ދުނިޔެ

ޔުކްރޭން މަޝްވަރާތަކުގައި ރަޝިއާ ބައިވެރިކުރަން ޖެހޭނެ: ޖަރުމަން

ރަޝިއާ، ޔުކްރޭން ހަމަނުޖެހުންތަކަށް ހައްލެއް ނުހޯދައި ދޫކޮށްލައިގެން ތިބެވެން ނެތް ކަމަށް ޖަރުމަނުގެ ޗާންސެލަރު އޯލަފް ޝޯލްޒް ވިދާޅުވެއްޖެ އެވެ.

ޗާންސެލަރު ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމަ ހުއްޓުވައި -- ރަޝިއާ އާއި ޔުކްރޭން ސުލްހަކުރަން ދެން ބާއްވާ ކޮންމެ މަޝްވަރާއެއްގައި، ރަޝިއާ ބައިވެރިކުރަން ޖެހޭނެ ކަމަށެވެ.

ޔޫކްރޭން ހަނގުރާމައަށް ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް މަޝްވަރާކުރުމަށް ބައްދަލުވުންތަކެއް ވަރަށް އަވަހަށް ބާއްވަން ޖެހޭ ކަމަށް ވެސް އޯލަފް ޝޯލްޒް ވިދާޅުވި އެވެ.

މަސްރަހު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި ރަޝިއާ، ޔުކްރޭން ހަނގުރާމަ ހުއްޓައި ނުލެވިގެން އުޅެނީ އެމެރިކާއާ ހެދި އެވެ.

އެމެރިކާއިން ޔުކްރޭނަށް ބުއްދިލައިދީފައި އޮތީ އެއްވެސް ގޮތަކަށް ރަޝިއާއާ މަށްވަރާ ނުކުރުމަށް ކަމަށް ވެސް މިކަމުގެ މައުލޫމާތު ހުރި ބީހުން ބުނެ އެވެ.

ޔުކްރޭން ހަނގުރާމަ ހުއްޓުވައި މަސްރަހު އަމާންކުރުމަށް ކަމަށް ބުނެ ސްވިޒަލޭންޑުން ޖޫންގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވި އެވެ. މި ބައްދަލުވުމަށް ރަޝިއާއަށް ދައުވަތުނުދެ އެވެ. ނަތީޖާއަކަށްވި ކޮޅެއްގައި ނުޖެހި މަޝްވަރާތައް ފޭލިވުމެވެ.

މި ސަމިޓަށް ދައުވަތުދީގެން ހާޒިރުވެ ތިބި ގިނަ ގައުމުތަކުން ގަރާރެއް ފާސްކުރާކަށް ބޭނުމެއް ނުވި އެވެ. ސަބަބަކަށްވީ ރަޝިއާއަށް ދައުވަތުދީފައި ނެތުމެވެ.

ސްވިޒަލޭންޑްގައި އޮތް މި ބައްދަލުވުމުގައި ބޮޑަށް މަޝްވަރާކުރެވުނީ ޔުކްރޭނުން ހުށަހަލާފައި ހުރި ނުކުތާތަކަށެވެ. ރަޝިއާ ކޮޅުން އެއްވެސް ވާހަކައެއް އިއްވާނެ މީހަކު ނެތެވެ. މިހެން ކަން ހިނގައިދިއުމުން، ދައުވަތުދީގެން ގޮސް ތިބި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ވެސް ވަނީ ފާޑުކިޔައި، ރަޝިއާގެ ބުނުމެއް ނެތި މަޝްވަރާތައް ކުރިއަށް ގެންދަން އިންކާރުކޮށްފަ އެވެ.

ޖަރުމަނުގެ ގާނޫންހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން ޗާންސެލަރު، އޯލަފް ޝޯލްޒް ވިދާޅުވީ ޔުކްރޭން މައްސަލަ ހައްލުކުރަން އިތުރު ބައްދަލުވުންތަކެއް ބާއްވަންޖެހިފައިވާ ކަމަށެވެ. އަދި އެއިން ކޮންމެ ބައްދަލުވުމެއްގައި ރަޝިއާ ބައިވެރިވާން ޖެހޭނެ ކަމަށް ވެސް ޗާންސެލަރު ވިދާޅުވި އެވެ.

ޗާންސެލަރު އަދި ވިދާޅުވީ ޔުކްރޭނަށް ތާއީދުކުރާ ބަޔަކު ގުޅިގެން ކުރަން އޮތް އެންމެ ރަނގަޅު ކަމަކީ ހަނގުރާމަ ހުއްޓުވަން މަސައްކަތްކުރުން ކަމަށެވެ. ސުލްހައިގެ މަޝްވަރާތަކަށް ޖަރުމަނު ގޮވާލިއެއް ކަމަކު ޔުކްރޭނަށް ދެމުންގެންދާ އަސްކަރީ އެހީތައް ޖަރުމަނުން ހުއްޓައި ނުލައްވާނެ ކަމަށްވެސް ޗާންސެލަރު ވިދާޅުވި އެވެ.