ރައީސް އޮފީސް

ބަޖެޓުން 42 މިލިއަން ރުފިޔާ ހަރަދުކުރި ދެ ކުންފުންޏެއް އުވާލަނީ

ދައުލަތުގެ ބަޖެޓުން ޖުމްލަ 42 މިލިއަން ރުފިޔާ ހަރަދުކުރި ސަރުކާރު ހިއްސާވާ ދެ ކުންފުންޏެއް އުވާލަން ނިންމައިފި އެވެ.

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާއި އެގްރޯނެޓް ކޯޕަރޭޝަން އުވާލަން ނިންމީ އާދިއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގަ އެވެ. މި ކުންފުނިތައް އުވާލަނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި ސަރުކާރުގައި މިދިޔަ ޖޫން މަހާ ހަމައަށް ދައުލަތުގެ ބަޖެޓުން އެގްރޯނެޓަށް 33 މިލިއަން ރުފިޔާ އަދި އެމްއައިޓީޑީސީއަށް 8.1 މިލިއަން ރުފިޔާ ދީފައިވެ އެވެ.

ސަރުކާރު ހިއްސާވާ ދެ ކުންފުންޏެއް އުވާލަން ނިންމިއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ހަރަދު ކުޑަކުރުމުގެ ގޮތުން ބައެއް ކުންފުނިތައް އެއްކޮށްލަން އާދިއްތަ ދުވަހުގެ ކެބިނެޓް ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ.

އެ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އެއްކޮށްލުމަށް ނިންމި އެވެ. އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ދަށަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެނައުމަށްވެސް ނިންމި އެވެ.