ދައުލަތުގެ ބަޖެޓް

އާމްދަނީގެ އަންދާޒާއަށް އޮޑިޓު އޮފީހުން ސުވާލު އުފައްދައިފި

އަންނަ އަހަރަށް ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އާމްދަނީ ލިބޭނެ ކަމާމެދު އޮޑިޓާ ޖެނެރަލްގެ އޮފީހުން ސުވާލު އުފައްދައިފި އެވެ.

އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 34.7 މިލިއަން ބަޖެޓުގައި ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކޮށްފައި ވަނީ 17.8 ބިލިއަން ރުފިޔާ އެވެ.

މީގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރާއިރު، އާމްދަނީ އިތުރުކުރަން ހުށަހަޅާ އާ ކަންތައްތަކުން 1.2 ބިލިއަން ރުފިޔާ ހޯދަން އަންދާޒާކޮށްފައި ވެއެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ލަފާގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން އެސިސްޓެންޓް އޮޑިޓާ ޖެނެރަލް އިބްރާހިމް އައިމަން ވިދާޅުވީ، ފާއިތުވި ދެ އަހަރުގެ އަދަދުތަކަށް ބަލާއިރު، ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދުގެ ތެރެއިން ދައުލަތަށް ހޯދިފައި ވަނީ އެ އަދަދުގެ 60 ޕަސަންޓު ކަމަށެވެ.

އެހެންކަމުން، ކޮވިޑް-19 އިގެ ހާލަތުގައި ރާއްޖެއާއެކު މުޅި ދުނިޔޭގެ އިގުތިސޯދަށް ހީނަރުކަން އައިސްފައިވާ ދަނޑިވަޅެއްގައި، ސަރުކާރުން އަންދާޒާ ކުރާ އަދަދަށް ހިލޭ އެހީ ހޯދޭނެ ކަމާމެދު އޭނާ ވަނީ ސުވާލު އުފައްދައިފަ އެވެ.

ހިލޭ އެހީގެ އިތުރުން، އާމްދަނީ އިތުރު ކުރުމަށް ހުށަހަޅާ އާ ކަންކަމުން އިތުރަށް 1.21 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކުރާއިރު، އެކަން އަންނަ އަހަރުގެ ތެރޭ ތަންފީޒު ކުރެވުމާމެދު ވެސް އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ސުވާލު އުފެއްދި އެވެ.

2021 އާމްދަނީ ހޯދަން ހުށަހަޅާފައިވާ ކަންކަން

  • ޓެލްކޮމް ލައިސަންސް ފީއަށް ގެންނަ ބަދަލާއި ފްރިކުއެންސީ ސްޕެކްޓަމް ޗާޖުން 300 މިލިއަން ރުފިޔާ
  • ޓޫރިޒަމަށް ބިން ދޫކޮށްގެން: 154 މިލިއަން ރުފިޔާ
  • މާލެ ސަރަހައްދުން ކޮންޖެކްޝަން ޗާޖެއް / ޕާކިން ފީއިން: 37 މިލިއަން ރުފިޔާ
  • ދިވެހިންނަށް ބިން ވިއްކައިގެން: 300 މިލިއަން ރުފިޔާ
  • ރިއަލް އެސްޓޭޓް ޓޫރިޒަމުން: 154 މިލިއަން ރުފިޔާ
  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި އެއާޕޯޓް ސާވިސް ޗާޖުގެ ރޭޓްތައް ބަދަލުކޮށްގެން: 273 މިލިއަން ރުފިޔާ

މިގޮތުން، އައިމަން ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރެއިން ގިނަ ކަންކަމަކީ ގާނޫނުތަކާއި ގަވައިދުތައް ތައާރަފްކޮށް ނުވަތަ އިސްލާހުކޮށްގެން ތަންފީޒު ކުރެވޭ ކަންތައްތައް ކަމަށްވާއިރު، އަންނަ އަހަރުގެ ތެރޭގައި އެކަންކަން ކުރެވިގެން، ކަނޑައަޅާފައިވާ އަދަދަށް އާމްދަނީ ހޯދަން ދަތިވާނެ ކަމަށެވެ.

"ކޮންމެ އަހަރަކުވެސް އެކްޗުއަލް ޑެފިސިޓް އެބަ އިތުރުވޭ، އަންދާޒާކުރާ މިންވަރަށް ހިލޭ އެހީ އާއި އާމްދަނީ ނުލިބުމުން،" އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރު 15 ބިލިއަނަށް ވުރެ ބޮޑު ޑެފިސިޓެއް ފޫ ބައްދަން ރާވާފައިވަނީ ރާއްޖެއިން ބޭރުންނެވެ.

މިގޮތުން، އަންނަ އަހަރު ކުރިން އެއްބަސްވެފައިވާ 300 މިލިއަން އެމެރިކާ ޑޮލަރުގެ އިސްލާމިކް ސުކޫކާއެކު 100 މިލިއަން ޑޮލަރުގެ ގްރީން ބޮންޑެއް ވިއްކުމަށް މަސައްކަތް ކުރެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައި އެވެ.

އަދި ދޭދޭ ގައުމުތަކުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތައް މެދުވެރިކޮށް 150 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ބަޖެޓުގައި ވަނީ ރާވައިފަ އެވެ. މީގެ އިތުރުން ރާއްޖޭގެ އެތޭރޭގެ މާކެޓަށް ޓްރެޒަރީ ބިލާއި ބޮންޑު ވިއްކައިގެން ނެޓް ފައިނޭންސިން ގޮތުގައި 3.7 ބިލިއަން ރުފިޔާގެ ފައިސާ އިތުރަށް ހޯދަން ހިމަނާފައި ވެއެވެ.

ނަމަވެސް، ދަރަނި އިތުރުވެ، ރާއްޖޭގެ ކްރެޑިޓް ރޭޓިން މިފަހުން ދަށްކޮށްފައިވާއިރު، ދަރަނި ނަގަން ރާއްޖޭން ކުރަންޖެހޭ ހަރަދު އިތުރުވާނެކަމަށް ބުނެ އޮޑިޓް އޮފީހުން ވެސް ވަނީ މިއަދު ކަންބޮޑުވުންފާޅުކޮށްފައި އެވެ.