ވާހަކަ

މިލްކުވާނެބާ

( 29 އޯގަސްޓް 2024 އާ ގުޅޭ )

"އެ ދައްތައަކީ ހައިކްގެ މަންމަތަ؟." އިރުކޮޅަކު މަޑުކޮށްލާފައި ހައިކް އަހާލީ ތަންކޮޅެއް މަޑުންނެވެ. އިޒީކިއަލްގެ އަރުތެރޭ ކުޅުތިކި ވެސް ތަށިވީ ކަހަލަ އެވެ. ހިންދިރުވާލަން އުޅެ އެކަން ދަތިކަމަކަށް އޭނާއަށް ވިއެވެ. އޭނާ މަޑުމަޑުން އެނދުން ތެދުވެ ހައިކްގެ ކައިރީ އެނދުގެ އަރިމަތީގައި އިށީނެވެ. ދެން ހައިކްގެ ގައިމަތީ އޮތް ރަޖާ ރީތިކޮށްލަ ދިނެވެ. ފުން ވިސްނުމަކަށް ދިޔަ ފަދައިން އިޒީކިއަލްއަށް ހައިކްގެ މައުސޫމް މޫނަށް ބަލަން އިނދެވުނެވެ.

"ޑެޑީ..." އިޒީކިއަލްގެ އަތުގައި ކޮއްޓާލަމުން ހައިކް ގޮވާލި އެވެ.

"މާދަމާ ވާހަކަދައްކާނީ. ދެން އަވަހަށް ނިދާ." އިޒީކިއަލް ބުންޏެވެ.

ބަސް އަހައިގެން ހައިކް ދެ ލޯ މަރާލީ އެވެ. ދަރިފުޅަށް ނިދެންދެން އިޒީކިއަލް އިނެވެ. އެ ހުރިހާއިރު އޭނާގެ ޚިޔާލުތަކުގައިވީ މިޔާ އެވެ. އެ ސޫރަ އޭނާގެ ހިތާއި ސިކުނޑީގައި ބިންވަޅުނެގިފައި ވެއެވެ. މިޔާގެ އެކިއެކި ހަރަކާތް ލޯ ކުރިމަތިން އިޒީކިއަލްއަށް ސިފަވަމުން ދިޔަ އެވެ. އެކަމުގެ ސަބަބުން ހިތާއި ނަފްސަށް ލިބެމުންދިޔައީ އިތުރު ވޭނެކެވެ. އެ ލޯތްބަށް ހިތް އެދޭކަން އެނގުނު އިރު ވަގުތު ފާއިތުވެއްޖެހެން އިޒީކިއަލްއަށް އިޙްސާސް ކުރެވެނީ އެވެ.

ހައިކްގެ ކޮޓަރިން ނުކުމެ އިޒީކިއަލް ސިޑިން ފައިބައިގެން އައީ ބޮޑުކޮޓަރިއަށެވެ. ސޯފާގައި ސަރީކާ އިނީ އިޒީކިއަލްގެ އިންތިޒާރުގަ އެވެ. އިޒީކިއަލްއާއި މިޔާއާ ގުޅޭގޮތުން ހުރިހާ ހަޤީޤަތެއް މަންމައަށް ކިޔާދޭންވީ ވަގުތު އައިސް ޖެހުނީ އެވެ. މަޑުމައިތިރިކަމާއެކު އިޒީކިއަލް އައިސް އިށީނީ ސަރީކާގެ ވައަތް ފަރާތުގައި ހުރި ސޯފާގަ އެވެ. އެއާއެކު ހުޅުވާފައި ހުރި ޓީވީގެ އަޑު މަޑުކޮށްލާފައި ދަރިފުޅަށް ސަރީކާ ބަލާލައިފި އެވެ.

"ހައިކްއަށް ނިދުނީތަ؟." ސަރީކާ އަހާލި އެވެ.

"ހޫމް..." ބޯޖަހާލަމުން އިޒީކިއަލް ހޫން ލައްވާލި އެވެ.

"މަންމަދެކެ ހިތްހަމަނުޖެހިފައިތަ؟." ސަރީކާ އަހާލި އެވެ.

ސަރީކާގެ އެ ސުވާލަށް އިޒީކިއަލް ވަކި އެއްޗެއް ނުބުންޏެވެ. ހިތްހަމަނުޖެހިފައި އިނަސް އެކަން އިޒީކިއަލް ފާޅުކުރާން ބޭނުންނުވީ އެވެ. ސޫޒަންއަށް ޓަކައި އޭނާ ވަރަށް ދުވަހު މަންމައާއި ކާފައާ ރުޅި ހަދައިގެން އުޅެވިއްޖެ އެވެ. އެކަމުގެ ހިތިރަހަ އިޒީކިއަލްގެ އަރުގައި ލައިފި އެވެ. ކާފަ ބަލި އެނދުގައި އޮތްއިރު މަންމަގެ އެކަނިވެރިކަން އިތުރުވެގެންދާނޭކަން އިޒީކިއަލްއަށް ވިސްނެ އެވެ. އެ މީހުން ބަލަހައްޓަން މިއަދު ޢާއިލާގައި ހުރި މީހަކީ އޭނާ އެވެ.

"އަޅުގަނޑަށް ވަރަށް ބައިވަރު ގޯސްތައް ހެދިއްޖެ. ބައެއްފަހަރު ހިތަށް އަރާ އަޅުގަނޑަށް ނޭނގޭ އަނދިރި ފަރާތެއް ސޫޒަންގެ އޮތްކަން މަންމަމެން ކުރީން ކިޔާދިންނަމައޭ... އެކަމަކު އަޅުގަނޑު އޭރު ހުރި ހާލަތު އަމިއްލައަށް ވެސް މިހާރު ވިސްނޭ. އެހެންވެ އެނގޭ މަންމަމެން އޭރު ބުނި ނަމަވެސް އަޅުގަނޑަކަށް އެ ވާހަކަތަކެއް ޤަބޫލެއް ނުކުރެވޭނެކަން. ހަޤީޤަތް ހޯދާކަށް މަސައްކަތެއް ވެސް ނުކުރެވޭނެކަން... މަންމާ. ތެދަށް ބުނަންޏާ އަޅުގަނޑާއި މިޔާ ބައްދަލުވީ ސޫޒަންގެ ބައްޔަށް ފަރުވާކުރާން އޭނާއާ ގުޅޭ ޑޯނާއެއް ހޯދަނިކޮށް. މިޔާއާ އަޅުގަނޑު ކައިވެނި ކުރީ ސޫޒަން ރަނގަޅު ކުރާން. އެއިން އެއްވެސް ކަމެއް މިޔާއަކަށް ނޭނގޭނެ. އެ ކައިވެނި އަޅުގަނޑު ކުރީ އެއްވެސް މީހަކަށް އަންގާނުލާ ސިއްރުން." ދެ ފައިގައި އުޅަންބޮށިކޮޅު ވިއްދާލަމުން އިޒީކިއަލް ދެ އަތްތިލަ ޖޯޑުކޮށްލި އެވެ. މީހާ ކުރިޔަށް ގުދުވެލައި އިސްއޮބާލުމާއެކު އިތުރަށް ވާހަކަ ކުރިޔަށް ގެންދިއުމުގެ ކުރީން ފުން ނޭވާއެއް ދޫކޮށްލި އެވެ.

ސޫޒަން އެ ޢާއިލާއިން ބޭރުކޮށް އާސިފް އޭނާ ފޮނުވާލީ ސިންގަޕޫރަށެވެ. އެތަނުގައި އޭނާ ހުރެ އަފްރާހު މެދުވެރިކޮށް އައީ އިޒީކިއަލްގެ ޚަބަރުތައް އޮޅުންފިލުވަމުންނެވެ. ފުރިހަމަ ޒުވާނަކަށް އިޒީކިއަލްވެ ޢާއިލާގެ ވިޔަފާރީގެ ތެރެއަށް އޭނާ ވަދެއްޖެކަން އެނގުމުން އިޒީކިއަލްގެ ކައިރިޔަށް މީހަކު ފޮނުވީ ވެސް ސޫޒަން އެވެ. އޭނާ އަދިވެސް އިޒީކިއަލްގެ އިންތިޒާރުގައި ހުރިކަމާއި އޭނާގެ ގާތަށް އިޒީކިއަލް އަންނާނޭ ވަގުތަކަށް މަޑުކޮށްގެން ހުރިކަން ހާމަކޮށް އިޒީކިއަލްގެ ވިސްނުމާ ކުޅެލީ އެވެ. ފުރާވަރުގައި ހިތުގައި އުފެދުނު ލޯބި ހާޞިލުކޮށް އެ ލޯތްބަށް ވެވުނު ވަޢުދުތައް ފުއްދުމަށް އިޒީކިއަލް އަވަސްވެގަތީ ދެނެވެ. އެގޮތުން އުޅެ ބޮޑުވި ޢާއިލާ ދޫކޮށްލައި އެ ހިޔާވަހިން ވެސް އޭނާ ނުކުތީ އެވެ. އަމިއްލަ އެޕާޓްމެންޓެއް ހުޅުމާލެއިން ގަނެ އެތަނަށް ދިރިއުޅުން ބަދަލުކުރީ ސޫޒަންއާއެކު ދިރިއުޅޭން ވިސްނާފަ އެވެ. ސޫޒަންގެ ކައިރިޔަށް އިޒީކިއަލް ދިޔައިރު އޭނާގެ ހާލު ރަނގަޅެއް ނޫނެވެ. ބޯންމެރޯ ޓްރާންސްޕްލާންޓް ހެދިނަމަވެސް މުޅީން ރަނގަޅުވާނޭ ކަމުގެ އުންމީދެއް ނެތެވެ. އެހެންނަމަވެސް އިޒީކިއަލް ވަގުތުން ޑޯނާއެއް ހޯދަން ފެށީ އެވެ. އޭނާއަށް އުންމީދު އާވެގެން އައީ ނިއުޔޯކްގެ ހޮސްޕިޓަލަކުން "ސްޓްމެ ސެލް" މެދުވެރިކޮށް ދޭ ފަރުވާއިން ބައެއް މީހުންގެ ބަލި ފަސޭހަވެފައިވާކަން އެނގުމުންނެވެ. އެކަމަކު އެ "ޕްރޮސީޖަރ"އަކީ މެޑިކަލް ދުނިޔޭގައި އަދި އެހާ އާންމުވެފައިވާ ފަރުވާއެއްނޫނެވެ. ކޮންމެކޮންމެ ޤައުމެއްގެ ހޮސްޕިޓަލަކުން އެ އޮޕަރޭޝަނެއް ނުކުރެވެ އެވެ. ސްޓެމް ސެލް ނަގަނީ ސޫޒަންއާ ދިމާވާ ޑޯނާއަށް ލިބޭ ކުއްޖާގެ ފޫޅުދަނޑިންކަން އެނގުނު ހިސާބުން އިޒީކިއަލްއަށް ވިސްނަން ޖެހުނީ އެވެ. ސޫޒަންއާ މެޗުވީ މިޔާ އެނގުމުން އެ އަންހެންކުއްޖާ އެކަމަށް ރުއްސާނޭ ގޮތަކާމެދު އިޒީކިއަލް އެތައް ގޮތަކަށް ވިސްނާ ރޭވި އެވެ. ފައިސާއަށް ހެއްލޭވަރަށްވުރެ މިޔާއަކީ ތަނަވަސް ޢާއިލާއެއްގެ ކުއްޖެއްކަން އިޒީކިއަލްއަށް އެނގޭތީ އެވެ.

އޮފީހުން ނުކުމެ އިޒީކިއަލް އެރޭ ކާރަށް އެރީ ހުޅުމާލެއަށް ދިއުމުގެ ކުރީން މިޔާ އުޅޭ ގެ ބަލާލުމަށެވެ. ދުރުގައި ކާރު މަޑުކޮށްލާފައި ހިލްމީ އޭނާއަށް މިޔާ ދިރިއުޅޭ ގެ ދެއްކި އެވެ. ގޭގެ ގޭޓު ކައިރީ އަންހެންކުއްޖަކު އިންތަން ފެނުނެއްކަމަކު އެއީ މިޔާކަން އިޒީކިއަލްއަށް އެނގުނީ ކާރު ދުއްވާލި ވަގުތު ކާރުގެ ކުރިމައްޗަށް އެ ކުއްޖާ އެރުމުންނެވެ. އެ ފުރުޞަތުވީ އިޒީކިއަލް އެދިއެދި ހުރި ރަނުގެ ފުރުޞަތަކަށެވެ. މިޔާއަށް ޖެހިފައި އިން ނިކަމެތި ހާލު އެނގުމުން އިޒީކިއަލްވީ އުފަލެވެ. އޭނާއަށް އެ އަންހެންކުއްޖާގެ ބޭނުން ހިފާނޭ ފުރުޞަތު ލިބުނީމަ އެވެ. ކައިވެނި ހުށަހެޅީ އިޒީކިއަލް ބޭނުން ގޮތަކަށް މިޔާ ރުހިގެން ހުންނާނޭކަން ޔަޤީންވާތީ އެވެ. އިޒީކިއަލް ނޭނގުނީ އެ އަންހެންކުއްޖާގެ މައްޗަށް އޭނާގެ ހިތް ދޫވެދާނެކަމެވެ.

މިޔާއަށް އިޒީކިއަލްދެކެ ލޯބިވެވިއްޖެކަން ޚުދު އިޒީކިއަލް ވެސް ދެނަހުއްޓެވެ. އެ ފުރުޞަތު ނުދޭން އިޒީކިއަލް މަސައްކަތް ވެސް ކުރި އެވެ. މިޔާއާއެކު ހޭދަކުރާ ވަގުތު މަދުކުރި ނަމަވެސް އޭނާއަށް މިޔާގެ ގާތަށް ދެވުމުން ދުރަކު ނުހުރެވެ އެވެ. އޭނާގެ ޢަމަލުތަކުގެ ސަބަބުން މިޔާގެ ހިތުގައި ޖެހޭކަން ވެސް އިޒީކިއަލް ދެނަހުއްޓެވެ. ހިތް ބެހިގެން ހިނގައިދާނޭހެން ހީވާ ކޮންމެ ފަހަރަކު އިޒީކިއަލްގެ ޟަމީރު ހަނދާންކޮށްދެނީ ސޫޒަންއަށް ވެފައި އޮތް ވަޢުދެވެ. މިޔާއާ ކުރި ކައިވެނީގައި ފޮރުވިފައި އޮތް މަޤްޞަދެވެ.

ހުރިހާ ކަމެއް އިޒީކިއަލް ހާމަކޮށް ނިންމާލީއިރު ސަރީކާ އިނީ ބަހެއް ކިޔަން ނޭނގި އަންތަރީސްވެފަ އެވެ. ގާތުގައި ފެންނަން އިނީ އޭނާ ތަރުބިއްޔަތު ދީގެން ބޮޑުކުރި ފިރިހެން ދަރިއެއްބާއޭ ވެސް ސަރީކާގެ ހިތާ ސުވާލު ކުރެވުނެވެ.

"މަޔަކާ ދަރިއަކު ވަކިކޮށްލީ." ސަރީކާއަށް ބުނެވުނެވެ. އިހުނަށްވުރެ ބޮޑަށް އިޒީކިއަލް އިސްއޮބާލީ އެވެ. މިހާރު ޚުދު އޭނާ އަމިއްލައަށް ވެސް އޭނާގެ ޢަމަލުތަކާއި މެދު ލަދުގަނެ ދެރަވެ އެވެ. މިޔާއަށް އޭނާ ދިނީ ހައްޤުނޫން އަނިޔާއެއްކަން ވެސް އިޒީކިއަލް ޤަބޫލުކުރެ އެވެ.

"އަޅުގަނޑު މިޔާގެ ކައިރިން މަޢާފަށް އެދެން ބޭނުން. ހައިކްއަށް މަންމަ ހޯދައިދޭން ބޭނުން." އަމިއްލަ ހިތުގެ ހާލު ފޮރުވަމުން އިޒީކިއަލް ބުންޏެވެ.

"އިޒީކިއަލް ތި ވިސްނަނީ އެ ދެމީހުންގެ ދެމެދަށް ވަންނަންތަ؟. އެ އަންހެންކުއްޖާ ދޫކޮށްލާ. ރާހިންއާ ކައިވެނިކުރާން އުޅޭއިރު އެކަމުގެ ތެރެއަށް އިޒީކިއަލް ވަދެގެން ނުވާނެ. ހައިކްގެ މަންމަ ނޫނެކޭއެއްނޫން. އެ އަންހެންކުއްޖާ ހައިކް ބޭނުންވިޔަސް އިޒީކިއަލްއާ ގުޅޭން ބޭނުންވެދާނެހެން ހީވޭތަ؟."

ސަރީކާގެ އެއްވެސް ސުވާލަކަށް އިޒީކިއަލްއަށް ޖަވާބެއް ނުދެވުނެވެ. ޚުދު އިޒީކިއަލްއަށް ވެސް މިޔާ ކަންތައް ކުރާނީ ކިހިނެއްކަމެއް ލަފާ ކުރާކަށް ނޭނގެ އެވެ. މިޔާގެ މައްޗަށް ގަދަކަން ދައްކަން މަސައްކަތް ކުރާނަމަ ހައްތަހާ މިޔާ ދާނީ އޭނާއާ ދުރަށްކަން އިޒީކިއަލްއަށް ވިސްނެ އެވެ. އެހެންވިޔަސް މިޔާ ދުށުމަށް އޭނާގެ ހިތް ތެޅިފޮޅެނީ އެވެ. އެންމެ ފަހަރަކު ވިޔަސް ބައްދަލުކޮށްލާ ހިތުންނެވެ. އަބަދަށް މިޔާ ގެއްލިދާނޭތީ އިޒީކިއަލް ބިރުގަންނަނީ އެވެ.

* * * * *

"ކީއްވެ މިޔާގެ ނަންބަރަށް ނުގުޅެނީ؟." އެނދުމަތީ އިނދެފައި ފައިނާނަށް ބުނެވުނެވެ.

"ފޯނު ނިވުނީ ކަންނޭނގެ." ޒާހިލް ބުނެލީ އެއްވެސް ކަމެއް ނޭނގޭ މީހަކު ފަދައިންނެވެ. ބަލިވެ އިން އަނބިމީހާ ކަންބޮޑުވެ ހާސްވާނޭވަރު އޭނާއަށް އެނގޭތީ މާޔާގެ ވާހަކަ ބުނަން ޒާހިލް ފަސްޖެހުނީ އެވެ.

"އިއްޔެ ވެސް ނުގުޅޭ. ޒާހިލްއަށް އެނގޭތަ އެ އޮފީސް ނަންބަރު. ތި މީހުން ޕްރޮޖެކްޓް ކަންތަކާ މީޓެއްނުވޭތަ؟." ފައިނާނު އަހާލި އެވެ.

"ދިމައެއްނުވޭ." ޒާހިލް ނިކަން އަވަހަށް ބުންޏެވެ.

"މާދަމާ ހަވީރުން އަހަރެން ގޮވައިގެން ހުޅުމާލެއަށް ހިނގާބަލަ. މިޔާ އޮފީހުން އައިސް ގޭގައި އުޅޭނީ." ފައިނާނު ބުންޏެވެ.

ޒާހިލް ވަކި އެއްޗެއް ނުބުނެ ހިމޭންކަން ޚިޔާރުކުރި އެވެ. މާޔާ އުޅޭ އެޕާޓްމެންޓަށް ގޮސްގެން ބައްދަލެއް ނުވާނޭކަން ޒާހިލަށް އެނގެ އެވެ. ހޮސްޕިޓަލުން މާޔާ ދޫކޮށްލިކަން އެނގުމާއެކު އިޒީކިއަލްގެ އެދުމުގެ މަތިން ޒާހިލްވަނީ މާޔާ ހޯދަން ގޮސްފަ އެވެ. ނަމަވެސް އެ އެޕާޓްމެންޓުގެ ދޮރެއް ނުހުޅުވި އެވެ. މާޔާ އެނބުރި ނާންނަނީކަން ޒާހިލަށް އެނގެނީ އެހެންވެ އެވެ. މާޔާވީ ރާހިންނާއެކީގަ އެވެ. މާޔާ ބައްދަލުކުރާން އޭނާ ކުރި މަސައްކަތް މިހާތަނަށް ވަނީ ބޭކާރުވެފަ އެވެ. ޒާހިލްއަށް ޔަޤީންވާ ކަމަކީ ފައިނާނަށް ވެސް މާޔާއާއި އިޒީކިއަލްގެ ދިރިއުޅުމުގެ ހަޤީޤަތް ނޭނގޭކަމެވެ. ޚުދު އޭނާއަށް ވެސް ހުރިހާކަމެއް އެނގުނީ ވަރަށް ފަހުންނެވެ.

* * * * *

މުޅި ނަފްސު ހަމައަކަށް އެޅި މާޔާއަށް ރަނގަޅަށް ތެދުވެ އުޅެވެން ފެށީ ހޮސްޕިޓަލުން ދޫކޮށްލިތާ ހަތަރު ވަރަކަށް ދުވަސް ފަހުންނެވެ. އެއާއެކު އޭނާގެ ޚިޔާލުތަކާއި ވިސްނުން ގުޅުނީ ހައިކްއާ އެވެ. އޭނާއާއި ހައިކް ސަލާމަތްކުރީ ފުލުހުންކަން ރާހިން އޮތީ ކިޔާދީފަ އެވެ. ރާހިންއާއެކު އިޒީކިއަލް ބައިވެރިކަމެއް މާޔާ ކައިރިއަކު އޭނާ ނުބުނެ އެވެ. ފުލުހުންވަނީ ހައިކް ޢާއިލާއާ ހަވާލުކޮށްފައި ކަމާއި އެކުއްޖާގެ ހާލު ރަނގަޅުކަން ވެސް ރާހިން ބުންޏެވެ.

"މާޔާ. އަދިވެސް ބޭރުގަތަ؟. ފިންޏެއްނޫންތަ؟. ވާރޭ އޮއްސާލަން އެއުޅެނީ." ބެލްކަނީގައި ހުރި ގޮނޑީގައި އިން މާޔާގެ ފުރަގަހުން އައިސް އޭނާގެ ގައިގާ ފުޅާ ޝޯލް އޮޅާލަ ދެމުން ރާހިން ވާހަކަދެއްކި އެވެ. މާޔާ ބަދަލުކޮށްލީ ލުއި ހިނިތުންވުމެކެވެ.

"ދެން އާދޭ އެތެރެއަށް." އާދޭސްކޮށްލާ ފަދައިން ރާހިން ބުންޏެވެ.

"އަހަރެންގެ އެޕާޓްމެންޓަށް ބަދަލުވާން މި ވިސްނަނީ." ގޮނޑި ތެދުވަމުން މާޔާ ބުންޏެވެ. ރާހިންގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. އޭނާ އެ ނިންމުމާ އެއްގޮތަކަށް ވެސް ގަޔައެއްނުވި އެވެ. ނަމަވެސް އެކަމެއް ނުދެއްކި އެވެ.

"މިތަން ކަމުނުދަނީތަ؟. މާޔާއަށް ވަކިން ކޮޓަރިއެއް އެބަހުއްޓެއްނު... ބޭނުންވާނޭ ހުރިހާ އެއްޗެއް ވެސް ގެނެސްދީފީމެންނު." މާޔާގެ ފަހަތުން ބެލްކަނިން ގޭތެރެއަށް ވަންނަމުން ރާހިން ވާހަކަދެއްކި އެވެ.

"މިހާރު އަހަރެން ރަނގަޅޭ. އެހެންވެ އެނބުރި ދާ ވާހަކަ މި ދެއްކީ." މާޔާ ބުންޏެވެ.

ރާހިން ވަކި އެއްޗެއް ނުބުންޏެވެ. މާޔާގެ އަތުގައި ހިފާލަމުން ގެނެސް ސިޓިންރޫމާ ގުޅިފައި ހުރި ބަދިގެއާ ދިމާގައިވާ ކާމޭޒު ދޮށުގައި ބައިންދައިފި އެވެ. އޭރު ފިރާޝްއާއެކު ބޭރަށް ގޮސްފައި އަންނަމުން ރާހިން ގެނައި ހެދިކާތައް ތަށިތަކަށް އަޅައި ކާން ތައްޔާރުކޮށްފައި ހުއްޓެވެ. މާޔާއަށް ހެދިކާއާއެކު ކަމުދާނީ ހޫނު ކަޅުސައިކަން އެނގޭތީ މޭޒުމަތީގައި ދެ ކަޅުސައި ޖޯޑު ވެސް ތައްޔާރުކޮށްފައި ހުއްޓެވެ. އެ ހުރިހާކަމެއް ރާހިން ކުރިކަމެއް މާޔާއަށް ނުވެސް އެނގެ އެވެ.

"މިކަހަލަ ފިނި ދުވަހެއްގައި ހޫނު ހެދިކާއާއެކީ ހޫނު ސައި. ޔޯ ފޭވަރިޓް." މާޔާގެ ކަނާއަތް ފަރާތުން ކާމޭޒު ދޮށުގައި އިށީންނަމުން ރާހިން ބުންޏެވެ.

ސައިޖޯޑު ކައިރިކޮށްލާފައި މާޔާގެ ދެ އަތްތިލަ ޖޯޑުގައި ޖައްސާލި އެވެ. ހޫނުކަން ހުރީ އެންމެ ހެޔޮވަރު ވަރަށެވެ. އޭނާ ކުޑަކޮށް ސިހުނީ ރާހިންގެ ޖޯޑުން އަތް ނެގުމާއެކު ގެނެސް މާޔާގެ ކޯތާފަތުގެ ދެ ފަރާތުން އެ ދެއަތްތިލަ ޖައްސާލުމުންނެވެ.

"އަރާމު." ހިނިތުންވުމަކާއެކު ރާހިން އަހާލި އެވެ. މާޔާއަށް ހެވުނެވެ. އޭނާ އާނއެކޭ ބުނަން ބޯޖަހާލީ އެވެ. ދެން ދެ މީހުން އެކުގައި ސައިބޯން ފެށި އެވެ.

"ރާހިން." ހިމޭންކަމުގައި ވަގުތުކޮޅެއް ފާއިތުވީ ފަހުން މާޔާ ގޮވާލި އެވެ. އަދި މޭޒުމައްޗަށް އޭނާ ހުއްޓާލައިގެން އިން ނަޒަރު ރާހިންނާ އަމާޒުކޮށްލައިފި އެވެ. މާނަވީ ފުން ނަޒަރަކުން މާޔާ ބަލަން ފެށި އެވެ.

"ޔެސް... ކިހިނެއްވީ؟. އަނގަމަތީ ހޭކިފަ ހުރީތަ؟." މާޔާ ވާހަކަ ނުދައްކާ އިންނަން ފެށުމުން ރާހިން ކޮށްލީ ސަމާސާ އެވެ. އެ ސަމާސާގައި ބައިވެރިވުމެއްނެތި ސީރިއަސް ބެލުމުގައި މާޔާ ދެ ފަރާތަށް ބޯހޫރާލީ އެވެ.

"ރާހިން... ހައިކް. އެއީ އަހަރެންގެ ދަރިފުޅު. ސޫޒަންގެ ދަރިއެއްނޫން... އަހަރެންނަށް ހުރިހާ އެއްޗެއް ސޫޒަން ކިޔާދިން. އަހަރެން ވިހޭ ދަރިފުޅު އެއީ." މާޔާގެ އަޑުގައި ރިހުމާއި ޝަކުވާވި އެވެ.

"ސޫޒަންގެ ވާހަކަ ނުދައްކާ. އޭނާ ހައްޔަރުކޮށްފި... އޭނާއަށް ސަލާމަތެއް ނުވެވޭނެ. އޭނާ ދައްކާ ވާހަކަ ޤަބޫލުކުރާކަށް ނުވާނެ." ރާހިން ބުންޏެވެ. ހައިކްއަކީ އިޒީކިއަލްއާއި މާޔާގެ ދަރިއެއްކަން ރާހިންއަށް އެނގެ އެވެ. އިޒީކިއަލްގެ ދުލުން އޭނާއާ ދިމާއަށް އެހެން އޮތީ ބުނެފަ އެވެ. ނަމަވެސް ރާހިން ބޭނުންވަނީ އިޒީކިއަލްއާ ވީހާ ވެސް ދުރަކަށް މާޔާ ގެންދާށެވެ. އަދި މާޔާގެ ހިތް ފަތަހަކޮށް އެ ހިތް މިލްކުކުރާށެވެ. އަބަދަށް ޓަކައި އޭނާގެ ހައްޤަކަށް އެ އަންހެންކުއްޖާ ވުމެވެ.

"އޭނާ އެކަމުގައި ދޮގެއް ނުހަދާ. އެނގޭ އޭނާގެ އަމިއްލަ އެދުމެއް ހާސިލުކުރަންކަން އުޅުނީ... އެހެންވިޔަސް... އަހަރެން ހަޤީޤަތް އެނގެން ބޭނުން. އަހަރެންގެ ދަރިފުޅާ ބައްދަލުވުމަށްފަހު އެކުއްޖާ ދޫކޮށްލަންވީތަ؟." މާޔާއަށް ބުނެވުނެވެ. އެ ދެ ލޮލުގައި ވިދަވިދާ ކަރުނައިގެ މުތީތައް ވިއެވެ. ދެންމެދެންމެ އޭގެ މަޤާމް ދޫކޮށް ކޯތާފަތުން ސައިލެއްހެން އޮހޮރިގަނެދާނޭ ފަދަ އެވެ.

"މާޔާއަށް ހީވޭތަ އިޒީކިއަލް އެގޮތް ބޭނުންވާނެހެން. އެހެންނަމަ އޭނާ އެކުއްޖާ މަރުވިއޭ ނުބުނީސް." ރާހިންގެ ރާގު ބަދަލުވި އެވެ. އޭނާއަށް އިޒީކިއަލްގެ ނަން ކިޔަންވެއްޖެނަމަ ރީތިކޮށް ވާހަކަނުދެއްކެނީ އެވެ.

"އަހަރެންގެ ދަރިފުޅު ބޭނުން. ޕްލީޒް." މޭޒުމަތީ އޮތް ރާހިންގެ ވައަތްތިލައިގައި މާޔާ ދެއަތުން ހިފާ ބާރުކޮށްލި އެވެ.

"މާޔާ ބޭނުމީ ކަސްޓެޑީތަ؟. އެހެންވިއްޔާ އަހަރެން ބުނާ ކަންތައްތަކާ އެއްބަސްވާން ކެރޭނެތަ؟." ފަސްޖެހުމެއްނެތި ރާހިން ބުނެލި އެވެ.

(ނުނިމޭ)