ދައުލަތުގެ އިދާރާތައް އޮޑިޓް ކުރުމުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ އަދި އޮޑިޓްތައް ލަސްވާ އެންމެ ބޮޑު ސަބަބަކީ ލިޔެކިޔުންތައް ލިބުން ލަސްވުން ކަމަށް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ހާޒިރުވެވަޑައިގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ނިޔާޒީ ވިދާޅުވީ އެ އޮފީހަށް މަސައްކަތްތައް ކުރުމުގައި ދިމާވާ ކިތަންމެ ދައްޗެއް އެބަހުރި ކަމަށެވެ. އެގޮތުން އޮޑިޓް އޮފީހުން އެތައް އޮޑިޓެއް ކުރަންޖެހޭއިރު އިދާރާތަކުން ލިބެންޖެހޭ ލިޔެކިޔުންތައް ނުލިބުމަކީ ދިމާވާ ވަރަށް ބޮޑު މައްސަލައެއް ގޮތުގައި ފާހަގަކުރެއްވި އެވެ.
"މިއީ ހަގީގަތުގައި އަޅުގަނޑުމެންގެ މަސައްކަތްތައް ލަސްވާން ދިމާވާ ސަބަބެއް،" ނިޔާޒީ ވިދާޅުވި އެެވެ.
އޭނާ ވިދާޅުވީ ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގައި ތުހުމަތުކުރެވޭ ކިތަންމެ ގޯހެއް ހުރި ނަމަވެސް އެ ތަންތަން އޮޑިޓް ކުރަންވެސް ދަތިވާ އެއް ސަބަބަކީ ބޭނުންވާ ލިޔެކިޔުން ނުލިބުން ކަމަށެވެ. އަދި ބައެއް ފަހަރު ބިރުދެއްކުމާއި ގާނޫނު މާނަ ކުރާ ގޮތުންވެސް އޮޑިޓް ކުރުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ.
މިބައްދަލުވުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅޭގޮތުން ވަކިން ހާއްސަކޮށް ފެނަކަ ކޯޕަރޭޝަންގައި ހުރި ހިޔާނާތުގެ މައްސަލަތަކާ ގުޅޭގޮތުން މެންބަރުން ސުވާލުކުރެއްވުމުން އޮޑިޓާ ޖެނަރަލް ވިދާޅުވީ ފެނަކައިގެ މާލީ ރިޕޯޓްތައް ވޭތުވެ ދިޔަ ދެ އަހަރުވެސް ލިބިފައި ނުވާ ކަމަށެވެ. އޮޑިޓް އޮފީހަށް ގާނޫނީ ގޮތުން ބާރުތަކެއް ލިބިފައިވީ ނަމަވެސް ބައެއް އިދާރާތަކުގެ އެއްބާރުލުން ނުލިބުމުން އެ އޮފީހުން ކުރަންޖެހޭ ކަންކަމަށް ދަތިވާ ކަމަށްވެސް ވިދާޅުވި އެވެ.
"ބައެއް ތަންތަނުގައި ތިއްބަވާ ބޭފުޅުންގެ އެޓިޓިއުޑް ހުންނަ ގޮތުންވެސް ދަތިވޭ،" އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.
މީގެ އިތުރުން ދައުލަތުގެ މުސާރައިގެ އޮނިގަނޑު އޮތް ގޮތުން ތަޖުރިބާ ހުރި ބޭފުޅުން އޮޑިޓް އޮފީހުގައި މާގިނަ ދުވަހު މަޑުނުކޮށް އަމިއްލަ ކުންފުނިތަކަށް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިންޓާނަލް އޮޑިޓް މަސައްކަތްތަކާ ގުޅުމަކީވެސް ފަންނީ ގާބިލް މީހުން ހޯދަން ދަތިވާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.