ޔުކްރޭން ބުނާހާ ވަރަކަށް ދޭނެ ދުރު ރާސްތާ މިސައިލް ޕެންޓަގަންގައި ވެސް ނެތެވެ. އެމެރިކާއަށް ފުދޭ ވަރަށް ގުދަންކޮށްފައި ނޫނީ އަސްކަރީ އެހީގެ ގޮތުގައި ޔުކްރޭނަށް ދުރު ރާސްތާ މިސައިލް ދޭނެ ކަމަށް އުއްމީދުކުރުމަކީ ވެސް މޮޔަ ކަމެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާ އަތުގައި ދުރު ރާސްތާ މިސައިލް ހުރީ އަދަދުކުރެވޭ ވަރަކަށެވެ. އަދި ޒަމާނީ ދުރު ރާސްތާ މިސައިލް -- އަޓާކަމްސް މިސައިލް އަކީ ތިޔަ ބުނާހާ އަވަހަށް އުފެއްދޭ ހަތިޔާރެއް ވެސް ނޫނެވެ.
މިހެން ކަން އޮތުމުން ރަޝިއާގެ އެންމެ ފުނަށް ހަަމަލާދިނުމަށް އަޓާކަމްސް މިސައިލަށް ޔުކްރޭނުން އެދުނަސް އެއީ އެމެރިކާއަށް ކޮށްދެވޭ ވަރަށް ވުރެ ބޮޑު ކަމެކެވެ.
ޔުކްރޭންގެ ދިފާއީ ވަޒީރު ރަސްޓަމް އުމެރޯފް މިހާރު އުޅުއްވަނީ އެމެރިކާގައި -- ޕެންޓަގަންގެ ވެރިންނާ ބައްދަލުކުރެއްވުމުގަ އެވެ. އޭނާ ބައްދަލުކުރައްވާނެ އެންމެ އިސް ވެރިޔަކީ އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން އެވެ.
ޔުކްރޭންގެ ދިފާއީ ވަޒީރު އެމެރިކާގެ ދިފާއީ ވަޒީރާ ބައްދަލުކުރެއްވުމުގެ ބޭނުމަކީ އިތުރު ހަތިޔާރު ހޯދުމެވެ. މީގެތެރޭގައި އެންމެ ގިނައިން ޔުކްރޭނަށް ބޭނުންވާނެ ކަމަށް ބުނަނީ އަޓާކަމްސް މިސައިލް އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޔުކްރޭނަށް މިހާރު ނުވެފައި އޮތް ކަމަކީ ރަޝިއާގެ ފުނަށް ހަމަލާދިނުމެވެ. ނަމަވެސް ޔުކްރޭން ބޭނުންވާ ގޮތަށް ބޭނުންވާ ތަންތަނަށް ހަމަލާދެވޭނީ ދުރު ރާސްތާ މިސައިލް ލިބިގެންނެވެ.
ސީއެންއެން ބުނާ ގޮތުން ޔުކްރޭން ބޭނުންވާ ވަރަށް އެމެރިކާއަށް އަޓާކަމްސް މިސައިލް ދެވެން ނެތީ އެމެރިކާ އަތުގައިވެސް އެ ވަރަށް ނެތުމުންނެވެ. އަނެއްކޮޅުން މިއީ އަގުބޮޑު އަދި އުފައްދަން ގިނަ ވަގުތު ނަގާ މިސައިލަކަށް ވާތީ -- މިހާރު ހިނގަމުންދާ ހަނގުރާމައަކަށް ފޮނުވެން ނެތީ އެވެ.
ރަޝިއާ ބުނާ ގޮތުން ޔުކްރޭނުން މިހާރުވެސް ދުރު ރާސްތާ މިސައިލް ބޭނުންކުރެ އެވެ. ނަމަވެސް ޔުކްރޭންގެ ބުނުމަކީ އެމެރިކާއިން ދުރު ރާސްތާ މިސައިލް ދިނެއް ކަމަކު ބޭނުންކުރަން ހުއްދަ ނުދޭ ކަމަށެވެ.
ޔުކްރޭނަށް ހުއްދަ ނެތް ނަމަ ދުރު ރާސްތާ މިސައިލް ހޯދުމަށް އެ ގައުމުގެ ދިފާއީ ވަޒީރު އެމެރިކާއަށް ވަޑައިގެން މަޝްވަރާ ނުކުރައްވާނެ ކަމަށް ރަޝިއާ ބުނެ އެވެ.