ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 9.3 ބިލިއަން ރުފިޔާއަކީ ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާކަން އޮޑިޓާ ޖެނެރަލް އޮފީހުން ހާމަކޮށްފި އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން މިކަން ހާމަކޮށްފައިވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ 2022 ވަނަ އަހަރުގެ މާލީ ބަޔާންތަކަށް އޮޑިޓާ ޖެނެރަލް ދޭ ރިޕޯޓްގަ އެވެ.
ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ޖުމްލަ 14.7 ބިލިއަން ރުފިޔާ 2022 ވަނަ އަހަރުގެ ނިޔަލަށް ނުލިބޭކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.
މީގެ ތެރެއިން 64 ޕަސެންޓް -- 9.3 ބިލިއަން ރުފިޔާއަކީ ރިސޯޓުތަކުގެ ކުއްޔާއި ޖޫރިމަނާ އެވެ.
ޖީއެސްޓީ އާއި ޖޫރިމަނާ ހިމެނޭ ގޮތަށް 1.8 ބިލިއަން ރުފިޔާ ނުލިބި ހުރިއިރު މިއީ ލިބެންޖެހޭ އާމްދަނީގެ 12 ޕަސެންޓެވެ.
މީގެ އިތުރުން ވިޔަފާރީގެ ފައިސާއިން ނަގާ ޓެކުހާއި ޖޫރިމަނާގެ ގޮތުގައި އެއް ބިލިއަން ރުފިޔާ އަދި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އަދި ޖޫރިމަނާގެ ގޮތުގައި 886 މިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ.
2016 އިން 2022 އަށް މީރާއަށް ލިބުނު ފައިސާ އާއި ލިބެންޖެހޭ ފައިސާ (އޯވަ ޑިއު)
- 2016 - ލިބުނު: 14.53 ބިލިއަން ރުފިޔާ | ލިބެންޖެހޭ: 6.07 ބިލިއަން ރުފިޔާ
- 2017 - ލިބުނު: 15.19 ބިލިއަން ރުފިޔާ | ލިބެންޖެހޭ: 9.77 ބިލިއަން ރުފިޔާ
- 2018 - ލިބުނު: 16.35 ބިލިއަން ރުފިޔާ | ލިބެންޖެހޭ: 12.18 ބިލިއަން ރުފިޔާ
- 2019 - ލިބުނު: 16.81 ބިލިއަން ރުފިޔާ | ލިބެންޖެހޭ: 17.7 ބިލިއަން ރުފިޔާ
- 2020 - ލިބުނު: 10.48 ބިލިއަން ރުފިޔާ | ލިބެންޖެހޭ: 21.66 ބިލިއަން ރުފިޔާ
- 2021 - ލިބުނު: 15.68 ބިލިއަން ރުފިޔާ | ލިބެންޖެހޭ: 16 ބިލިއަން ރުފިޔާ
- 2022 - ލިބުނު: 21.94 ބިލިއަން ރުފިޔާ | ލިބެންޖެހޭ: 14.7 ބިލިއަން ރުފިޔާ
ދައުލަތަށް ނުލިބިހުރި ފައިސާ ހޯދަން މީރާއިން ތަފާތު މަސައްކަތްތައް ކުރާކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.
އޮޑިޓް ރިޕޯޓްގައި ވަނީ ދައުލަތަށް ލިބެންޖެހޭ ޓެކްސް ފައިސާ ހޯދުމަށް އަޅަންޖެހޭ އެންސްފޯސްމަންޓް ފިޔަވަޅުތައް ގަވާއިދުން އަޅަމުން ގެންދިއުމަށާއި ފައިސާ ނުދައްކާ ފަރާތްތަކާ މެދު އަޅާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް އަންގާފަ އެވެ.
މީގެ އިތުރުން ނުލިބިހުރި ނޮން-ޓެކްސް ފައިސާ ހާއްސަކޮށް ރިސޯޓު ކުލީގެ ގޮތުގައި ނުލިބިހުރި ފައިސާ ހޯދުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރަން ފިނޭންސް މިނިސްޓްރީ އާއި ކަމާބެހޭ އެހެން އިދާރާތަކާ މަޝްވަރާކޮށް މި ފައިސާ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ހޯދުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންވެސް އަންގާފައިވެ އެވެ.
އޮޑިޓް ރިޕޯޓްގައި މިހެން ބުނެފައިވާއިރު ދައުލަތަށް ލިބެންޖެހޭ 15 ވަރަކަށް ބިލިއަން ރުފިޔާ ނުލިބި ހުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.