އޮޑިޓާ ޖެނެރަލް އޮފީސް

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އާ އިމާރާތުގެ ބިންގާ އަޅައިފި

ހުޅުމާލޭގައި އިމާރާތްކުރާ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އާ އިމާރާތުގެ ބިންގާ އަޅައިފި އެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އިއްޔެ ހަވީރު އޮތް ރަސްމިއްޔާތެއްގައި މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އެވެ.

މި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ އެވެ. މިއީ ހަ ފަންގިފިލާގެ އިމާރާތެކެވެ.

މި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އާއި އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ އަދި އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދު ބައިވެރި ވެވަޑައިގެންނެވި އެވެ.

މިއީ މުވައްޒަފުންނަށް މަސައްކަތް ކުރުމަށް އެކަށީގެންވާ މާހައުލެއް ގާއިމުކުރުމަށް ބޭނުންވާ ޖާގަ ހިމެނޭ އިމާރާތެއްގެ އިތުރުން ސްޓާފުންނަށް ޑޭކެއާ ސެންޓަރެއް އަދި ޕާކް ކުރާނެ ޖާގަ ހިމެނޭ އިމާރާތެކެވެ.

މީގެ އިތުރުން ލައިބްރަރީއާ އަދި ތަމްރީނުތަކާއި އިވެންޓުތައް ބޭއްވުމަށް ޖާގަ ތަނަވަސް ކޮންފަރެންސް ހޯލެއްވެސް މިއިމާރާތުގައި ހިމެނެ އެވެ.