ދައުލަތުގެ ބަޖެޓް

އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން ފައިސާ އިތުރުކޮށްދޭން ނިންމައި ކޮމިޓީން ބަޖެޓު ފާސްކޮށްފި

އެމްއެމްޕީއާރުސީގެ ހިޔާނަތުގެ މައްސަލަ ބަލަން އޭސީސީގެ ބަޖެޓު ބޮޑުކޮށްދީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ޖުމްލަ ބަޖެޓު ކޮމިޓީން ފާސްކޮށްފި އެވެ.

މާލިއްޔަތު ކޮމިޓީން އެގޮތަށް ނިންމީ ރޭ އެ ކޮމިޓީން ބޭއްވި ބައްދަލުވުމުގަ އެވެ. އެގޮތުން ފިނޭންސް މިނިސްޓްރީން ހުށަހެޅި 36.92 ބިލިއަން ރުފިޔާގެ ބަޖެޓު ބޮޑުކޮށް 36.99 ބިލިއަން ރުފިޔާގެ ބަޖެޓު ކޮމިޓީން ރޭ ފާސްކުރި އެވެ.

އޭސީސީއަށް ދޭން އެންމެ ފުރަތަަމަ ހުށަހެޅީ 41.5 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މާލިއްޔަތު ކޮމިޓީން ރޭ ވަނީ އެ ކޮމިޝަނުގެ ބަޖެޓަށް 3.9 މިލިއަން ރުފިޔާ އިތުރުކޮށް ޖުމްލަަ ބަޖެޓު 45.4 މިލިއަން ރުފިޔާއަށް އިތުރުކޮށްދީފަ އެވެ. އެ ފައިސާ އިތުރު ކޮށްދިނީ އެމްއެމްޕީއާރުސީގެ ތަހުގީގަށް ބޭނުންވާ އިތުުރު މުވައްޒަފަށް ނެގުމަށާއި އަދި އަންނަ އަަހަރު އެ ތަހުގީގު ނިންމަން އަަންގަން ފާސްކުރި އެވެ.

ކޮމިޓީން ވަނީ އާސަންދައިގެ ހަރަދުތައް ވެސް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދަން އަންގަން ވެސް ފާސްކޮށްފަ އެވެ. އެގޮތުން ބޭހުގެ ކޮންޓްރޯލް ކުރުމަށް ކުރަން ޖެހޭ މަސައްތައް އަންނަ އަހަރު ތަންފީޒު ކުރުމަށެވެ.

އޭގެ އިތުރުން އެކި ކޮންޓްރެކްޓްތައް އުވާލުމުން ބަދަލުދޭން ޖެހޭތީ ކޮންޓްރެކްޓްތަކުގައި ސޮއިކުރުމުގެ ކުރިން ބަލަން ޖެހޭ ކަންތައްތައް ބަލައި އަދި މަޝްރޫއުތައް ހިނގާ މިންވަރު ބަލައި މޮނީޓާ ކުރުން ހަރުދަނާކުރަން އަންގަން ވެސް ފާސްކުރި އެވެ.

ބެޖެޓު ބޮޑުކޮށްދިން ނަމަވެސް އިތުރުކޮށް ދިނީ މަދު އޮފީސް ތަކަށެވެ. އެގޮތުން އެންމެ ގިނަ ފައިސާ އިތުރުކޮށް ދިނީ ރައްޔިތުންގެ މަޖިލީހަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލިސް އިދާރާގެ ނިއު ޕޮލިސީ އިނީޝިއޭޓިވްސްއަށް 7 މިލިއަން ރުފިޔާ އިތުރުކޮށް ދިނެވެ. އަދި ސިވިލް ސާވިސްގެ އެންހޭންސިން ޑިޖިޓަލް ޓްރާންސްފޮމޭޝަން އޮފް ސިވިލް ސާވިސް ޕްރޮޖެކްޓަށް 1.69 އިތުރުކޮށް ދިނެވެ.

ބަޖެޓަށް ގެނައި ބަދަލާއެކު ބަޖެޓްގެ ޖުމުލަ ހަރަދު 34 ބިލިއަން ރުފިޔާއިން 34.10 އަށް އިތުރުވާނެ އެވެ. ބަޖެޓާ ގުޅޭ އެންމެ ފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުން ނަގާ ވޯޓަކުން ނެވެ.