ހަބަރު

ރައީސް ނަޝީދުގެ މައްސަލަ އަންގާރަ ދުވަހަށް ތާވަލްކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ހިންގާ ޖިނާއީ ޝަރީއަތާ ގުޅިގެން އެމަނިކުފާނުގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ދޮޅު އަހަރު ފަހުން އަންނަ އަންގާރަ ދުވަހު ބާއްވަން ތާވަލްކޮށްފި އެވެ.

ހުޅުމާލޭ ކޯޓުގައި ނަޝީދުގެ މައްސަލަ ބަލާ ބެންޗު ސައްހަ ނޫން ކަމަށް ބުނެ އެ ބެންޗު ކަނޑައެޅި ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) ގެ މައްޗަށް ނަޝީދު ހައި ކޯޓުގައި ކުރައްވާ ދައުވާގެ އަޑުއެހުމެއް ނުބާއްވާތާ ދޮޅު އަހަރު ފަހުން އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް މިއަދު ވަނީ ބާއްވައިފަ އެވެ.

މިއަދު މެންދުރުފަހު ހައި ކޯޓުގައި ބޭއްވި އެ އިބްތިދާއީ އަޑުއެހުމަކީ އަންނަ އަންގާރަ ދުވަހުގެ 11:00 ގައި ފަށާ އެ މައްސަލައިގެ އަސްލުގެ ޝަރީއަތް ކުރިއަށް ގެންދާނެ ގޮތާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި އަޑުއެހުމެކެވެ.

އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަޝީދުގެ ވަކީލުގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ޖޭއެސްސީން ނަގާފައިވާ އިޖްރާއީ ނުކުތާއާ ގުޅިގެން ދެ ފަރާތަށް ވެސް ވާހަކަ ދައްކަން އަލުން ފުރުސަތު ދޭނެ ކަމަށް މިއަދުގެ ބައްދަލުވުމުގައި ފަނޑިޔާރުން ވިދާޅުވި ކަމަށެވެ. އަދި އޭގެފަހުގައި އެ ނުކުތާއާ މެދު ފަނޑިޔާރުން ގޮތެއް ނިންމުމަށް ފަހު، މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިފި ނަމަ އިތުރު އަޑުއެހުންތައް ތާވަލް ކުރާނެ ކަމަށް ފަނޑިޔާރުން ވިދާޅުވި ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް 2013 ގައި ހައި ކޯޓުގައި ކުރިއަށް ގެންދިޔައިރު ޖޭއެސްސީން ނެގި އެ ނުކުތާއާ މެދު ދެ ފަރާތުން އޭރު ވާހަކަ ދައްކައި، ނިންމުމުން އޭރު އޮތީ އެ ނުކުތާއާ މެދު ފަނޑިޔާރުން ގޮތެއް ނިންމާ ހިސާބުގަ އެވެ. ނަމަވެސް ހައި ކޯޓުން އެ މައްސަލަ ބަލާ ބެންޗުގައި ހިމެނޭ ފަނޑިޔާރަކު ސަސްޕެންޑް ކުރުމުން އެ މައްސަލަ އޭރު ހުއްޓުނީ އެވެ.

ޖޭއެސްސީން ނެގި ނުކުތާގައި ބުނެފައިވަނީ ހުޅުމާލޭ ކޯޓުގެ ބެންޗު އެ ކޮމިޝަނުން ކަނޑައެޅީ ސުޕްރީމް ކޯޓުގެ ލަފާގެ މަތިން ކަމަށާއި އެހެންވެ އެ ކޯޓުގެ ލަފާގެ މަތިން ކޮށްފައިވާ ކަމެއްގެ މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށެވެ.

ހިސާން އިތުރަށް ވިދާޅުވީ ކުރިން އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންގޮސްފައި އޮތް ނަމަވެސް އޭރު ހުށަހެޅި ނުކުތާތައް ޚުލާސާކޮށް އަލުން ހުށަހެޅުމުގެ ފުރުސަތު ދެއްވާނެ ކަމަށް ފަނޑިޔާރުން މިއަދު ވިދާޅުވި ކަމަށެވެ. އަދި ކުރިން ހުށަހަޅާފައި ނެތް އާ ގާނޫނީ ނުކުތާތަކެއް ހުށަހަޅާ ނަމަ އެކަމަށް ވެސް ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވި ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

ހައި ކޯޓުގައި އެ މައްސަލަ ހިނގަމުން ދަނިކޮށް ހުޅުމާލޭ ކޯޓުގެ ބެންޗުގައި ހިމެނޭ ދެ ފަނޑިޔާރަކު މާލޭގެ ދެ ކޯޓަކަށް ބަދަލު ކުރުމުން އެ ބެންޗު އުވިފައިވީ ނަމަވެސް ހިސާން ވިދާޅުވި ގޮތުގައި ހައި ކޯޓުން އެ މައްސަލަ ކުރިއަށް ގެންދަންޖެހޭނެ އެވެ. އެގޮތުން ޖޭއެސްސީން އެ ބެންޗު ކަނޑައެޅި ކަނޑައެޅުމުގެ ސައްހަ ކަމާ މެދު ގޮތެއް ނިންމަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ހިސާން ވިދާޅުވި އެވެ.

"މައްސަލައިގެ އަސްލު ގެއްލުނު ކަމަކަށް އަޅުގަނޑުމެން ނުދެކެން. އަޅުގަނޑުން ހުށަހަޅާފައި އޮތް މައްސަލައަކީ ގާނޫނާއި ޚިލާފް އިޖްރައާތަކަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމުމެއް ނިންމި މައްސަލަ. އެހެންވީމާ އެ ނިންމުން އެއީ ސައްހަ ނިންމުމެއް ކަން ނުވަތަ ނޫންކަން އެއީ ކޯޓަކުން ނިންމަންޖެހޭނެ ކަމެއް ކަމަށް އަޅުގަނޑުމެން މިދެކެނީ." ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ހިސާން ވިދާޅުވި އެވެ.

ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފް ވިދާޅުވީ މައްސަލަ ކުރިއަށް ނުގެންގޮސް އޮތް މުއްދަތުގައި ގާނޫނުތަކަށާއި ޝަރުއީ ނިޒާމަށް އައި ބަދަލުތަކާ ގުޅިގެން އެ ބޭފުޅުން ނަގަން ބޭނުންވާ އާ ގާނޫނީ ނުކުތާތަކެއް އެބަހުރި ކަމަށެވެ. އަދި އެކަމަށް ވަގުތު ބޭނުންވާ ކަމަށް ބުނުމުން އެކަމަށް އިތުރު ވަގުތު ދޭން ފެންނަ ނަމަ ވަގުތު ދޭނެ ކަމަށް ފަނޑިޔާރުން މިއަދު ވިދާޅުވި ކަމަށް އޭނާ ވިދާޅުވި އެވެ.

ހައި ކޯޓުން އެ މައްސަލަ ބެލި ބެންޗުގައި ހިމެނިވަޑައިގެންނެވި އޭރުގެ ހައި ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފް އަލީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައިވާތީ މިހާރު އެ ބެންޗުގައި ޝަރީފްގެ ބަދަލުގައި އިންނަވަނީ ފަނޑިޔާރު އަލީ ސަމީރެވެ. އަދި ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އައްބާސް ޝަރީފެވެ.