މާލެ އަތޮޅު މާފުށީ ކައުންސިލުން އޮޑިޓަށް އޮޅުވާލަން މަސައްކަތްކޮށްފައިވާކަން، އޮޑިޓް ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ފާހަގަ ކުރައްވައިފި އެވެ.
މާލެ އަތޮޅު މާފުށީ ކައުންސިލުން އޮޑިޓަށް އޮޅުވާލަން މަސައްކަތްކޮށްފައިވާކަން، އޮޑިޓާ ޖެނެރަލް ފާހަގަ ކުރައްވާފައިވަނީ، އެ އޮފީހުން ނެރުނު 2021 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް އަދި 2020 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގަ އެވެ.
މި ރިޕޯޓުގައި، މާފުށީ ކައުންސިލުން 2021 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ ސައްހަކަމާ މެދު އޮޑިޓާ ޖެނެރަލް ދެކެވަޑައިގަންނަވާ ގޮތާއި 2020 ވަނަ އަހަރުގެ ބަޖެޓުން މާފުށީ ކައުންސިލުން މާލިއްޔަތު ގަވައިދާ ހިލާފަށް ހަރަދުކޮށްފައިވާ ކަންތައްތަކުގެ ތަފްސީލް ހިމަނާފައިވެ އެވެ.
މާފުށީ ކައުންސިލުން އޮޑިޓަށް އޮޅުވާލަން މަސައްކަތްކޮށްފައިވާކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވަނީ، މާފުށީ ކައުންސިލުން ބަލައިގަނެފައިވާ އައިޑީ ކާޑު ފައިސާއާ ގުޅޭ ކަންކަމުގަ އެވެ.
މިގޮތުން، ސައްހަ ނޫން މައުލޫމާތު އޮޑިޓަށް ދިނުމާއި އައިޑީ ކާޑާ ގުޅޭ އާމްދަނީ ފައިސާ ގަވާއިދާ އެއްގޮތަށް ބަލަހައްޓާފައިނުވާ މައްސަލަ އޮޑިޓާ ޖެނެރަލްވަނީ މިދިޔަ މަހު ނެރުއްވި ރިޕޯޓުގައި ފާހަގަ ކުރައްވާފަ އެވެ.
އޮޑިޓަރ ޖެނެރަލް ވިދާޅުވެފައިވަނީ އޮޑިޓުގެ އެކި މަރުހަލާތަކުގައި އައިޑީ ކާޑު ފައިސާ ބަލައިގަތުމާ ގުޅޭ މައުލޫމާތު ކައުންސިލްގެ އިދާރާއިން ހޯދުމަށް މަސައްކަތްކޮށްފައިވާއިރު، އެކި ފަހަރު މަތިން ކައުންސިލުން އޮޑިޓަރުންނަށް ސައްހަ ނޫން މައުލޫމާތު ދީފައިވާ ކަމަށެވެ.
ކައުންސިލް އިދާރާއިން އައިޑީ ކާޑާ ގުޅޭ އެއްވެސް ފައިސާއެއް ބަލައިގެންފައި ނުވާނެ ކަމަށާއި އަދި އެއާ ގުޅޭ އެއްވެސް ފައިސާއެއް ކައުންސިލްގެ ބެލުމުގެ ދަށުގައި ނުހުންނާނެ ކަމަށް އޮޑިޓަރުންނަށް މައުލޫމާތު ދިންނަމަވެސް، އައިޑީ ކާޑުތަކަކާ އެކަމާ ގުޅޭ ފައިސާ އޮޑިޓަރުންނަށް ފެނިފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ފައިސާގެ އަދަދަކީ، 69،700 ރުފިޔާ އެވެ.
އެ ފައިސާ ފެނިފައިވަނީ މާފުށީ ކައުންސިލްގެ މުވައްޒަފެއްގެ މޭޒުގެ ވަތްގަނޑުންކަން އޮޑިޓްގައިވަނީ ފާހަގަކޮށްފައެވެ. އަދި އެއީ، އެފަދަ ފައިސާ ބެހެއްޓުމަށް ގަވާއިދުގައި ބަޔާންކުރާ ފަދަ އެކަށީގެންވާ ރައްކާތެރިތަނެއް ނޫންކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި އައިޑީ ކާޑުގެ ފައިސާގެ ތެރެއިން، 13250 ރުފިޔާ މަދެވެ.
މީގެ އިތުރުން، އައިޑީ ކާޑު ފައިސާ ކައުންސިލުން ބަލައިގަންނައިރު، ރަސީދު ހަދާފައި ނުވާ މައްސަލައާއި ފައިސާ ތިޖޫރީއަށް ނުލާ މައްސަލަވެސް އޮޑިޓާ ޖެނެރަލްވަނީ ފާހަގަ ކުރައްވާފަ އެވެ. މިކަންތަކާ ގުޅިގެން، އެކަންކަން އިސްލާހު ކުރަން އޮޑިޓާ ޖެނެރަލް ދެއްވި ލަފާގައި، އޮޑިޓަރުންނަށް ތެދު ބަހުން ކަންކަން ސާފުކޮށްދިނުމަށް ދަންނަވާފައިވެ އެވެ. އަދި އޭގެ އިތުރުން އެކަންތަކާ ގުޅިގެން ފިޔަވަޅު އެޅުމަށް އެ މައްސަލަ ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމަށްވެސް އޮޑިޓުގައި ދަންނަވާފައިވެ އެވެ.