ދައުލަތުގެ ބަޖެޓް

36.9 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް 36.99 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ދީފި އެވެ.

އަންނަ އަހަަރަށް ލަފާކޮށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ފިނޭންސް މިނިސްޓަރު ހުށަހެޅުއްވީ 36.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަަމަވެސް 73.8 މިލިއަން ރުފިޔާ އިތުރުކުރުމަށް ފަހު ބަޖެޓު ބޮޑު ކުރަން ބަޖެޓު ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު ނިންމި އެވެ.

ކޮމިޓީގެ އެ ނިންމުމާ އެއްގޮތަށް ޖުމްލަ 36.99 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި އެވެ. އެ އަދަދަށް ބަޖެޓު ފާސްކުރީ 64 މެމްބަރުންގެ ވޯޓާ އެކު އެވެ. ބަޖެޓް ފާސްކުރުމާ ދެކޮޅަށް އަށް މެންބަރަކު ވޯޓު ދެއްވާފަ އެވެ.

ބަޖެޓަށް ފަހުން އިތުރުކުރީ 82 ރަށެއްގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 57.4 މިލިއަން ރުފިޔާ އާއި ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓާއި ރައްޔިތުންގެ މަޖިލީހަށާއި އަދި ބައެއް މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް ޖުމުލަ 16.4 މިލިއަން ރުފިޔާ އެވެ.

ބައެއް އިދާރާތަކުގެ ބަޖެޓަށް އިތުރުކުރި އަދަދުތައް

  • ރައްޔިތުންގެ މަޖިލީހުގެ އިދާރާ - 7 މިލިއަން ރުފިޔާ
  • އޭސީސީ - 3.9 މިލިއަން ރުފިޔާ
  • އިންތިގާލީ އިންސާފުގެ އޮމްބަޑްސްމަން އޮފީސް - 2.2 މިލިއަން ރުފިޔާ
  • ސިވިލް ސާވިސް ކޮމިޝަން - 1.69 މިލިއަން ރުފިޔާ
  • ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ - 865،636 ރުފިޔާ
  • ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން - ފަސް ލައްކަ ރުފިޔާ
  • އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް 204،000 ރުފިޔާ
  • މިނިސްޓްރީ އޮފް ފިނޭންސުގެ ހާއްސަ ބަޖެޓް - 73،782 ރުފިޔާ

އަންނަ އަހަރުގެ ބަޖެޓަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށް މެންބަރުން ވަނީ އެ އަދަދު ފާސްކޮށްފަ އެވެ. އަންނަ އަހަރުގެ ބަޖެޓުން ހަރަދުވާނީ 34 ބިލިއަން ރުފިޔާ ކަމަށް މިނިސްޓަރު ހުށަހެޅުއްވި ބަޖެޓުގައި ކަނޑައަޅާފައިވީ ނަމަވެސް މަޖިލީހުގެ ބަޖެޓަށް އިތުރުކުރި ފައިސާއާ އެކު ހަރަދުގެ ޖުމްލަ އަދަދުގެ ގޮތުގައި ފާސްކުރީ 34.10 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރުގެ ބަޖެޓު ފައިނޭންސް ކުރުމަށް ޖުމްލަ 13.4 ބިލިއަން ރުފިޔާ ހޯދަންޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ ބަޖެޓު ޑެފިސިޓް ގޮތުގައި ހިމެނޭ 9.7 ބިލިއަން ރުފިޔާ އާއި، ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 2.9 ބިލިއަން ރުފިޔާ އާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޓްރާންސްފާ ކުރާ 769.2 މިލިއަން ރުފިޔާ، އަދި އެހެނިހެން ގޮތްގޮތުން ފައިނޭންސްކުރަންޖެހޭ 35.7 މިލިއަން ރުފިޔާ އެވެ.

އަންނަ އަހަރު ހޯދަންޖެހޭ ފައިނޭންސިންގެ ތެރެއިން 7.5 ބިލިއަން ރުފިޔާ ބޭރުގެ ފަރާތްތަކުން ހޯދުމަށް ރާވައިފައިވާއިރު އެތެރޭގެ ފަރާތްތަކުން 5.9 ބިލިއަން ރުފިޔާ ހޯދުމަށް ވަނީ ރާވާފަ އެވެ.

ބޮޑު ބަޖެޓެއް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ފާސްކޮށްދިން ނަމަވެސް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ވަނީ ބަޖެޓު މާބޮޑު ކަމަށް ވިދާޅުވެ ބަޖެޓު ކުޑަކުރަން ގޮވާލައްވައިފަ އެވެެ. އަދި އެ ބަޖެޓު 25 ބިލިއަނަށް ކުޑަކުރަން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ގޮވާލެއްވި އެވެ. ބަޖެޓް ފާސްކުރަން ވޯޓު ނުދެއްވަނީ އިދިކޮޅު ކޯލިޝަންގެ މެންބަރުންނެވެ.