ދުނިޔެ

ތުރުކީގައި ބޮމެއް ގޮއްވާލާ 34 މީހުން މަރާލައިފި

ތުރުކީގެ ވެރިރަށް އަންކާރާގައި ބޮމެއް ގޮއްވާލާ 34 މީހުން މަރާލައިފި އެވެ. މި ހަމަލާގައި އިތުރު 125 މީހުން ވަނީ ޒަހަމްވެފަ އެވެ.

ކާރެއްގައި ހަރުކޮށްގެން ދިން މި ބޮމުގެ ހަމަލާ އިއްޔެ ހަވީރު ދީފައިވަނީ އަންކާރާގެ މަިއގަނޑު ޓްރާންސްޕޯޓް ހަބް ކައިރީ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މަންޒަރުދުށް މީހުންނާ ހަވާލާދީ ތުރުކީގެ ލޯކަލް މީޑިއާތަކުން ހަބަރުކުރާ ގޮތުގައި ބޮން ގޮވުމާއެކު ބޮން ހަރުކޮށްފައި އޮތް ކާރުގެ އިތުރުން އެވަގުތު ކަރީގައި އޮތް އެތައް ބަހެއްގައި އަލިފާން ރޯވެ އަނދާފައިވެ އެވެ.

މިހަމަލާ ދިނުމާއެކު ސަލާމަތީ ބާރުތަކުންވަނީ އެސަރަހއްދު ބަންދުކޮށް ބާރުގެ ދަށަށް ގެންގޮސްފަ އެވެ.

އަންކަރާގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތެއް އެމެރިކާއަށް ލިބުމާއެކު އެގައުމުން ވަނީ މިދިޔަ ހަފްތާގައި ތުރުކީގެ ސަރުކާރާއި އެކަން ހިއްސާކޮށް ސަރުކާރުގެ ސަމާލުކަމަށް ގެނެސްފަ އެވެ.

މިދިޔަ މަހުވެސް އަންކާރާގައި ވަނީ ބޮމުގެ ހަމަލާއެއްދީ 28 މީހުން މަރާލާފަ އެވެ. އެހަމަލާ އަކީ ތުރުކީގެ އަސްކަރީ އުޅަނދަކަށް އަމާޒުކޮށްގެން ދިން ހަމަލާއެކެވެ.