މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ވިޔަފާރީގެ ދާއިރާއިން ސައުދީއާއެކު ގުޅުން ބަދަހިކުރަނީ

ވިޔަފާރި އާއި އިގުތިސާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖެ އާއި ސައުދީ އަރަބިއްޔާއިން ސޮއިކޮށްފި އެވެ.

ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. ސައުދީ އަރަބިއްޔާ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުގެ މިނިސްޓާ އޮފް ކޮމާސް މަޖީދު ބިން އަބްދުﷲ ބިން އުސްމާން އެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ދެ ގައުމުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން އުފެއްދުންތެރި މަޝްވަރާތަކެއް ސައުދީގެ ކޮމާސް މިނިސްޓަރާއެކު ކުރެވުނު ކަމަށެވެ.

ވިޔަފާރި އާއި އިގުތިސާދީ ދާއިރާއިން ދެ ގައުމުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު ސައުދީ ފަންޑު ފޯ ޑިވަލޮޕްމެންޓް ((އެސްއެފްޑީ) އިން 150 މިލިއަން ޑޮލަރުގެ ލޯނެއް މި އަހަރުގެ މޭ މަހު ރާއްޖެއަށް ދީފައިވެ އެވެ.

އެސްއެފްޑީ އިން ދިވެހި ސަރުކާރަށް ދޫކުރި 150 މިލިއަން ޑޮލަރުގެ ލޯންގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމުމަށް ދީފައިވާ ލޯނެވެ. އަނެއް 50 މިލިއަން ޑޮލަރު ލޯނަކީ ރާއްޖޭގެ ތިން ރަށެއްގައި 150 އެނދުގެ ތިން ހޮސްޕިޓަލް އެޅުމަށް ދޫކުރި ލޯނެކެވެ.