ފިނޭންސް މިނިސްޓްރީ

ސްޓޭޓް އިންޓާނަލް އޮޑިޓް ކޮންފަރެންސް ފަށައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އިންޓާނަލް އޮޑިޓް ކޮންފަރެންސް "ސްޓޭޓް އިންޓާނަލް އޮޑިޓް ކޮންފަރެންސް 2023" މިއަދު ފަށައިފި އެވެ.

ދަރުބާރު ގޭގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި މި ކޮންފަރެންސް ފައްޓަވައި ދެއްވައި، އޮޑިޓް ޕޯޓަލް އިފްތިތާހުކޮށްދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްސޭޝަން ފަތުހުﷲ ޖަމީލް އެވެ.

މިއަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ "ޝިފްޓިން ދަ މައިންޑްސެޓް -- އެޑިން ވެލިއު ތްރޫ އިންޓާނަލް އޮޑިޓް" އެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްސޭޝަން ފަތުހުﷲ ޖަމީލްގެ އިތުރުން އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ، އިންޓާނަލް އޮޑިޓް ކޮމިޓީގެ ޗެއާޕާސަން ހަސަން މުހައްމަދު، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލް އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒް ވެސް ބައިވެރިވެވަޑައިގަތެވެ.

މި ކޮންފަރެންސް ފެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ އިންޓާނަލް އޮޑިޓް ކޮމިޓީގެ ޗެއާޕާސަން ހަސަން މުހައްމަދު ވިދާޅުވީ ރާއްޖޭގައި މިފަދަ ކޮންފަރެންސެއް ބޭއްވުމަކީ 2019 ވަނަ އަހަރު އިންޓާނަލް އޮޑިޓް ކޮމިޓީ އުފެދުނީއްސުރެ އެ ކޮމިޓީގެ އަމާޒެއް ކަމަށެވެ. އަދި މިފަދަ ކޮންފަރެންސެއް ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ އިންޓާނަލް އޮޑިޓް އޮތް ހާލަތު ދެނެގަނެ، އިންޓާނަލް އޮޑިޓުގެ ނިޒާމު ހަރުދަނާ ކުރުން ކަމުގައި ޗެއާޕާސަން ވިދާޅުވި އެވެ.

އިންޓާނަލް އޮޑިޓް ކޮމިޓީން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވަމުން ހަސަން ވިދާޅުވީ ރާއްޖޭގެ އިންޓާނަލް އޮޑިޓުގެ ނިޒާމު ފުރަތަމަ އޮތީ ވަރަށް ބޮޑަށް "މަރުކަޒީ" ކުރެވިފައި ކަމަށެވެ. ނަމަވެސް އެ ކޮމިޓީ އުފެދުމާއެކު މި ނިޒާމު "ލާމަރުކަޒުކޮށް" ދައުލަތުގެ ކޮންމެ އިދާރާއެއްގައި ވެސް، އިންޓާނަލް އޮޑިޓް ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތް ކުރެވި ކާމިޔާބުވެފައިވާކަން ހަސަން ފާހަގަކުރެއްވި އެވެ.

"މިހާރު ދައުލަތުގެ 17 އިދާރާއެއްގައި އަޅުގަނޑުމެންނަށް ވަނީ އިންޓާނަލް އޮޑިޓް ކޮމިޓީތައް ގާއިމުކުރެވިފަ،" ހަސަން ވިދާޅުވި އެވެ.

މީގެ އިތުރުން ޓެކްނޮލޮޖީއަށް އަންނަމުންދާ ބަދަލުތަކާއި ކުރިއެރުންތަކާއި އެކު، އިންޓާނަލް އޮޑިޓްގެ ނިޒާމަށް އައު "ރިސްކް" ތަކެއް ކުރިމަތިވަމުން އަންނަކަން ހަސަން ފާހަގަކުރެއްވި އެވެ. އޭގެ ތެރެއިން ސައިބާ ސެކިއުރިޓީ ރިސްކް ބޮޑުވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިންޓާނަލް އޮޑިޓް ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ދައުލަތުގެ މާލީ ގާނޫނު އިސްލާހުކޮށް، އިންޓާނަލް އޮޑިޓް ކޮމިޓީއަށް މިނިވަންކަން ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ހަސަން ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްސޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވީ އިންޓާނަލް އޮޑިޓް ކޮންފަރެންސެއް ބޭއްވުމުގެ ބޭނުމަކީ މި މަސައްކަތުގެ މުހިއްމުކަން އަންގައިދިނުން ކަމަށެވެ. މިގޮތުން އިންޓާނަލް އޮޑިޓިންގެ މަގުސަދަކީ މަސައްކަތުގެ ތެރެއިން ގޯހެއް ހެދުމުގެ ފުރުސަތު ކުޑަކޮށް، އެ އޮފީހެއްގެ ހިންގުން ހަރުދަނާ ކުރުން ކަމަސް ވިދާޅުވި އެވެ.

"މިއީ ކުށް ހޯދުމަށް ކުރާ ކަމެއްގެ ބަދަލުގައި އޮފީހުގެ ހިންގުން ހަރުދަނާ ކުރަން ކުރާ މަސައްކަތެއްކަން އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަން އެބަޖެހޭ،" ފަތުހުފ ވިދާޅުވި އެވެ.

ދައުލަތުގެ މުދަލާއި ފައިސާ އަދި ލިޔެކިޔުންތއް ބަލަހައްޓައި، ކަންކަން ކުރިއަށް ދަނީ މާލިއްޔަތު ގަވައިދާއި އެއްގޮތަށްތޯ ބެލުމަކީ އިންޓާނަލް އޮޑިޓް ކޮމިޓީގެ ޒިންމާ އެވެ.

ރާއްޖޭގެ އިންޓާނަލް އޮޑިޓް ކޮމިޓީ މިހާރު ހިންގަނީ ފިނޭންސް މިނިސްޓްރީގެ ދަށުންނެވެ. އެ ކޮމިޓީގައި އަށް މެމްބަރުން ތިއްބަވަ އެވެ. އެއީ ޗެއާޕާސަން ހަސަން މުހައްމަދު، ވައިސް ޗެއާޕާސަން އަހްމަދު ޔާމީން، އައިމިނަތު ސަނާ، އައިމިނަތު ނާހީން އަހްމަދު، ހަސަން މަނިކު އަދި އައިޝަތު އަބްދުﷲގެ އިތުރުން މުހައްމަދު ޝިފާއު އިބްރާހީމް އަދި އައިޝަތު މުހައްމަދެވެ.

މިއަދު އަދި މާދަމާ "ސްޓޭޓް އިންޓާނަލް އޮޑިޓް ކޮންފަރެންސް 2023"ގެ ޕެނަލް ޑިސްކަޝަންތައް ދަރުބާރުގޭގައި ކުރިއަށްދާނެ އެވެ.