ހަބަރު

ދަރަނީގެ ހިސާބު ދިމާ ކުރުމަކީ މަޖިލީހުގެ ޒިންމާއެއް

Oct 12, 2020

ދައުލަތުން ގެރެންޓީ ދީގެން ރާއްޖޭން ނަގާފައިވާ ލޯނުތަކުގައި އޮޑިޓާ ޖެނެރަލް ފާހަގަ ކޮށްފައިވާ ފަރަގުގެ ތަފްސީލުތައް ރާއްޖޭގެ ދަރަންޏާ ގުޅޭ ގޮތުން މުޅި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން އެކުލަވާލާ ރިޕޯޓުން ސާފުވާވަރު ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދައުލަތުން ގެނެރެންޓީ ދީގެން ނަގާފައިވާ ލޯނުތަކާ ގުޅޭގޮތުން، އޮޑިޓާ ޖެނެރަލްގެ އޮފީހުން އާއްމު ކޮށްފައިވާ ރިޕޯޓުގައި، 2018 ވަނަ އަހަރުގެ ނިޔަލަށް ފިނޭންސް މިނިސްޓްރީން އެގޮތަށް ނަގާފައިވާ ލޯނުތަކުގެ އަދަދާއި ފައިނޭންސް ދިން ފަރާތްތަކުގެ އަދަދާ ތަފާތުތަކެއް އުޅޭ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

މިގޮތުން، ޑިސެމްބަރު 31، 2018 ގެ ނިޔަލަށް ދަރަނީގެ ގޮތުގައި ބަޔާން ކޮށްފައިވާ 164,564,083 މިލިއަން ރުފިޔާއަކީ ސައްހަ އަދަދެއްކަމަށް ކަށަވަރު ކުރެވިފައި ނުވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެ އެވެ.

މަޖިލީހުގެ މިއަދު ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ ދަރަންޏާ ގުޅިގެން ދެ އޮޑިޓު ރިޕޯޓެއް ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ކަމަށެވެ. އަދި ގެރެންޓީތަކާއި ދައުލަތުގެ ދަރަންޏާ ގުޅޭ އޮޑިޓު ރިޕޯޓު ލިބިފައި ވަނީ ރާއްޖޭގެ ދަރަންޏާ ގުޅޭގޮތުން މުޅި މަޖިލީހުގެ ކޮމިޓީން ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާ ދަނޑިވަޅެއްގައި ކަމަށެވެ.

އަދި ވިދާޅުވީ މަޖިލީހުން އެކުލަވާލާ ރިޕޯޓުގައި އޮވެދާނެ އެއްޗަކާމެދު ބައެއް ފަރާތްތަކުން ކަންބޮޑުވާ ކަމަށެވެ.

"އެ ކަންބޮޑުވުން ވަނީ ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ދަރަންޏާއި ގުޅޭގޮތުން މި ހުންނަ ކަންކަމުގައި ތަފާތު ވާނަމަ ބައިނަލްއަގްވާމީ އިދާރާތަކުން އެކަން ފާހަގަ ކުރާނެ،" އެމަނިކުފާނު ވިދާޅުވި އެވެ. އެ މަނިކުފާނު އެ އިޝާރާތް ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިދިއަ ހަފުތާގައި މަޖިލީހުގެ ކޮމިޓީއެއްގައި ހިއްސާކުރެއްވި ކަންބޮޑުވުމަށެވެ.

ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ ގެރެންޓީ އަދި ނަގާފައިވާ ލޯނާ ގުޅޭ މައުލޫމާތު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ދެއްވަމުން މިދިއަ ބުދަ ދުވަހު އަމީރު ވިދާޅުވެފައި ވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ރާއްޖޭގެ ދަރަނިތަކާބެހޭ ހުރިހާ މައުލޫމާތެއް ވަރަށް ރަނގަޅަށް ބަލަހައްޓަމުން ދަރަނި މެނޭޖު ކުރެވެމުންދާ ކަމަށެވެ.

"ދައުލަތުގެ ދަރަންޏާ ގުޅޭގޮތުން ހަގީގަތާ ހިލާފު ރަނގަޅު ނޫން މައުލޫމާތުތަކެއް އަޅުގަނޑުމެންނަށް ޝާއިއުކުރެވި އަޅުގަނޑުމެންނަށް ބޭރުކުރެވޭނަމަ، އޭގެ ސަބަބުން އަޅުގަނޑުމެންގެ އިންވެސްޓާ ކޮންފިޑެންސް ދަށަށް ދާނެ. އިންވެސްޓާ ކޮންފިޑެންސް ދަށަށް ގޮސްފިނަމަ އަޅުގަނޑުމެންގެ ކްރެޑިޓް ރޭޓިން ދަށްވެގެންދާނެ،" އަމީރު ވިދާޅުވި އެވެ.

އަދި ހަގީގަތާ ހިލާފު މައުލޫމާތުތަކުގެ ސަބަބުން ދަރަނި ރެކޯޑު ކުރުމާއި ބެލެހެއްޓުމުގައި ފިނޭންސް މިނިސްޓްރީ އިސްވެ ކުރަމުންދާ މަސައްކަތާމެދު އިންވެސްޓަރުން ކުރާ އިތުބާރު ގެއްލުމުގެ ފުރުސަތުވެސް އޮންނާނެކަމަށް އަމީރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ދަރަނި ނަގާއިރު، ހުރިހާ ކަމެއް ގުޅި ލާމެހިފައި އޮންނަ ކަމަށާއި ދަރަންޏާ ގުޅޭ ކަންކަން ރަނގަޅަށް ދިރާސާނުކޮށް އެކަމުގެ ހައްސާސްކަން ނުވިސްނި ވާހަކަ ދައްކާނަމަ، އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

އެގޮތުން، ދަރަނި ނުވަތަ ލޯނު އެއްބަސްވުންތަކާ ގުޅޭ ނުރަނގަޅު މައުލޫމާތު ހާމަނުކުރުމުގެ އިތުރުން ކްރެޓިޑް އޭޖެންސީ ތަކުން ރާއްޖޭގެ ރޭޓިން ދަށްކުރުމުގެ އެއްވެސް ފުރުސަތެއް ނުދިނުމަށްވެސް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ

ނަމަވެސް، މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ދަރަނީގެ ހިސާބުތަކުގައި ފަރަގެއްވާނެމަ، އެކަން ސަރުކާރާ ގުޅިގެން ހޯދައި ދެނެގަތުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ.

"މަޖިލީހުގެ ވަރަށް ބޮޑު ޒިންމާއަކަށްވާނެ، މައްސޫލިއްޔަތަކަށް ވާނެ، ސަރުކާރާއި އެކުގައި މި މަސައްކަތް ކުރުން. ފަރަގެއް ވާނަމަ އެ ފަރަގަކީ ކޮބާތޯ ސަރުކާރަށްވެސް، މަޖިލީހަށް ވެސް އެނގިގެން އެކަމެއް ފޫބެއްދުން އެއީ. އެ ފަރަގެއް އޮތް ތަނަކީ ކޮބާތޯ ދެނެގަނެ، އެއް ގޮތަކަށް މިކަން ކަނޑައެޅިގެން އައުން،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ދަރަނި 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު އިންތިހާއަށް އިތުރުވެފައިވާކަން އޮޑިޓު ރިޕޯޓުގައިވެސް ފާހަގަކޮށްފައިވާއިރު، ކުރިއަށް އޮތް ތިން އަހަރު ދަރަނި ދެއްކުމުގައި ދައުލަތުން ހޭދަ ކުރަންޖެހޭނެ ސީދާ އަދަދުތައް މަޖިލީހުގެ ރިޕޯޓު އާއްމުކުރާއިރު، ސާފުކޮށް ބަޔާންކޮށްފައި އޮންނާނެ ކަމަށެވެ.

ކުރީގެ ސަރުކާރުން ނަގާފައިވާ ގިނަ ލޯނުތަކަށް އަންނަ އަހަރުން ފެށިގެން އަނބުރާ ދައްކަންޖެހޭއިރު، އެވަރަށް އާމްދަނީ ނެތުމުގެ ކަންބޮޑުވުން ރައީސް ނަޝީދު ވަނީ ދާދި ފަހުންވެސް ފާޅު ކުރައްވައިފަ އެވެ.