންކުރުމުގައި ކަންކޮށްފައި ވަނީ އަމާ ބުނީތީ ފަރަށްދާ މިސާލުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ކަމަކަށް ކަމެއް ކުރުމުގެ ނަތީޖާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔަކޯފް ވިދާޅުވީ ދެން ހުރި ޖެޓުތަކަށް ވެސް ޖެހޭނީ އެއް ހާލެއް ކަމަށެވެ. އެއްގޮތަކީ ވެއްޓި ހުސްވުން ނުވަތަ ރަޝިއާގެ ދިފާއީ ނިޒާމުން ވައްޓާލުން ކަމަށް އޭނާ ވިދާޅުވި އެވެ.
ފައިޓަރު ޖެޓުތަކުން ޔުކްރޭނަށް ރާހަތެއް ކުރުމުގެ ކުރިން ޖެޓުތައް ހަލާކުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔުކްރޭން ޕައިލެޓުން ތަމްރީންކޮށްފައި ވަނީ ވަރަށް އަވަސްއަރުވާލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ތަޖުރިބާ ނެތް ޕައިލެޓުން ލައްވައި އުދުއްސަން ހަދައިގެން ހަނގުރާމަވެރިންގެ އާދައިގެ ބަޑިއަކުން ވެސް ޖެޓުތައް ވައްޓާލާނެ ކަމަށް ޔަކޯފް ވިދާޅުވި އެވެ.
ޔުކްރޭނަށް ދިން ފައިޓަރު ޖެޓުތަކުން ޖެޓެއް ވެއްޓި ޕައިލެޓް މަރުވި ހާދިސާއާ ބެހޭ ގޮތުން ތަހުތީގު ޓީމުން ބުނަނީ އެކަން މެދުވެރިވީ ޕައިލެޓާއި ބިމުގެ ކޮންޓްރޯލާ ދެމެދު ހަރުދަނާ ގުޅުމެއް ނެތުމުން ކަމަށެވެ.
ފައިޓަރު ޖެޓަށް އެހާ ފަސޭހައިން ޕެޓްރިއޮޓް މިސައިލެއް އެރީ ޕައިލެޓު ނުފަރިތަކަމުން ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ.
ރަޝިއާއަށް ހަމަލާދިނުމަށް ހުޅަނގުން ފައިޓަރު ޖެޓު ދޭނެ ކަމަށް ބުނުމާ ގުޅިގެން އެކަމާ ދެކޮޅަށް ރަޝިއާ ވަނީ އިންޒާރުދީފަ އެވެ. ރަޝިއާގެ އަސްކަރިއްޔާއިން ބުނި ގޮތުން ޔުކްރޭނަށް ކިތަންމެ ޖެޓެއް ދިން ނަމަވެސް ބަޑިޖަހައި ވައްޓާލާނެ އެވެ.