ވިޔަފާރި

ފިޗުން ރާއްޖެއަށް ދީފައިވާ ރޭޓިންގް ދަމަހައްޓައިފި

May 14, 2019
2

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ހޮންކޮންގްގެ ފިޗް އިން ރާއްޖެއަށްދީފައިވާ ކްރެޑިޓް ރޭޓިންގް ދަމަހައްޓައިފި އެވެ.

ދައުލަތުގެ 200 މިލިއަން ޑޮލަރުގެ ބޮންޑު ބޭރަށް ވިއްކުމަށްޓަކައި، 2017 ވަނަ އަހަރު ރާއްޖެ ރޭޓް ކުރުމުގެ މަސައްކަތް ފިޗާ ހަވާލުކުރުމުން އެ ކުންފުނިން އޭރު ރާއްޖެއަށް ދީފައިވާ "ބީ ޕްލަސް" ރޭޓިންގް މިއަހަރު ވެސް ވަނީ ދަމަހައްޓައިފަ އެވެ.

ފިޗުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، "ބީ ޕްލަސް" ރޭޓިންގެއް ރާއްޖެއަށް ދީފައިވަނީ އިތުރުވަމުން އަންނަ ދަރަންޏާއި، ކުރާ ހަރަދުގެ ނިސްބަތުން ބޭރުގެ ފައިސާގެ ރިޒާވް މަދުވުމުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން އަރައިގަތުމުގެ ގާބިލުކަން ހުރިކަން ފާހަގަ ކުރެވޭތީ ކަމަށެވެ.

އެ ގޮތުން، ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ އިތުރުވަމުންދާ މިންވަރާއި، ކުރިއަރަމުން އަންނަ ޓޫރިޒަމް ސިނާއަތުން ލިބެމުންދާ އާމްދަނީ އިތުރުވާނެކަމަށް ކުރެވޭ އަންދާޒާގެ އިތުރުން ސްޓްރަކްޗަރަލް އިންޑިކެޓަރުގެ ދުޅަހެޔޮކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ރާއްޖޭގެ ތާރީހުގައި ހެދި ފުރަތަމަ ކްރެޑިޓް ރޭޓިން ހަދާފައިވަނީ 2016 ވަނަ އަހަރު ދުނިޔޭގެ އެންމެ ބޮޑު ތިން ކްރެޑިޓް ރޭޓިން އެޖެންސީގެ ތެރޭގައި ހިމެނޭ މޫޑީސް އިންވެސްޓާސް ސާވިސް އިންނެވެ.

އެނޫން ވެސް މާލީ ގޮތުން އަދާކުރަން ޖެހޭ އެހެން ޒިންމާތައް އަދާކުރެވޭނެ ގާބިލްކަން ރާއްޖޭގައި ހުރިކަމަށް ބުނެ، މޫޑީސްއިން އެ އަހަރު ރާއްޖެއަށް ދީފައިވަނީ "ބީ2" ރޭޓިންގް އެކެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ މިދިޔަ އަހަރުގެ ފަހު ތިން މަސް ދުވަހުގެ ދައުލަތުގެ ދަރަނީގެ ރިޕޯޓުގައިވާ ގޮތުން 2016 އިން 2018 އަަހަރުގެ ނިޔަލަށް ދައުލަތުގެ ދަރަނި 18.2 ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފަ އެވެ. އަދި މި މުއްދަތުގައި ބޭރު ދަރަނި ހުރީ 20 ބިލިއަން ރުފިޔާގަ އެވެ. އަދި އެތެރޭގެ ދަރަނިވަނީ 27 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.