ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސް ކޮށްދީފައިވާ ބަޖެޓުން ހަރަދުތައް ހަމަނުޖެއްސިގެން އިތުރު ހަރަދުތައް ހަމަޖައްސަން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައިފި އެވެ.
ސަޕްލިމަންޓްރީ ބަޖެޓު ހުށަހަޅާފައި ވަނީ އަންނަ އަހަރަށް ލަފާކޮށް މިދިޔަ އާދީއްތަ ދުވަހު ހުށަހެޅި ބަޖެޓާއެކު އެވެ.
މިއަހަރަށް މަޖިލީހުން ފާސް ކޮށްދީފައި ވަނީ 34.9 ބިލިއަން ރުފިޔާގެ ބެޖެޓެކެވެ. ނަމަަވެސް އެ ބަޖެޓު ހަމަ ނުޖެއްސިގެން އިތުރު 2.24 ބިލިއަން ރުފިޔާ ހޯދަން ސަޕްލިމެންޓްރީ ބަޖެޓެއް ވަނީ ހުށަހަޅައިފަ އެވެ. އެހެން ކަމުން މި އަހަރުގެ ޖުމްލަ ބަޖެޓު 37.1 ބިލިއަން ރުފިޔާއަށް އަރާނެ އެެވެ.
މިދިޔަ އަހަރު ބަޖެޓު ހުށަހެޅި އިރު އާމްދަނީ ހޯދަން އިތުރުކުރާ ކަންކަމާއެކު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 21 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް އެ އަދަދާ ގާތަށް ވެސް މިއަހަރު އާމްދަނީ އެއް ނުލިބެއެވެ. އަދި ކޮވިޑާ ގުޅިގެން ހަރަދުތައް ވެސް ވަރަށް ބޮޑުތަން މިއަހަރު އިތުރުވި އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަައް ދައްކާގޮތުން މިއަހަރު 20 ބިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ވަނީ ހޭދަކޮށްފަ އެވެ.
އަންނަ އަހަރަށް ލަފާކޮށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ. އަދި އެ ބަޖެޓާ ގުޅޭ ބަހުސްތައް މިހާރު މަޖިލީހުގައި މިހާރު ދަނީ ހިނގަމުން ނެވެ.