ފާއިތުވި އަހަރުތަކުގައި ކުރީ ސަރުކާރުން ބަޖެޓް ސަޕޯޓަށް ނަގާފައި ހުރި ލޯނުތަކަކީ ލުއި ލޯނުތަކެއް ނޫން ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
ކޮންސެޝަނަލް ލޯނު ނުވަތަ ލުއި ލޯނަކީ އާންމުކޮށް ވަކި މަޝްރޫއަކަށް ނުވަތަ ވަކި އަމާޒެއް ހާސިލުކުރުމަށް ދޭ ލޯނެކެވެ.
ސަރުކާރުން އެކުލަވާލާފައިވާ ދަރަނީގެ މެދުރާސްތާ ސްޓްރެޓެޖީގެ ރިވިއުގައި ފާހަގަކޮށްފައިވާ ގޮތުން ހާއްސަކޮށް ބަޖެޓް ސަޕޯޓަށް ނަގާފައިވާ ލޯނުތަކުގައި ކޮންސެޝަނަލް ލޯނު ނުވަތަ ލުއި ލޯނު ނެގުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވެ އެވެ. އަދި އޭގެ ސަބަބުން ލޯނުތަކުގެ އިންޓްރެސްޓް ރޭޓު މަތިވެފައިވާ ކަމަށްވެސް އޮޑިޓް އޮފީހުން ފާހަގަކުރި އެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން ދަރަނީގެ ސްޓެރެޓެޖީގައި ކޮންމެ އަހަރަކުވެސް އިންޓްރެސްޓް ރޭޓު ހަތަރު އިންސައްތައިގައި ހިފަހައްޓަން އަމާޒުކޮށްފައިވީ ނަމަވެސް އެކަން ހާސިލުކުރުމަށް ކުރީގެ ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.
ދަރަނީގެ މެދުރާސްތާ ސްޓެރެޓެޖީ 2024-2026 އަށް ހާސިލްކުރަން ފިނޭންސް މިނިސްޓްރީން ވަނީ އަމާޒުތަކެއްވެސް ކަނޑައަޅާފަ އެވެ. އޮޑިޓް އޮފީހުން ބުނީ ކަނޑައަޅާފައިވާ އަމާޒުތައް ހާސިލުކުރެވޭނީ ބޮޑެތި ބަދަލުތަކެއް ގެނެސްގެން ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ އަމާޒުތައް
- ބޭރު ފައިސާގެ ދަރަނި ޖުމްލަ ދަރަނީގެ 40 ޕަސަންޓް ނުވަތަ އެއަށްވުރެ ދަށުގައި ހިފެހެއްޓުން
- ވެއިޓެޑް އިންޓްރެސްޓް ރޭޓް 4 ޕަސަންޓަށް ދަށްކުރުން
- ދަރަނި ޕޯޓްފޯލިއޯ މެޗުރިޓީއަށް ހޭދަވާ އެވްރެޖް ވަގުތު 7 އަހަރަށް އިތުރުކުރުން
- އެއް އަހަރުގެ ތެރޭގައި މުއްދަތު ހަމަވާ ދަރަނި ޖުމްލަ ދަރަނީގެ 40 ޕަސަންޓްގައި ހިފެހެއްޓުން
އޮޑިޓް ރިޕޯޓުގައި ބުނީ އަންނަ އަހަރު ދައްކަންޖެހޭ ލޯނުތަކުގެ ތެރެއިން ޑޮމެސްޓިކް ރިޕޭމަންޓް ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވޭ ކަމަށާއި އެއީ މޯލްޑިވްސް ޕެންޝަނަށް ވިއްކި ޑޮމެސްޓިކް ބޮންޑުތައް ހަމަވުމުން ކަމަށެވެ. މީގެތެރޭގައި 1.16 ބިލިއަން ރުފިޔާއާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ވިއްކި ބޮންޑެއްގެ ޕޭމަންޓުގެ ގޮތުގައި އަދާކުރަންޖެހޭ 200 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.
މީގެއިތުރުން 2019ގައި ބަޖެޓް ސަޕޯޓަށް ނެގި 1.5 ބިލިއަން ރުފިޔާގެ ލޯނު މާޗް 2025 އަށް ދައްކަންޖެހެ އެވެ. މިއީ 25 މިލިއަން ޑޮލަރުގެ ހަތަރު ލޯނު -- ޖުމްލަ 100 މިލިއަން ޑޮލަރެވެ.
އަންނަ އަހަރުގެ ދައްކަން ފަށަންޖެހޭ ޕްރިންސިޕަލް ރިޕޭމަންޓުގެ ތެރޭގައި ޔޫއެސްޑީ ކްރެޑިޓް ލައިނަށް ދައްކަންޖެހޭ 397.4 މިލިއަން ޑޮލަރުވެސް ހިމެނެއެވެ.