ޑރ. މުހައްމަދު މުއިއްޒު

މެނިފެސްޓޯގައި ހުރި ކަންކަން ނިމުމުން މަސްވެރިކަމަށް ހައްލެއް ލިބޭނެ

މިސަރުކާރުގެ މެނިފެސްޓޯގައި ކުރަން ނިންމާފައިވާ ކަންކަން ނިންމާލުމުން މަސްވެރިކަމުގެ ސިނާއަތަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލުތަކެއް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ބުނެފި އެވެ.

ބީކޭއެމްޔޫ އިން މިހެން ބުނެފައި މިވަނީ އެ ޔޫނިއަންގެ މެންބަރުން މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްއާ އެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމަށްފަހު އެވެ.

މި ބައްދަލުވުމުގައި ބީކޭއެމްޔޫގެ މެމްބަރުން ވަނީ މަސްވެރިންނަށް ހުރި ދަތިތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފަ އެވެ.

އެގޮތުން މަސްވެރިންނަށް ކުރިމަތިވާ ދަތިތަކުގެ ތެރެއިން މަސްވެރިކަމުން ލިބޭ އާމްދަނީ ކުޑަވުމާއި، މަސްވެރިކަމުގެ ސިނާއަތަށް ވަންނަން އުޅޭ މީހުންގެ އަދަދު މަދުވުމާއި، މަސް ކިރުމުގައި ހުރި ދަތިތަކާއި، ދޯނިތަކަށް ހޯދަންޖެހޭ ސާފުތާހިރުކަމުގެ ލިޔުން ހޯދުމުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން ދޯނި ފަހަރު އޮންނަ ސަރަހައްދު ބެލުމަށް ބޭނުންކުރާ ޑިވައިސް ބޭނުންކުރުމުގައި ހުރި އުނދަގޫތައްވެސް ފާހަގަކޮށްފައިވެ އެވެ.

ބީކޭއެމްޔޫގެ މެމްބަރުން ވަނީ "ފްލޯ ޕްރައިސް" މެދުވެރިކޮށް މަސް ވިއްކޭނެ ގޮތް ސަރުކާރުން ހޯދައިދިނުމަށާއި، ބޮޑު ކަންނެލި މަސްވެރިކަމަށް ހާއްސަ ބޮއި ހޯދައިދިނުމަށާއި އެންވެރިކަން ކުރާ ސަރަހައްދު ރައްކާތެރިކޮށްދިނުމަށްވެސް އެދިފަ އެވެ.

ބީކޭއެމްޔޫގެ ރައީސް ހުސައިން ނަޝީދު ވިދާޅުވީ މިއީ ރައީސްއާއި ފިޝަރީޒް މިނިސްޓަރާއެކު ބައްދަލުކުރެވުނު ފުރަތަމަ ފަހަރު ކަމަށާއި ކަންބޮޑުވުން ފާޅުކުރެއްވި ކަންކަމަށް އަވަސް ހައްލެއް ގެނެސްދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވެވި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ މަސްވެރިންގެ ޔޫނިއަންގެ އިތުރުން ގެދޮރުވެރިކަމާބެހޭ ޔޫނިއަންތަކާ ވެސް ބައްދަލުކުރައްވާފަ އެވެ.