ރަޝިއާ-ޔުކްރޭން ހަނގުރާމަ ހުއްޓުވޭނެ އޮތީ އެންމެ ގޮތެއް ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ވިދާޅުވެއްޖެ އެވެ.
އޮސްޓިން ވިދާޅުވީ ހަނގުރާމަ ހުއްޓުވޭނެ ދުވަހެއް އެނގިވަޑައިނުގަންނަވާ ކަމަށާއި ކޮންމެ ޒަމާނަކުން ނިމުނަސް -- ނިމޭނީ މަޝްވަރާ މޭޒުދޮށުން ކަމަށެވެ.
މަޝްވަރާ މޭޒުދޮށަށް ޔުކްރޭން ގެންދިއުމަށް އެމެރިކާއިން މަސައްކަތްތަކެއް ކުރައްވާ ކަމަށް އޮސްޓިން ވިދާޅުވި އެވެ. އޭގެކުރިން ޔުކްރޭނަށް ވިސްނައިދޭންޖެހޭ ކަންތައްތަކެއް ހުރި ކަމަށްވެސް ވިދާޅުވި އެވެ.
ލޮއިޑް އޮސްޓިން މިހެން ވިދާޅުވިއިރު، ޔުކްރޭން ހަނގުރާމަ ނުހުއްޓުވިގެން އުޅެނީ އޭނާގެ އަމިއްލަ ގައުމު -- އެމެރިކާއިން ޔުކްރޭނަށް ދޭ އަސްކަރީ އެހިތަކުގެ ސަބަބުންނެވެ. މިއީ ދުނިޔެއަށް އެއްގޮތަކަށް ވެސް ބީރައްޓެހި ކަމެއް ނޫނެވެ.
ޔުކްރޭންއާ ސުލްހަވުމަށް ރަޝިއާޢިން އެތައް ފަހަރަކު ހުށަހެޅުންތަކެއް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް ހުޅަނގުގެ ނުފޫޒާ ހެދި ޔުކްރޭނަށް ރަޝިއާގެ ހުށަހެޅުންތަކަށް ބަލާލާނެ ފުރުސަތުވެސް ނުލިބެ އެވެ.
ޔުކްރޭންއާ އެކު ސުލްހަވުމާ ބެހޭ ގޮތުން ރަޝިއާގެ ރައީސް ކުރިންވެސް އަދި މިހާރުވެސް ވިދާޅުވަނީ ދާދި އެކައްޗެކެވެ.
ޕޫޓިން ވިދާޅުވީ ޔުކްރޭންގެ ސުލްހަ ބިނާވާން ޖެހޭނީ އިސްތަންބޫލްގައި ހަދާފައި އޮތް އެއްބަސްވުމާ އެއްގޮތަށް ކަމަށެވެ.
ބަޔަކު ބުނާހާ ކަމެއް ބުނާހާ ގޮތަކަށް އެއްބަސްވުމެއްގައި ހިމަނައިގެން އުޅުނެއް ކަމަކު އެ އެއްބަސްވުމަކަށް ރަޝިއާ އަމަލުނުކުރާނެ ކަމަށް ޕޫޓިން ވިދާޅުވި އެވެ.
ޕޫޓިން އަދި ވިދާޅުވީ ޔުކްރޭނަށް ހަމަލާދޭން ޖެހުނީވެސް ރަޝިއާއިން ދެއްކި ވާހަކަތައް އަޑުނޭހުމުގެ ސަބަބުންނެވެ. ޔުކްރޭނަށް ދެރަ ގޮތެއްވުމަކީ ރަޝިއާވެސް އެދޭ ގޮތް ނޫން ކަމަށް ވިދާޅުވި އެވެ.
ހުޅަނގުން ބުނާހާ ގޮތެއް ހަދަން ހަދައިގެން ޔުކްރޭނަށް ލިބެނީ އަދި ލިބިފައިވަނީވެސް ލަނޑު ކަމަށް ޕޫޓިން ވިދާޅުވި އެވެ.
ޔުކްރޭންގެ ބިމުން ރަޝިއާ ހިފާފައި އޮތް އެއްވެސް ސަރަހައްދެއް ދޫކޮށްލަން ގޮވާލާ އެއްވެސް އެއްބަސްވުމެއް ރަޝިއާ ބަލައިނުގަންނާނެ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.