މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އުވާލިއިރު އެ ކުންފުންޏަށް ލިބެންޖެހޭ 171.7 މިލިއަން ރުފިޔާ ނުލިބި އޮތް ހާމަވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން މިމަހު އާންމު ކުރި ފިނޭންސް މިނިސްޓްރީގެ 2019 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓްގައިވާ ގޮތުން އެމްއާރްޑީސީ އެންމެ ފަހުން އޮޑިޓްކުރެވިފައިވަނީ 2017 ވަނަ އަހަރުގެ ނިޔަލަށެވެ. އެ އަހަރުގެ ނިޔަލަށްވެސް 171.7 މިލިއަން ރުފިޔާ ކުންފުންޏަށް ލިބެން ހުރިކަން ވަނީ ފާހަގަކޮށްފަ އެވެ.
އެމްއާރްޑީސީ އުވާލުމަށް ނިންމި ފަހުންވެސް ކުންފުންޏަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް ހޯދާފައި ނުވާކަން ފިނޭންސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ލިބެން ޖެހޭ ފައިސާގެ ތެރޭގައި އާންމު ފަރާތްތަކުން ލިބެންޖެހޭ 21.5 މިލިއަން ރުފިޔާ އާއި، ބައެއް ކުންފުނިތަކުން ލިބެންޖެހޭ 74.5 މިލިއަން ރުފިޔާ ހިމެނެ އެވެ. އަދި އެހެނިހެން ގޮތްގޮތުންވެސް ލިބެންޖެހޭ ފައިސާ ހުރިކަން ފާހަގަކޮށްފައިވެ އެވެ.
ރިޓެންޝަނަށްވާ 18.1 މިލިއަން ރުފިޔާ އާއި ރީފަންޑަބަލް ޑިޕޮސިޓަށްވާ 8.1 މިލިއަން ރުފިޔާ ވެސް ނުލިބިވެ އެވެ.
ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮތް އެމްއާރްޑީސީ އުވާލުމަށް ނިންމާ ރައީސް އޮފީހުން ސިޓީ ފޮނުވީ ޖެނުއަރީ 22، 2018 ގައެވެ.
އެމްއާރްޑީސީ އުވާލުމަށް ނިންމުމާ ގުޅިގެން ކުންފުނި އުވާލުމުގެ މަސައްކަތް ކުރުމަށް މެއި 20، 2018ގައި އެ ކުންފުންޏާއި ލިކުއިޑޭޝަންގެ މަސައްކަތްކުރާ ފާމައަކާއެކު އެއްބަސްވުމުގައި ސޮއިކުރެވުނެވެ.
މިއެއްބަސްވުމުގައި އުވާލާ ކުންފުނީގެ މުދަލާއި ދަރަނިތަކުގެ ހިސާބުތައް ތައްޔާރުކޮށް ކުންފުނީގެ އެސެޓްތައް ހިފަހައްޓައި ކޮންޓްރޯލްކޮށް އަދި ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމަކީ ލިކުއިޑޭޓަރުގެ ޒިންމާއެއް ކަމުގައި ބަޔާންކޮށްފައިވެ އެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް ލިކުއިޑޭޓަރު އެމްއާރްޑީސީގެ މުދަލާއި ދަރަނިތަކުގެ ހިސާބުތަކުގެ ރިޕޯޓެއް ތައްޔާރުކޮށްފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.