ކެބިނެޓް

އިންވެސްޓަރުން ދޫކުރާ ރެޒިޑެންސީ ވިސާ ޕްރޮގްރާމް ފުޅާކުރަނީ

ބޮޑެތި އިންވެސްޓަރުންނަށް ރާއްޖެއިން ބޯހިޔާވަހިކަން ދޭން ޕްރޮގްރާމެއް ފަށަން މިއަދު ބޭއްވި ވަޒީރުގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމައިފި އެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، އިންވެސްޓާ ރެޒިޑެންސީ ނުވަތަ އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ރާއްޖެ އައިސް ގޮސް އުޅެން ފަސޭހަވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރެވުނު ކަމަށެވެ.

"މިއަދު ޑިސްކަޝަންގައި ފާހަގަަކުރެވުނު ކަމަކީ މިއީ ރާއްޖޭގައި، މިސާލަކަށް ބައެއް ގައުމުތަކުގައި ހުންނަ ކަހަލަ، ރެސިޑެންސީ ޕްރޮގްރާމަކުން ރާއްޖެއަށް އައިސް މީހުން އުޅުމުގެ ބަދަލުގައި، މިހާރުވެސް އެބަހުރި ބައެއް ރިސޯޓްތަކުގައި އިންވެސްޓްކޮށްފައި، ޕްރައިވެޓް ރެސިޑެންސް ގަނެގެންނާއި އެއްކޮށް،" ޒަމީރު ވިދާޅުވި އެވެ.

މިއީ ދުނިޔޭގައިވެސް ފުޅާވަމުންދާ މާކެޓެެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އިންވެސްޓަރުންނަށް ފަސޭހަ ގޮތްތައް ހަމަޖައްސައިދީ އަދި މާކެޓް ފުޅާކުރުމަށްޓަކައި އެކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވިގެންދިޔަ ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މިއީ އިގްސޯދު ސިންދަފާތު ކުރުމަށްޓަކައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި އެންމެ ބޮޑު އެއް އަމާޒު ކަމަށާއި، މިއީ ރާއްޖެ އެއް ކަމަކަށް ބަރާސޯވެގެން ނޯވެ، ބޭރުގެ ފައިސާއިން އާމްދަނީ ފަހިކުރުމާ ގުޅޭ ގޮތުން ކުރެވޭ ވަރަށް ބޮޑު މަސައްކަތެއް ކަމަށްވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މީގައި ކުރިއެރުންތަކެއް ލިބިފައި އެބަހުރި. މީގެ އެންމެ ފުންނާބު އުސް ކުންފުނިތަކާއެކު މިދަނީ މަސައްކަތް ކުރަމުން. މި ޕްރޮގްރާމް ކާމިޔާބު ކަމާއެކު ކުރިއަށް ދިއުމަށްޓަކައި،" ސައީދު ވިދާޅުވި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ ކޯޕަރޭޓް ރެސިޑެންސް ޕްރޮގްރާމެއް 2013 ވަނަ އަހަރުވެސް ކޮންމެވެސް ސިފައެއްގައި ރާއްޖޭގައި ހިންގަމުން ދިޔަ ކަމަށެވެ. އެހެންނަމަވެސް މިހާރު އިންވެސްޓަ ރެސިޑެންސީ ޕްރޮގްރާމަކީ އެއަށްވުރެ ފުޅާކޮށް ހިންގުމަށް ގަސްދުކުރާ ޕްރޮގްރާމެއް ކަަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބަލަނީ ދުބާއީ، މެލޭޝިއާ ފަދަ އިންވެސްޓާ ރެސިޑެންސް ޕްރޮގްރާމްތައް ތަންކޮޅެއް ލާޖް ސްކޭލްގައި ހިންގާފައި ހުރި ގައުމުތަކުގެ މޮޑެލް އެ ބޭނުންކޮށްގެން ރާއްޖެއަށް އިކޮނޮމީ ޑައިވާސިފިކޭޝަން އިންވެސްޓްމެންޓް ގެނެވޭނެ ގޮތެއް ހަދަން ވެގެން،" އޭނާ ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ 1،500-2،000 އެޕްލިކެންޓްސް އާއި އެ މީހުންގެ ޕްރައިމަރި އާއި އެ މީހުންގެ ސެކަންޑަރީ އެޕްލިކެންޓްސް ގާތްގަނޑަކަށް 4،000 އަށް އަރާވަރަށް ފުރަތަމަ މަޝްރޫއު ފަސް އަހަރު ތެރޭގައި ހުޅުވާލެވޭނެ ކަަމަށެވެ.

"މި ފަސް އަހަރު ތެރޭގައި މި ބަލަނީ ޑައިރެކްޓް އިންވެސްޓްމެންޓްގެ ގޮތުގައި 1.1 ބިލިއަން އަދި އިންޑައިރެކްޓް އިންވެސްޓްމެންޓް ގޮތުގައި ހަތް ބިލިއަން ޑޮލަރާއި ހިސާބަށް އިންވެސްޓްމެންޓް ގެެނެވޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ