އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި މިހާރު ހިމަނާފައި ޑެފިސިޓް [ދަރަނި] ލަފާކުރާ ވަރަށްވުރެ މަތިވެގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެ، އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި އޮޑިޓަ ޖެނެރަލް އޮފީހުގެ ޕްރޮޕެޝަނަލް އޮޕީނިއަން ދެއްވަމުން އޮޑިޓަ ޖެނެރަލް
އަންނަ އަހަރަށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާ އިރު 9.7 ބިިލިއަން ރުފިޔާ ޑެފިސިޓްވާނެ ކަަމަށް އަންދާޒާ ކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ޑެފިސިޓް ބޮޑު ކަމަށާއި އަދި ބައެއް ކަންކަން ރަނގަޅަށް ތަންފީޒުނުވެ ހިނގައްޖެނަމަ ބަޖެޓު އިތުރަށް ޑެފިސިޓުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"ނިއު ރެވެނިއު މެޝާ [އާމްދަނީ ހޯދަން ހުށަހެޅި އާ ކަންކަން] ގެ ގޮތުގައި 700 އެއްހާ މިލިއަން ރުފިޔާ އެބަހުރި. އޭގެ އިތުރަށް އާސަންދަގެ ރިފޯމްސް އަށް އެ ކަންކަން ރިއަލައިޒް ނުވެއްޖިއްޔާ އިތުރު 300 މިލިއަނެއްހާ ރުފިޔާ އެބަދޭ. ދެން ހަމަ މި ޑިވިޑެންޑް އާ [ކުންފުނިތަކުން ދައްކާ ފައިދާ ] މި ކަހަލަ ކަންކަން ރިއަލައިޒް ނުވެއްޖިއްޔާ އިތުރު އެއް ބިލިއަނެއްގެ ބަޖެޓު ޑެފިސިޓްވުމުގެ އެކްސްޕޯޝާ އެބައޮތް ކަން އަޅުގަނޑުމެންނަށް ވެސް ފާހަގަކޮށްލަން." ނިޔާޒީ ވިދާޅުވި އެވެ.
އޮޑިޓަ ޖެނެރަލް ވަނީ ބޭރުގެ ކްރެޑިޓް ރޭޓީން އިދާރާތަކުން ރާއްޖޭގެ ރޭޓިން މަތި ކުރުމަކީ ޕޮޒިޓިވް ނިޝާނެއްގެ ގޮތުގައި ވިދާޅުވެފަ އެވެ.
ނިޔާޒީ ވިދާޅުވީ ރޭޓިން ރަނގަޅުވުމަކީ ބަޖެޓު މެނޭޖުކުރުމަށް ހާއްސަކޮށް އިންޓްރެސްޓް ރޭޓު ކުޑަކޮށް ބެޖެޓު ފައިނޭންސް ކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށް ކަމަށެވެ. އަދި ސުކޫކު ބޮންޑާ އެއްޗެތި ވިއްކާއިރު ރޭޓިން ރަަނގަޅުވެފައި ހުރުމަކީ ވެސް މުހިންމު ކަމެއް ކަަމަށެވެ. އޭނާ ވަނީ ރޭޓިންގް މިހާރު ހުރި ވަރުގައި ދެހެހެއްޓުމަށް ބެޖެޓު އިތުރަށް ޑެފިސިޓް ނުވާނެހެން ޕީއެސްއައިޕީ ޕްރޮޖެކްޓްތައްވެސް މެނޭޖުކުރުން މުހިންމުކަން ފާހަގަ ކުރައްވާފަ އެވެ.
"އޯވަރޯލްކޮށް އަޅުގަނޑުމެން ދޭ ރެކަމޮންޑޭޝަންއަކީ އޯވަރޯލް ބަޖެޓު ހިފެހެއްޓުމަށްޓަކައި ދައުލަތުގެ އާމްދަނީ ލިބޭ މިންވަރަކުން ޕްރޮޖެކްޓްތައް ގެންދިއުން. ހާއްސަކޮށް ހިލޭ އެހީއާ އާމްދަނީއާ އަދި މި އެކްސްޕެންޑީޗާގެ ކަންކަން ހަރަދު ކުރުމަށްޓަކައި ގެންނަ ރިފޯމްސްތައް. އެކަންކަން ރިއަލައިޒްވާ ކުރުމަށްޓަކައި ކަންކަން ގެންދިއުން ވަރަށް މުހިންމު." ނިޔާޒީ ވިދާޅުވި އެވެ.