ދުނިޔެ

ޔުކްރޭންގެ ހާރިޖީ ވަޒީރު ކުލެބާ އިސްތިއުފާ ދެއްވަނީ

ޔުކްރޭންގެ ޚާރިޖީ ވަޒީރު ދިމިތުރޯ ކުލެބާ އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާ ކަމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ޗެއާމަން ރުސްލާން ސްޓެފަންޗުކް ވިދާޅުވެއްޖެ އެވެ.

ފޭސްބުކްގައި ޗެއާމަން ކުރެއްވި ޕޯސްޓެއްގައި ވަނީ ކުލެބާ މަގާމުން ވަކިވެވަޑައިގަތުމަށް ރަސްމީކޮށް -- ސިޓީއަކުން އެދިވަޑައިގެންފައިވާ ކަމަށް ލިޔުއްވާފަ އެވެ.

ޗެއާމަން ވިދާޅުވި ގޮތުގައި ކުލެބާގެ މަގާމާ މެދު ގޮތެއް ނިންމުން ވަރަށް އަވަހަށް އޮންނާނެ އެވެ. ދެން އެންމެ އަވަހަށް އޮންނަ މަޖިލީސްގެ ޖަލްސާއަކަށް މި މައްސަލަ ހުށަހަޅުއްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކުލަބާގެ އިސްތިއުފާއާ ބެހޭ ގޮތުން -- އިސްތިއުފާ ދެއްވާ ސަބަބު އަދި މުޅިން ސާފެއް ނުވެ އެވެ. ނަމަވެސް ޔުކްރޭންގެ ރައީސް ޒެލެންސްކީ ވަނީ ސަރުކާރަށް ވަރަށް ބޮޑެތި ބަދަލުތަކެއް ހުށަހަޅުއްވައި ތަންފީޒުކުރުމަށް އަމުރުކުރައްވާފަ އެވެ.

ޔުކްރޭނަށް ހުޅަނގުގެ ބައިވެރިން ދިން އެފް16 މަރުކާގެ ހެލިކޮޕްޓަރެއް، ރަޝިއާ ސިފައިން ވައްޓާލުމާ ގުޅިގެން އަސްކަރީ މަގާމުތަކުގައި ތިއްބެވި ބައެއް ކޮމާންޑަރުންނާއި ޖެނެރަލުންވެސް ވަނީ ޒެލެންސްކީގެ އަމުރަށް ވަކިކޮށްފަ އެވެ. އަދި ރައީސް އޮފީހުގެ ވެރިޔާގެ ނައިބް ރޮސްޓިލާފް ޝުރުމާ ވެސް ވަނީ މަގާމުން ދުރުކުރައްވާފަ އެވެ.

މީގެ އިތުރުން ޔުކްރޭނުން ދުނިޔޭގެ އެކި ގައުމުތަކަށް އައްޔަންކޮށްފައި ތިއްބެވި ބައެއް ވެރިންނާއި ސަފީރުންވެސް ވަނީ މަގާމުން ދުރުކުރައްވާފަ އެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތް ފަހުން ޔުކްރޭންގެ ސަރުކާރަށް ވަރަށް ގިނަ ބަދަލުތައް ވަނީ ގެނެސްފަ އެވެ މި ބަދަލުތަކާ ކޮރަޕްޝަންގެ ކޮންމެވެސް މައްސަލައަކާ ގުޅުން އޮތް ކަމަށް ބުނެވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާ އާއި ހުޅަނގުގެ އެކުވެރި ގައުމުތަކުން ޔުކްރޭނަށް ފޮނުވާ ހަތިޔާރާއި އަސްކަރީ ބައެއް އާލާތްތަކަށް ވާނުވާއެއް ނޭނގެ އެވެ. މީގެތެރެއިން ބައެއް ތަކެތި ހަނގުރާމަވެރި ޖަމާއަތްތަކަށް ވިއްކާފައިވާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

ޔުކްރޭން ސަރުކާރުގެ އިސްވެރިން -- ކެބިނެޓު ވަޒީރުންގެ މެދުގައިވެސް ކޮރަޕްޝަން ވަރަށް ބޮޑު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ނިއުޔޯކް ޓައިމްސް އަދި ފައިނޭޝަލް ޓައިމްސް ފަދަ ނުފޫޒުގަދަ ބައެއް ނޫސްތަކުން ޝާއިއުކޮށްފައި ހުރި ރިޕޯޓްތައް ބުނާ ގޮތުން ކެބިނެޓްގައި ކޮރަޕްޝަން އޮތް މިންވަރު ހުދު ރައީސް ޒެެލެންސްކީއަށް ވެސް އެނގިވަޑައިގަންނަވަ އެވެ.