ދައުލަތުގެ ބަޖެޓް

ބަޖެޓް ކުރި ވަރަށްވުރެ ދަތުރު ހަރަދު އިތުރު

ދައުލަތުގެ ބަޖެޓުން މިއަހަރު ދަތުރުފަތުރުތަކަށް ކަނޑައެޅި ބަޖެޓަށްވުރެ އިތުރަށް ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ދަތުރުފަތުރުތަކަށް 213.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ބަޖެޓުގައި މިއަހަރު ދަތުރުފަތުރުތަކަށް ކަނޑައަޅާފައި ވަނީ 203 މިލިއަން ރުފިޔާ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރު މިހާތަނަށް ދައުލަތުގެ ޖުމްލަ ހަރަދު ވަނީ 35.3 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނީ 24.9 ބިލިއަން ރުފިޔާ އެވެ.

ދައުލަތުގެ ބަޖެޓުގައި މިދިޔަ އަހަރު ދަތުރުފަތުރަށް ކަނޑައެޅި ވަރަށްވުރެ އިތުރަށް ހޭދަކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ ބަޖެޓުގައި ދަތުރުފަތުރަށް 172.3 މިލިއަން ރުފިޔާ ކަނޑައެޅި ނަމަވެސް އަހަރު ނިމުނުއިރު ދަތުރުފަތުރަށް 181.1 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2020 ވަނަ އަހަރު ދައުލަތުގެ ބަޖެޓުގައި ދަތުރުފަތުރުތަކަށް ކަނޑައެޅީ 237.8 މިލިއަން ރުފިޔާ އެވެ. އެ އަހަރު ދަތުރުފަތުރުތަކަށް ހޭދަކުރީ 141.3 މިލިއަން ރުފިޔާ އެވެ. 2019 ވަނަ އަހަރު ދަތުރުފަތުރުތަކަށް 142.1 މިލިއަން ރުފިޔާ ކަނޑައެޅިއިރު އެ އަހަރު ދަތުރުފަތުރުތަކަށް 223.8 މިލިއަން ރުފިޔާ ހޭދަކުރިއެވެ.