ވާހަކަ

މިލްކުވާނެބާ

( 5 ސެޕްޓެމްބަރ 2024 އާ ގުޅޭ )

ބަހެއްނުކިޔާ އިޒީކިއަލްއާއި ޒާހިލް އެތެރެއަށް ވަންނަން ރާހިން ތަންދެއްކި އެވެ. ގޭތެރެއަށް އަޅާލި ފިޔަވަޅާއެކު އިޒީކިއަލްއަށް ސޯފާ ކައިރީ ކޮޅަށް ހުރި މާޔާ ފެނިއްޖެ އެވެ. ދެ ޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ހިނދު ދެ މީހުންނަށް ހިންދިރުވާލެވުނީ ހިތްއަވަސްވީލެއް ބޮޑުކަމުންނެވެ.

އިޒީކިއަލް އައިސް މާޔާގެ ކައިރިޔަށް ހުއްޓިލަން ވާއިރަށް ރާހިން އަތުވެއްޖެ އެވެ. އަދި މާޔާ ވާހަކަދައްކަން ފުރުޞަތު ނުދީ ރާހިން ވާހަކަދައްކަން ފެށި އެވެ. އިޒީކިއަލްއާ ބައްދަލުކުރަން މާޔާ ބޭނުންވަނީ ހައިކްގެ ވާހަކަ ދައްކަން ކަމުގައި ރާހިން ހާމަކުރި އެވެ.

"މިޔާ. ދެ މީހުން އެކަނި ވާހަކަދައްކާލެވިދާނެތަ." އިޒީކިއަލް ބަލާލީ މާޔާ އަށެވެ. އޭނާ އައިއިރު ވެސް މިހެންވެދާނޭކަން ލަފާކުރި އެވެ. މާޔާއާ އެކަނި ބައްދަލުވާނޭ ފުރުޞަތެއް ރާހިންއަށް ވެގެންވަންޏާ ނުދޭނެކަން އިޒީކިއަލްއަށް ވަރަށް ރަނގަޅަށް އެނގެ އެވެ. އަދި މާޔާއާ މެދު ރާހިންގެ ހިތުގެ އިޙްސާސްތަކަކީ ކޮބާކަން ވެސް އިޒީކިއަލްއަށް ދެނެގަންނަން އެނގެ އެވެ.

"ޔޫ ކާންޓް. ދައްކާ ވާހަކައެއް މިތާ ހުރެގެން ދައްކާ." ރާހިން ވަގުތުން ދެކޮޅުހެދި އެވެ.

"މީ އަހަރެމެން ދެ މީހުންގެ އަމިއްލަ ކަމެއް." ހިތްހަމަނުޖެހުނެއްކަމަކު ރުޅި ކޮންޓްރޯލު ކުރަމުން އިޒީކިއަލް ވާހަކަދެއްކި އެވެ.

"ރާހިން. ގިވް ދެމް ސްޕޭސް. އެމީހުން ވާހަކަދައްކަން ފުރުޞަތު ދީ." ޒާހިލް ބުންޏެވެ.

"އިޓްސް އޯކޭ. ލެޓް މީ ޓޯކް ޓު ހިމް." ރާހިންގެ ވައަތު މުލައްދަނޑީގައި އަތް ޖައްސާލަމުން މާޔާ ބުންޏެވެ. އެއްބަސްނުވާން ހުރެފައި ވެސް ރާހިން ބޯޖަހާލީ އެވެ. އެއާއެކު މާޔާ އަތުގެ އިޝާރާތުން ދައްކާލީ އެތެރެއަށް އައުމަށެވެ. އޭނާގެ ފަހަތުން އިޒީކިއަލް ހިނގައިގަތެވެ. އެއްވެސް ވަރަކަށް ގަޔާނުވެފައި ހުރި ރާހިންނަށް މާޔާގެ ކޮޓަރިއަށް އިޒީކިއަލްއާއި މާޔާ ގޮސް ވަންތަން ފެނުމުން ޗަސްޖަހާލާފައި ޒާހިލަށް ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ.

ކޮޓަރީގެ ދޮރު ކައިރިކޮށްލިއެއް ކަމަކު މާޔާ ދޮރެއް ނުލައްޕަ އެވެ. އިޒީކިއަލްގެ ނަޒަރު ވަނީ މާޔާގެ ކޮންމެ ހަރަކާތަކަށް އަމާޒުވެފަ އެވެ. ދޮރާ ދިމާވާހެން ހުއްޓިލަމުން ކަނާއަތުން ވައަތުގެ އުޅަންބޮށްޓާ ހަމައިގައި ހިފަހައްޓަލަމުން މާޔާ ބަލާލީ ކޮޓަރީގެ މެދެއްހާ ހިސާބުގައި ހުއްޓިލައިގެން ހުރި އިޒީކިއަލްއަށެވެ.

"އައި މިސްޑް ޔޫ." އިޒީކިއަލް ބުންޏެވެ. އެއާއެކު މާޔާގެ މޫނުން ފާޅުވީ ހައިރާންކަމެވެ. އެ ހައިރާންކަމުގެ ތެރެއިން ފޫހިކަން ފާޅުވެގެން އައެވެ.

"މިޔާ ރަނގަޅުތަ؟. ޑަކްޓަރު ކީކޭ ބުނީ؟. ހޮސްޕިޓަލުން މިޔާއާ މީޓުކުރަން އަހަރެން މަސައްކަތް ކުރީން." މާޔާގެ ނަޒަރު އިޒީކިއަލްއާ އަމާޒުވެލި ހިނދުން އޭނާ އަނެއްކާ ވެސް ވާހަކަދެއްކި އެވެ. މަޑުމަޑުން މާޔާގެ ކައިރިޔަށް އިޒީކިއަލް ފިޔަވަޅެއް އަޅާލި އެވެ. ނަމަވެސް މާޔާ ޖެހިލީ ފަހަތަށެވެ.

"އަހަރެން އެނގެން ބޭނުމީ އެންމެކަމެއް. ހައިކް... ހައިކް އެއީ..." މާޔާއަށް ޖުމްލަ ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް އިޒީކިއަލް ވާހަކަދައްކަން ފެށި އެވެ.

"އާން. އެއީ އަހަރެމެންގެ ދަރިފުޅު. މިޔާއަށް ލިބުނު ކުއްޖާ." އިޒީކިއަލް ޔަޤީންކަމާއެކު ބުންޏެވެ.

މާޔާއަށް ދެ ލޯ މަރާލެވުނެވެ. އިޒީކިއަލްގެ ކުރިމަތީ އޭނާ ރޯކަށް ބޭނުމެއްނެތެވެ. އެހެންނަމަވެސް އޭނާގެ ދެ ލޮލަށް ޖަމާވާން ފެށި ކަރުނައެއް ނުހުއްޓުވުނެވެ. އެސްފިޔަތަކުން ފޫދިގެން މާޔާގެ ކޯތާފަތުން ރޮނގެއްހެން ކަރުނަތައް ފައިބައިގަތެވެ. އިޒީކިއަލް ކުރިޔަށްވުރެ ވެސް މާޔާއާ ކައިރިޔަށް ޖެހިލި އެވެ. މާޔާގެ ގައިގާ ހިފަހައްޓާލަން އޭނާ ބޭނުންވި އެވެ. ނަމަވެސް މިފަހަރު މާޔާގެ އިޒްނައަކާނުލާ އެފަދަ ކަމެއް ކުރާނޭ ހިތްވަރެއް އިޒީކިއަލްއަކަށް ނުލިބުނެވެ. އޭނާވަނީ އަމިއްލަ ޢަމަލުތަކާމެދު ދެރަވެ ލަދުގެންފަ އެވެ. މާޔާއާމެދު ކަންތައް ކުރެވުނީ ބޭއިންސާފުންކަން ޚުދު އިޒީކިއަލް ޤަބޫލުކުރެ އެވެ.

"މިޔާ... އިށީންނަންވީނު. އަހަރެން ހުރިހާ ވާހަކައެއް ކިޔައިދޭން ބޭނުން. މިޔާގެ ހުރިހާ ސުވާލަކަށް އަހަރެން ޖަވާބު ދޭނަން." އިޒީކިއަލްގެ އަޑުގައި މަޑުމައިތިރިކަމާ އެއްވަރަށް އޯގާތެރިކަންވި އެވެ. މާޔާ އައިސް އެނދުގެ ފައިލާކޮޅުގައި އިށީނެވެ. އެތަން ބަލަން ހުރެފައި އިޒީކިއަލް ވެސް އައިސް މާޔާގެ ކައިރީ އެނދުގައި އިށީނދެއްޖެ އެވެ.

"އަހަރެންނަށް އެނގޭ ސޫޒަން ބުނީމަކަން ހައިކްގެ ހަޤީޤަތް މިޔާއަށް އެނގުނީ. ހުރިހާ ވާހަކައެއް ކިޔައިދޭން ލަސްވެއްޖެ ކަންނޭނގެ. އެހެންވިޔަސް އަހަރެން ކިޔައިދޭނަން. ހުރިހާކަމެއް ފެށުނު ގޮތާއި މިހިސާބަށް ކަންތައްތައް އަންނަން ޖެހުނީ ކީއްވެކަން. ޔޫ ޑިޒާވް އިޓް." އިޒީކިއަލް މިހެންބުނެ މާޔާއަށް ބަލާލި އެވެ. އޭނާ ފައިބަމުންދިޔަ ކަރުނަތައް ދެ ލޮލާއި ކޯތާފަތުން ފުހެމުންދިޔަ އެވެ.

"ޔެސް. އައި ޑިޒާވް ޓު ނޯ... ކިތައް އަހަރު. އެންމެ ފަހަރަކު... ހަމަ އެންމެ ފަހަރު ވިޔަސް އެ ދަރިފުޅު ދުށުމުގެ ނަސީބު ލިބުނުނަމައޭ ހިތަށް ނާރާ އެންމެ ދުވަހެއް ވެސް ނުދޭ. އެ ދަރިފުޅު އޮތީ އަހަރެންގެ ބަނޑުގައޭ. އެ ދަރިފުޅުގެ ރުއިމުގެ އަޑު އަހަރެން އެހީން... މަރުވިއްޔޭ ބުނިއިރު ތި ހިތުގައި ރަހުމެއްނުވިތަ؟. އަހަރެންގެ ހަށިގަނޑުން ބައެއް ވަކިވެގެން ދިޔަހެން ހީވޭ. އަހަރެންނަށް އެނގޭ ހިލްމީގެ ދުލުން ނުކުތަސް އެއީ އިޒީކިއަލްގެ ބަސްކަން. އޭނާ އެ ދުވަހު ބުނީ އިޒީކިއަލް އޭނާ ކައިރީ ބުނާށޭ ކިޔާ އަނގަޔަށް އަޅައިދީފައި އޮތް ގޮތަށް... އަހަރެންނަށް... އަހަރެންނަށް އެކަމުން އަރައިގަންނާނޭ ވަގުތު ވެސް ނުދީ އިޒީކިއަލް އަހަރެން ވަރިކޮށްލީ. ހީކުރީ ފައިސާއިން ބަދަލު ދެވޭނޭ." ހިތްދަތިކަމާއި ވޭނީ ޝަކުވާ މާޔާގެ އަޑުން އިޒީކިއަލްއަށް އިޙްސާސް ކުރެވުނެވެ. ކުށްވެރިއެއްހެން އޭނާ އިސްޖަހާލީ އެހެންވެ އެވެ. އެ އަންހެންކުއްޖާގެ ހިތް ހަލާކުކޮށްލީ ޚުދު އިޒީކިއަލްކަން އަމިއްލައަށް އޭނާ ވެސް ޤަބޫލުކުރެ އެވެ. މާޔާގެ ގާތުން މަޢާފަށް އެދެން އިޒީކިއަލްގެ ހިތާއި ޟަމީރު ވެސް ބުނަމުންދިޔަ އެވެ. އެހެންނަމަވެސް އޭނާއަށް މާޔާ މަޢާފު ނުކުރާނޭ ހީވަނީ އެވެ. ދުލުން އެ ލަފުޒުތައް ބޭރުކުރާން އޭނާއަށް އުނދަގޫވެގެން އުޅެނީ އެހެންވެ އެވެ.

"މިޔާ. އަހަރެން މިޔާ ހޯދީ ސޫޒަންއަށް ޓަކައި. އޭނާ އެ ބަލިން ސަލާމަތްކުރުމަށް ޓަކައި އަހަރެން ހުރީ ކިތަންމެ ބޮޑު ހޭދައެއް ކުރާން ޖެހުނަސް، ކޮންމެފަދަ ގުރުބާނީއެއް ވެގެން ވިޔަސް ކުރާން ޖެހުނުކަމެއް ކުރާން ނިންމައިގެން... އަހަރެން ކުލިނިކުތަކުން އެތަންތަނަށް އަންނަ ޕޭޝަންޓުންގެ މެޑިކަލް މަޢުލޫމާތުތައް ހޯދަންފެށީ. މެޑިކަލީ ވަކި ކަންކަމެއް ފުރިހަމަވާ މީހުންގެ ލިސްޓު ހޯދަމުންދިޔައީ. އެކަމުގައި އަހަރެންނަށް އެހީތެރިވަމުން ދިޔައީ ޑަކްޓަރ އިޒްމީލް. އަހަރެންނަށް މިޔާ ފެނުނީ އޭގެ ލިސްޓަކުން. އެހިސާބުން މިޔާގެ ހުރިހާ މަޢުލޫމާތެއް އަހަރެން އެއްކުރިން. އަދި މިޔާއާ މީޓުކުރާނޭ ގޮތަކާމެދު ވިސްނަމުން އައީ... ދެޓް ޑޭ... އައި މީން. އެކްސިޑެންޓް ހިނގި ރޭ. އައި ވޯޒް އޯލްރެޑީ ދެއަރ. މިޔާ އުޅޭ ގޭ ކައިރިޔަށް ދިޔަފަހުން އެނގުނީ ޔޯ ސިޗުއޭޝަން..." އިޒީކިއަލްގެ ވާހަކަ ހުއްޓާލާފައި އޭނާ އިސްއުފުލައި މާޔާއަށް ބަލާލި އެވެ. ދެ ލޯ ބޮޑުކޮށްލައިގެން މާޔާ ބަލަން އިން އިރު އޭނާ އެތައް ސުވާލެއް އިޒީކިއަލްއާ ކުރާން ބޭނުންވެފައި އިން ފަދަ އެވެ.

"އަހަރެންގެ ބައްޕަ މަރުވެގެންކަން އެނގޭތަ؟." މާޔާ އަހާލި އެވެ.

"ވިޔަފާރިވެރިއަކު މަރުވެގެން އުޅޭކަން އެނގޭ. އެކަމަކު ފަހުން އެނގުނީ އެއީ މިޔާގެ ބައްޕަކަން." އިޒީކިއަލް ތެދަށް ބުންޏެވެ.

"އަހަރެންގެ ނިކަމެތިކަން ފެށުނީ އެރޭ." މާޔާއަށް މިހެންބުނެ ތުންފިއްތާލެވުނެވެ. ކޯތާފަތުން ދެމިގަތް ކަރުނަތިކި ވެއްޓުނީ އޭނާގެ އުނގަށެވެ.

"އަހަރެން ޤަބޫލުކުރަން އަހަރެން މިޔާގެ ފައިދާ ނެގިން. މެރީ ކުރަން ބޭނުންވާކަން ބުނެ ދެއްކި ހުރިހާ ވާހަކައަކީ ހަޤީޤަތެއްނޫން. މެރީކުރުމުގެ ކުރީން މެޑިކަލް ޓެސްޓްތައް ހަދަން ބޭނުންވާކަން ބުނީ ވެސް، ސޫޒަންއާ މެޗުވޭތޯ އިތުރަށް ޔަޤީންކުރަންވެގެން. އެ ހުރިހާ ޓެސްޓްތަކެއް ހެދީ ޑަރ. އިޒްމީލް ކައިރިޔަށް ގޮސް. ސޫޒަންއާ މިޔާ މެޗުވާކަން ޔަޤީންވީމަ އަހަރެން މެރީ ކުރީ. އޭރު ނިއުޔޯކްގައި ޑަކްޓަރ ޑޭވިޑްއާއެކު ޑަކްޓަރުންގެ ޓީމެއް ދިޔައީ ސޫޒަންއަށް ޓްރީޓްކުރަމުން. މިކޮޅުން ހެދި މިޔާގެ ހުރިހާ ޓެސްޓެއްގެ ރިޕޯޓްތައް އެކޮޅަށް ފޮނުވަމުން ދިޔައީ. އެމީހުން ބޭނުންވީ މެޗުވާ ޑޯނާއަކަށް ލިބޭ ނިއުބޯންގެ ސްޓެމްސެލް ބޭނުންކޮށްގެން ސޫޒަންއަށް ފަރުވާދޭން. މެޑިކަލް ވޯލްޑްގައި އެއީ ކޮމަން ޓްރީޓްމެންޓެއްނޫން. ގިނަ ހޮސްޕިޓަލްތަކުން ބަލައިގަންނަ ފަރުވާއަކަށް ނުވަނީ ރިސްކު ބޮޑުވެފައި މައުސޫމް ފުރާނައެއްގެ ބޭނުން ނަހަމަ ގޮތުގައި ކުރާތީވެ. ބަޓް އިޓް ވޯޒް ދި އޮންލީވޭ. ޑޭވިޑްގެ ޓީމުން އެގޮތަށް ރަނގަޅުކޮށްފައި ތިބި އެހެން ޕޭޝެންޓުން އެބަތިބި. އެހެންވެ އަހަރެން އެގޮތް ބޭނުންވީ... ސޫޒަން އެއްކޮށް ރަނގަޅުވާން އަހަރެން ބޭނުންވީ. ބަޓް ސްޓިލް... އަހަރެން ހީކުރީ މިޔާއާ އެއްވެސް ގުޅުމެއްނެތީމާ ބޭނުންވާ ކަންކަން ހާސިލުކުރާން ވަރަށް ފަސޭހަވާނޭ. އައި ވޯޒް ރޯންގް... މިޔާއާ ގާތްކަން އުފެދެމުންދިޔަ ވަރަކަށް އަހަރެންނަށް ނިންމުންތައް ނިންމަން އުނދަގޫވަމުން އައީ. ދެމެދުގައި ދުރުކަމެއް ގެންގުޅުނީ އެހެންވެ. ގަސްދުގައި މިޔާގެ ކައިރިޔަށް ނާންނަންފެށީ. ގަސްދުގައި ފޯނަށް ޖަވާބެއް ނުދީ ހުންނަނީ... މިޔާ... ސޫޒަން. ޝީޒް މައި ފަސްޓް ލަވް. އަހަރެން ހަޤީޤަތުގައި ވެސް ސޫޒަންދެކެ ލޯބިވިން. އެކަމަކު ހިތުގައި އެހެން ޖާގައެއް ހުސްވާން ފެށުމުން އަހަރެން ބިރުގަތީ. އައި ގޮޓް ކޮންފިއުސްޑް. އަހަރެމެންގެ ގުޅުމަކީ ހަމައެކަނި ހަށިގަނޑުގެ ގުޅުމެއްގެ ގޮތުގައި ޤަބޫލުކުރަންފެށީ އެ އިޙްސާސްތަކަށް ފުރުޞަތު ނުދޭންވެގެން. މިޔާއަށް ޓަކައި އަހަރެންގެ ހިތުގައި އުފެދެމުން އައި އިޙްސާސްތައް ތަފާތު. ސޫޒަންއަށް ޓަކައި ހިތުގައި ޖަޒުބާތުތަކެއް އޮވެމެ އަހަރެންނަށް މިޔާ ހަނދާންނައްތައެއް ނުލެވުނު."

"ސްޓޮޕް އިޓް... ޕްލީޒް. އިތުރަށް އަޑުއަހާކަށް ބޭނުމެއްނޫން... އަހަރެން ބޭނުމީ އަހަރެންގެ ދަރިފުޅު." އިޒީކިއަލްގެ ވާހަކަ ހުއްޓުވަމުން މާޔާ ބުންޏެވެ.

"ހައިކްއަކީ އަހަރެމެންގެ ދަރިއެއް." އިޒީކިއަލް ބުންޏެވެ.

"އަހަރެންގެ ކައިރީ ހައިކް ހުންނާނީ. އިޒީކިއަލް ކުއްޖެއް ބޭނުންވެގެންނެއްނޫން ހައިކް ހޯދީ. އަހަރެންނާއި އެކުއްޖާގެ ފަރާތުން އިޒީކިއަލް ބޭނުންވީ ކަންތައް ވެއްޖެއެއްނު. ދެން އަހަރެމެން ދޫކޮށްލާ. އިޒީކިއަލްއަށް އެއްވެސް އުނދަގުލެއްނުކޮށް އަހަރެމެން ހިނގައިދާނަން." މާޔާ ބުންޏެވެ.

އިޒީކިއަލް ވަގުތުން ތެދުވި އެވެ. އޭނާ މާޔާގެ ކުރިމައްޗަށް އެރި އެވެ. އޭނާގެ ކުރިމަތީ ކުޑަކަކޫ ޖަހާލުމާއެކު މާޔާގެ ދެ އަތުގައި އޭނާ ހިފަހައްޓާލަމުން ވާހަކަދައްކަން ފެށި އެވެ.

"ޕްލީޒް. ޖަސްޓް ލިސެން ޓު މީ." އާދޭހާއެކު އިޒީކިއަލް ބުންޏެވެ.

"އައި ވޯންޓް ޔޫ ބެކް. އައި ނީޑް ޔޫ... ޔޫ އެންޑް ހައިކް. ތި ދެމީހުންނަކީ އަހަރެންގެ ހަޔާތުން ވަކިކޮށްލެވޭނޭ ބައެއްނޫން. ދުވަހަކުވެސް ވަކިވާކަށް ބޭނުމެއް ވެސް ނޫން." އިޒީކިއަލް ބުންޏެވެ. މީގެކުރީން އޭނާ ކަމަކާ ޖެހިލުންނުވާ ވަރަށް މާޔާގެ ޖަވާބު އަތުވެދާނޭ ގޮތަކާމެދު އިނީ ޖެހިލުންވެ ހާސްވެފަ އެވެ.

"ސޫޒަން ނެތީމަތަ؟. އޭނާދެކެ ވީ ލޯތްބަށް ކިހިނެއްވީ؟. އަހަރެންގެ ދަރިއަކު ހުރިއިރު މިހާ ދުވަހު ކީއްވެ ނުބުނެވުނީ؟. ސޫޒަން ހުރީމަ. ނޫންތަ؟. އަހަރެންނާއި ހައިކް މުހިންމުވީ ތި ހަޔާތުން ސޫޒަން ދިޔަ ހިސާބުން." މާޔާއަށް ބުނެވުނެވެ. އިޒީކިއަލްގެ ދުލުން އެހެން އަންހެނަކުދެކެ ލޯބިވާކަން ބުނި ހިނދުންފެށިގެން މާޔާގެ ހިތުގައި ރިހެންފަށައިފި އެވެ. އޭނާއަށް އިޒީކިއަލް ކަހަލަ މީހަކުދެކެ އެހާ ލޯބިވެވެންވީ ކީއްވެތޯ އަމިއްލަ ހިތާއި ޟަމީރާ ސުވާލުކުރެވެނީ އެވެ. އެ ސުވާލުކޮށްކޮށް އޭނާ ވަރުބަލިވެއްޖެ އެވެ. އެ ހިތް ބަދަލެއްނުވި އެވެ. ހިތުގައި އުފެދުނު ޖަޒުބާތާއި އިޙްސާސްތަކަށް ބަދަލެއް ނައެވެ. އެކަމާ އަމިއްލަ ނަފްސުދެކެ ވެސް އޭނާއަށް ބައެއްފަހަރަށް ރުޅިއާދެވެ އެވެ.

"އަހަރެން ވެސް ހީކުރީ އެއީ ލޯތްބޭ." މާޔޫސީ ރާގެއްގައި އިޒީކިއަލް ބުންޏެވެ.

"ވަޓްސް ޔޯ ޕޮއިންޓް. ސޫޒަން ދިޔައީމަ އޭނާގެ ޖާގަ ހުސްވީމަ، އެ ޖާގައަށް ފިޓުވާ ކެނޑިޑޭޓަކަށް ފެނުނީ އަހަރެން. އަނެއްކާ ވެސް އެހެން އަންހެނަކު ފެންނަންދެން އަހަރެންގެ ބޭނުން ޖެހޭނީ." މާޔާ ހިތްހަމަނުޖެހުނެވެ.

"ނޯ... އަހަރެން މިއުޅެނީ އޭނާ ރިޕްލޭސް ކުރާކަށްނޫން. އެހެން އަންހެނަކު ހޯދާކަށް ވެސް ނޫޅެން. މިޔާ. ޓްރައި ޓު އަންޑަސްޓޭންޑް. އަހަރެން ބުނެދެން މިއުޅެނީ އަހަރެންގެ ހަޔާތަށް މިޔާ އައުމުގެ މާކުރިން ސޫޒަން އަތުވެއްޖެކަން. އަހަރެން ކޮންމެ ފަހަރަކު... އަހަރެންގެ ޢާއިލާއާ ވެސް ދެކޮޅަށް އިޚްތިޔާރު ކުރަމުން އައީ ސޫޒަން. އަހަރެންނަށް މީހުންގެ ގޮތް ނޭނގުނީ. ފުރާވަރުގައި ހިތުގައި އުފެދެންފެށި އިޙްސާސްތަކަށް ލޯބީގެ ނަން ދިނީ އަހަރެން. އެއްފުރާޅެއްގެ ދަށުގައި އަހަރެމެން އުޅޭންޖެހުމުން އަހަރެންނަށް ސޫޒަން ބަލައިގަންނަން ފަސޭހަވީ. އެކަމަކު އޭރު ވެސް އޭނާވީ މައުސޫމްކަމުގެ ނިވަލުގައި ފޮރުވިގެން ހުރި މަކަރުވެރި އަންހެނަކަށް. ހަޤީޤަތް އެނގުނީ އިހަށް ދުވަހަކު. ކޮންމެ މީހެއްގެ ވެސް މާޒީއެއް އޮންނާނެ. މިސްޓޭކްސް ހެދޭނެ... މިޔާ ބުނެބަލަ... މިޔާ މީހަކުދެކެ ލޯތްބެއް ނުވަންތަ؟. މިޔާއަށް ގޯހެއް ހެދިފައެއް ނުވޭތަ؟." އިޒީކިއަލް އަހާލި އެވެ.

މާޔާގެ ނަޒަރު އިޒީކިއަލްއާ ވަކިކޮށްލި އެވެ. އިޒީކިއަލްގެ ސުވާލުން ލުހާމްގެ ބޭވަފާތެރިކަން މާޔާގެ ހަނދާނަށް އަންނަން ސުކުންތެއް ވެސް ނުނެގި އެވެ. ލުހާމާއި ހަތޫންނަކީ ވެސް ސޫޒަން ކަހަލަ މަކަރުވެރީންކަން މާޔާގެ ޟަމީރު އެއްބަސްވެ އެވެ. އޭނާ ވެސް ލުހާމްދެކެ ވެވުނީ ހަޤީޤީ ލޯބިކަމުގައި ހީކުރި އެވެ. ނަމަވެސް ހިތުގައި އިޒީކިއަލްއަށް ޓަކައި ދެވުނު މަޤާމްވީ ދުވަހަކު ވެސް އެހެން މީހަކަށް ނުދެވޭނޭ ފަދަ މަޤާމަކަށެވެ. އެފަދަ ފުންލޯތްބެއް އިޒީކިއަލްދެކެ މާޔާއަށް ވެވުނީ ގަސްދަކާއިނުލަ އެވެ. އިޒީކިއަލްގެ ކައިރިން މާޔާއަށް ކުރި ހޯދިފައި މިހާތަނަށް ނެތީ ވެސް އެ ޖަޒުބާތުތަކުގައި އޭނާ ބަނދެވޭތީ އެވެ. އަމިއްލަ އިޚްތިޔާރުން ބޭރުކޮށްލަނީ މާޔާގެ އިޙްސާސްތަކެވެ. އެ ހިތުގައި އޮތް ލޯތްބެވެ.

"ވެނިމިފައި ހުރި ކަންތައްތަކުގެ ވާހަކަދައްކާނެ ކަމެއްނެތް. ރާހިން ބުނިހެން އަހަރެން އިޒީކިއަލްއާ ބައްދަލުކުރީ ހައިކްގެ ވާހަކަދައްކަން. އެ ދަރިފުޅު ދިރި ހުރިކަން ވެސް އަންގާނުލާ ކިތައް އަހަރު އިޒީކިއަލް ތި ގެންގުޅުނީ. އަހަރެން ބޭނުމީ ހައިކް އަހަރެންގެ ކައިރީ ބަހައްޓަން. އެ ދަރިފުޅު އަހަރެންގެ ކައިރީ ހުރެ ބޮޑުވަން ބޭނުމީ." އިޒީކިއަލްގެ ވާހަކަތައް ނަފްސު ބެހިގެން ހިނގައިދާނޭހެން ހީވެ މާޔާ ބުންޏެވެ.

"އަހަރެން ހައިކްގެ ވާހަކަ ނުބުނީ އެކަން ސިއްރުކުރުމުގެ ގަސްދެއްގައެއްނޫން. ތެދަށް ބުނަންޏާ ހައިކް ސަވައިވް ވާނޭކަމަށް ހިޔެއްނުކުރަން. މިޔާ ދޫކޮށްލި އިރު ވެސް ހައިކް އޮތީ ހޮސްޕިޓަލްގައި. އެކުއްޖާއަށް ވާނޭ ގޮތެއް ނޭނގޭތީވެ ނުބުނެ މަޑުކުރީ. އަނެއް ރީޒަންއަކީ ސޫޒަން... އައި އޯލްރެޑީ ޕްރޮމިސްޑް ހާ. އަހަރެން ސޫޒަންއާ އިންނާނަންކަން. އޭނާއަށް އެނގޭނެ އަހަރެން މިޔާއާ މެރީ ކުރީ ކީއްވެކަން. އެހާ ހިސާބުން މިޔާ އަހަރެންގެ ދިރިއުޅުމުގައި ބަހައްޓާނެ ރީޒަންއެއް ނެތް. ސޫޒަން ހަމައެކަނި ޤަބޫލުވި ސަބަބަކީ އެ ކައިވެންޏަކީ އޭނާގެ ސާޖަރީއަށް ޓަކައި ކުރާކަމެއްކަން އެނގޭތީ. މިޔާ... އަހަރެން ނުވިސްނަނީއެއްނޫން. ވަރަށް ވިސްނިން. އަހަރެން ދޫކޮށްލީމާ މިޔާ ގޮސް ވަންނާނޭ ތަނެއްނެތްކަން ވެސް އެނގޭ. ވީއިރު ދަރިއަކު ދީފައި ދޫކޮށްލީމާ ވާނީ ކިހިނެއް؟. އަހަރެންގެ އަތަކު އޭރު މިޔާއަށް ދޭނޭ ރަނގަޅު ޖަވާބެއްނެތް. ޑިވޯސް ކުރީމަ މިޔާ ސުވާލުކުރަން އެނގޭ. ދެރަވާނެކަން ވެސް އެނގޭ. އެކަމަކު އޭރު އަހަރެންނަށް މުހިންމުވީ ސޫޒަން. އޭނާގެ ފީލިންގްސް. އޭނާ ހެޕީކޮށް ބެހެއްޓުން. މިޔާ... އައި ނޮޓް ޕްރައުޑް އޮފް އިޓް. އޭރު ނިންމުނު ނިންމުންތަކާމެދު އަހަރެން ވަރަށް ބޮޑަށް ދެރަވޭ. އައި ނޯ މިޔާއަށް އަހަރެން މި ދައްކާ ވާހަކަ ޤަބޫލުކުރަން އުނދަގޫވާނެކަން. ދެޓް މަނީ އައި ގޭވް ޔޫ... އެއީ ހުރިހާކަމެއްގެ ބަދަލެއްނޫން. އެހެންވިޔަސް އަހަރެން ކަންތައްކުރި ގޮތުން މިޔާއަށް އަހަރެންނާ މެދު ރަނގަޅަށް ނުދެކެވޭނެކަން އެނގޭ. އަހަރެން މިޔާއަށް ފައިސާ ދިނީ އެ ފައިސާއިން މިޔާއަށް އާ ދިރިއުޅުމެއް ހޯދޭނެކަމުގެ އުންމީދުގައި. އަދި ހައިކްގެ ޒިންމާ މުޅި އުމުރަށް އަހަރެން ނެގީ މިޔާއަށް ރަނގަޅުވާނީ އެގޮތްކަމުގައި ފެނިގެން... އިޓް ވޯޒް މައި ޑިޒިޝަން. އައި ވޯޒް ރޯންގް." އިޒީކިއަލްގެ އަތުގެތެރޭގައިވި މާޔާގެ ދެ އަތްތިލައަށް އޭނާއަށް ބާރުކޮށްލެވުނެވެ. އޭނާއަށް އެއްފަހަރު އިތުބާރު ކުރާށޭ ބުނެ އާދޭސްކުރާ ފަދަ އެވެ. ހަމަ އެންމެ ފުރުޞަތެއް ދޭށޭ މާޔާގެ ގާތުގައި ބުނާ ކަހަލަ އެވެ.

މާޔާ ކޮޅަށް ތެދުވެ އިޒީކިއަލްއާ ދުރަށް ޖެހިލި އެވެ. އޭނާ މޫނުގައި ދެ އަތްއަޅައި ފޮރުވާލައިގެން ހުއްޓެވެ. އިޒީކިއަލް ދެއްކި ވާހަކަތައް އޭނާގެ ސިކުނޑިއަށް ނަގައިގަތުން ފަސޭހައެއްނުވި އެވެ. އިޒީކިއަލް އިންތަނުން ތެދުވެ މާޔާއަށް ގޮވާލި އެވެ. މޫނުން ދެއަތް ނަގަމުން މާޔާ ފުންނޭވާއެއް ދޫކޮށްލި އެވެ.

"ޖަސްޓް ގިވް މީ ހައިކް. އައި ވޯންޓް މައި ސަން." އިޒީކިއަލްއަށް ފުރަގަސްދީގެން ހުރެ މާޔާ ބުންޏެވެ.

"ހައިކްއަކީ އަހަރެންގެ ވެސް ދަރިއެއް. އެކުއްޖާއަށް މިޔާއަކީ ކާކުކަން ބުނެދޭން އަހަރެން ވެސް ބޭނުން. ހައިކްގެ ދިރިއުޅުމަށް މަންމައާއި ބައްޕަ ވެސް މުހިންމުވާނެ. ނޫންތަ؟... ކީއްވެ މިޔާ އަހަރެންގެ އަތުން ހައިކް އަތުލަން ބޭނުންވަނީ. އަހަރެންގެ ދިރިއުޅުމަށް މިޔާ އެނބުރި ގެންނަން އަހަރެން ބޭނުން. ހަމައެކަނި ހައިކްއަށް ޓަކައެއްނޫން. އަހަރެން ވެސް މިޔާ ބޭނުންވޭ." އިޒީކިއަލް ބުންޏެވެ. މާޔާ ފުރަގަސްދީގެން ހުންނާތީ އިޒީކިއަލްއަށް އުނދަގޫވި އެވެ. އެހެންނަމަވެސް އެއްވެސް ކަމަކަށް މަޖުބޫރުކޮށް ގަދަކަން ދައްކާކަށް އިޒީކިއަލް ބޭނުމެއްނޫނެވެ. އެފަދައިން އޭނާއަށް މާޔާގެ ރުހުން ނުހޯދޭނެކަން އެނގޭތީ އެވެ.

"އަހަރެންނަށް އިޒީކިއަލް ބޭނުންވާންވީ ކީއްވެ؟." އިރުކޮޅަކު ހިމޭނުން ހުރެފައި މާޔާ އެނބުރިލައި އިޒީކިއަލްއާ ހަތަރުކަޅި ހަމަކޮށްލަމުން ސުވާލުކޮށްލި އެވެ. އެހިނދު އިޒީކިއަލްގެ ފިޔަވަޅުތަކުން މާޔާއާ އޮތް ދުރުމިން ކައިރިކޮށްލައިފި އެވެ.

"ނޭނގޭތަ؟." އިޒީކިއަލްއަށް އަހާލެވުނެވެ. އޭނާގެ ދެ ލޮލުން ފާޅުވާ ލޯބި މާޔާއަށް ނުފެނޭބާއޭ އިޒީކިއަލް ހިތަށް އެރި އެވެ.

"އެނގޭނަމަ ސުވާލެއް ނުކުރާނެއެއްނު. އަދިވެސް އިޒީކިއަލް ބޭނުންވާ ވަރަށް އަހަރެންގެ ބޭނުން ނުކުރެވި އޮތީތަ؟." މާޔާގެ ސުވާލު ތޫނު ހަންޖަރެއް ފަދައިން އިޒީކިއަލްގެ މެޔަށް ހެރި އޭނާގެ ހިތް ޒަޚަމްކޮށްލައިފި އެވެ.

"ކިހިނެއް ހަދަންވީ؟. ކީއްކުރީމަ މިޔާއަށް ޔަޤީންކަން ލިބޭނީ އަހަރެން ހަޤީޤަތުގައި ވެސް މިއުޅެނީ މިޔާ ބޭނުންވެގެންކަން. އަހަރެންގެ އަނތްބެއްގެ ގޮތުގައި މުޅިއުމުރަށް މިޔާ ބައިންދަން ބޭނުންވަނީ. މިޔާދެކެ ލޯބިވެވިއްޖެ... ވަރަށް ބޮޑަށް ލޯބިވެވިއްޖެ." އިޒީކިއަލް ކުރިޔަށް ޖެހިލައި ވާހަކަދެއްކީ ނިކަން މަޑުންނެވެ. އޭނާ މިޔާގެ ކޯތާފަތުގައި ކަނާއަތްތިލަ ޖައްސާލި އެވެ.

(ނުނިމޭ)