ސިދާރްތު މަލްހޯތުރާ

މިއްޓީ އިން ސިދާތު ވަކިވެއްޖެ

ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ބޮލީވުޑް ފިލްމެއް ކަމަށްވާ "މިއްޓީ"ގެ ޕްރޮޑަކްޝަން ފަށަން ހަފްތާއެއްހާ ދުވަސް އޮއްވާ ފިލްމުގައި ލީޑު ރޯލު ކުޅޭ ސިދާތް މަލްހޯތުރާ ފިލްމުން ވަކިވެއްޖެ އެވެ.

އާ ފިލްމެއް ކުޅުމަށް މުރާދް ހެތާނީ އަދި ބަލްވިންދަރު ސިންގް ޖަންޖުއާ އާއެކު ސިދާތް މަސައްކަތްކުރާ ވާހަކަ އެނގުނީ މި އަހަރުގެ ޖޫން މަހުގަ އެވެ. ނަމަވެސް އެންމެ ފަހުގެ ރިޕޯޓުތައް ބުނާ ގޮތުގައި ޕްރޮޑަކްޝަން ފަށަން ހަފްތާއެއްހާ ދުވަސް އޮއްވާ ސިދާތް ވަނި ފިލްމުން ވަކިވެފަ އެވެ.

ވަކިވި ސަބަބެއް ސާފުވެފައި ނުވި ނަމަވެސް ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ ފިލްމުން ވަކިވީ ސެޓުގައި އޭނާ ބޭނުންވާ ގޮތަށް މަސައްކަތް ކުރުމަށް ފުރުސަތު ނުލިބުމުގެ ސަބަބުންނެވެ.

އިތުރު ރިޕޯޓުތަކުގައިވާ ގޮތުން މިފަހުން ބޮކްސް އޮފީހުގައި ސިދާތަށް ކުރިމަތިވެފައިވާ އުނދަގޫތަކުގެ ސަބަބުން ފިލްމަށް ފައިސާ ހޯދުމަށް ދަތިތަކެއް ކުރިމަތިވީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ލޯބީގެ ކޮމެޑީ ފިލްމަކުން ސިދާތް ފެނިގެންދާނެ އެވެ. އެ ފިލްމަކީ މީގެ ކުރިން ބަޖެޓު މައްސަލައެއްގެ ސަބަބުން މަޑުޖައްސާލާފައިވާ ފިލްމެއް ކަމަށްވެސް އެނގިފައިވެ އެވެ.

މީގެ އިތުރުން "ރޭސް 4" ގައި ސައިފް އަލީ ހާންއާ އެކު ވެސް ސިދާތް ފެންނާނެ ކަމަށްވެ އެވެ.