އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު ދައުލަތަށް 32 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ބަޖެޓު ހުށަހަޅަމުން މިނިސްޓަރު އަމީރު ވިދާޅުވީ ޓެކުހުގެ ގޮތުގައި އަންނަ އަހަރު 23.53 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. މީގެތެރޭގައި ޖީއެސްޓީ ބޮޑުކުރުމުން އިތުރުވާނެ ކަމަށް ބެލެވޭ 3.65 ބިލިއަން ރުފިޔާ ހިމެނޭ ކަމަށް ވިދާޅުވި އެވެ.
އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ 32 ބިލިއަން ރުފިޔާ އަކީ ހިނގަމުންދާ 2022 ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް ލިބޭނެ ކަމަށް މިހާރު ލަފާކުރާ ޖުމްލަ އާމްދަނީ އާއި ހިލޭ އެހީއާ އަޅައިބަލާއިރު 21.8 އިންސައްތަ އިތުރު އަދަދެކެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ޓެކްސް ނޫން އާމްދަނީގެ ގޮތުގައި އަންނަ އަހަރު 6.35 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
ދައުލަތަށް ލިބޭނެ އާމްދަނީ އަންނަ އަހަރު އިތުރުވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޖީއެސްޓީ ރޭޓު މަތިކުރުމާއި މި އަހަރާއި އަޅައިބަލާއިރު އަންނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް އަންދާޒާކޮށްފައިވުން ހިމެނެ އެވެ. މީގެ ސަަބަބުން ފަތުރުވެރިކަމުގެ ސިނާއަތާ ސީދާ ގުޅިފައިވާ އާމްދަނީތައް އިތުރުވާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.
ދައުލަތަށް އަންނަ އަހަރު އެންމެ ގިނައިން އާމްދަނީ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ ޓީޖީއެސްޓީގެ ގޮތުގަ އެވެ. އެގޮތުން ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ 28.3 އިންސައްތަ ޓީޖީއެސްޓީ އިން ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. ފިނޭންސް މިނިސްޓްރީން ލަފާކުރަނީ އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.
ޓެކުހުގެ ގޮތުގައި އަންނަ އަހަރު ލިބޭ އާމްދަނީ
- ޓީޖީއެސްޓީ - 9.1 ބިލިއަން ރުފިޔާ
- ޖެނެރަލް ޖީއެސްޓީ - 4.2 ބިލިއަން ރުފިޔާ
- ވިޔަފާރި އާމްދަނީން ނަގާ ޓެކްސް - 2.1 ބިލިއަން ރުފިޔާ
- ބޭންކް ޕްރޮފިޓް ޓެކްސް - 903.3 މިލިއަން ރުފިޔާ
- ނަން-ރެޒިޑެންޓް ވިތު ހޯލްޑިން ޓެކްސް - 1.1 ބިލިއަން ރުފިޔާ
- ގްރީން ޓެކްސް 1.0 ބިލިއަން ރުފިޔާ
- އިމްޕޯޓް ޑިއުޓީ - 3.8 ބިލިއަން ރުފިޔާ
- ރިސޯޓު ކުލި - 1.7 ބިލިއަން ރުފިޔާ
- ރެވެނިއު ފީ - 535 މިލިއަން ރުފިޔާ
- އެސްއޯއީ ފައިދާ އިން ލިބޭ ޑިވިޑެންޓް - 1.4 ބިލިއަން ރުފިޔާ
- ޑިޕާޗާ ޓެކްސް - 871 މިލިއަން ރުފިޔާ
- އެއާޕޯޓް ޑިވެލޮޕްމަންޓް ފީ - 871 މިލިއަން ރުފިޔާ
- ފަރުދުންގެ އާމްދަނީން ނަގާ ޓެކްސް - 126.1 މިލިއަން ރުފިޔާ
- އެމްޕްލޯޔީ ވިތުހޯލްޑިން ޓެކްސް - 207 މިލިއަން
ހިގަމުންދާ އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 24.3 ބިލިއަން ރުފިޔާ އެވެ. މީގެތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބޭ 15.4 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތުގައި ލިބޭ ހަ ބިލިއަން ރުފިޔާ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބޭ 2.9 ބިލިއަން ރުފިޔާ ވެސް ހިމެނެ އެވެ.