ހަބަރު

ޒަހަމްތަކާއެކު މަރުވެފައި އޮތް ކުޑަކުއްޖަކު ރަކީދޫން ފެނިއްޖެ

Jan 28, 2015
1

ޒަހަމްތަކާއެކު މަރުވެފައި އޮތް ކުޑަކުއްޖަކު ވ. ރަކީދޫ އިން ފެނިއްޖެ އެވެ.

ކުޑަކުއްޖާ މަރުވެފައި އޮތީ އެ ރަށު މެރިން ކޯނާގަ އެވެ.

ރަކީދޫ ކައުންސިލްގެ ރައީސް އާދަމް ސާމީ ވިދާޅުވީ ދެ އަހަރުގެ ކުޑަކުއްޖާއަށް ކަމެއް ދިމާ ވެގެން އުޅޭ ކަމަށް ރިޕޯޓެއް ލިބުމުން އެގެއަށް ކައުންސިލުންދިޔައިރު ކުޑަކުއްޖާ މަރުވެފައިވާ ކަމަށާއި އޭ ކުއްޖާގެ ހަށިގަނޑުގެ ބޭރުފުށުން ޒަހަމްތަކެއް ފެންނަން ހުރި ކަމަށެވެ.

"އަޅުގަނޑުމެނަކަށް ދަންނަވާކަށް ނޭނގޭ އަނިޔާކޮށް މަރާލީއެކޭއެއް އެކަމަކު އަނިޔުާވެފައި ހުރި،" ސާމީ ވިދާޅުވި އެވެ.

ސާމީ ވިދާޅުވީ ޒަހަމްތަކުގެ ތެރޭގައި ކަންފަތް ދުޅަވެފައިވާއިރު ކުރިމަތިފަރާތަށް ވެސް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. އޭނާ އަދި ވިދާޅުވީ މަރުވެފައިވާ ކުޑަ ކުއްޖާގެ މަންމަ ދަރިފުޅަށް އަނިޔާ ކުރާ ކަމަށް ބުނާ މައްސަލައެއް މީގެ ކުރިން ފެންމަތިވެ އެ މައްސަލަ ޖެންޑާ މިނިސްޓްރީ އިންނާއި ފުލުހުން ބަލާފައިވާ ކަމަށެވެ.

ފުލުހުން ބުނީ ދެ އަހަރުގެ ކުއްޖާ ފެނުނީ މެންދުރު ވަގުތު 12:10 ގައި ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

މަރުވި ކުޑަ ފިރިހެން ކުއްޖާ މިވަގުތު އޮތީ އެ ރަށު ސިއްހީ މަރުކަޒުގައެވެ. އެތާނގައި އޭނާގެ މަންމަވެސް އެބައިނެވެ. މައްސަލަ ތަހުގީގު ކުރާ ފުލުހުން އެރަށަކަށް އަދި ނުދެއެވެ. 

މަރުވި ކުއްޖާގެ މަންމަ އިނދެގެން އުޅެނީ އެކުއްޖާގެ ބައްޕަ ނޫން އެހެން މީހާކާއެވެ. އޭނާއަށް އިތުރު ދެކުދިން ތިބެއެވެ.