މޫސުން

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސް

ރާއްޖޭގެ ކަނޑުތައް ކުރިއަށް އޮތް 24 ގަޑިއިރު ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ އިއްޔެ އިން ފެށިގެން ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ކަނޑުތައް ގަދަވާނެ ކަމަށެވެ. ވަކިން ހާއްސަކޮށް ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ގަދަ ވަގުތުތަކުގައި ކަނޑުގެ ރާޅުތަކުގެ އުސްމިން ހަަތރު ފޫޓައި ހަތް ފޫޓާ ދެމެދުގެ އުސްމިނުގައި ކަމަށެވެ.

މެދުރާއްޖެ އާއި އުތުރުގެ އަތޮޅުތަކަށް މާދަމާ ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އެ ވަގުތުތަކުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށިގެންވާ ކަމަށްވެސް ބުންޏެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާތީ ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާ ގުޅޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ.