މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ރާއްޖޭގެ ކުދި ވިޔަފާރިތަކާއި ސައުދީގެ ވިޔަފާރިތަކާމެދު ގުޅުން ބަދަހިކުރަނީ

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ސައުދީ އަރަބިއްޔާގެ ވިޔަފާރިތަކާމެދު ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެ ގައުމުގެ -- އަލްމުންޝާތު -- ސައުދީ އަރަބިއްޔާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ގުޅޭ އޮތޯރިޓީއަށް ޒިޔާރަތްކުރައްވާ އެ އޮތޯރިޓީގެ ގަވަރުނަރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަލްމުންޝާތުން ދެމުންގެންދާ އެހީތެރިކަމުގެ މަޢުލޫމާތު ގަވަރުނަރު ވަނީ މިނިސްޓަރު ސައީދުއާ ހިއްސާކުރައްވާފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ މިފަދަ ވިޔަފާރިތަކާއި ސައުދީ އަރަބިއްޔާގެ ވިޔަފާރިތަކުގެމެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއިމެދުވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފަ އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، އާމްދަނީ ހޯދުމަށް ކްރިއޭޓިވް މަސައްކަތްކުރާ ވަކިވަކި ފަރުދުންގެ އުފެއްދުންތެރިކަމާއި މަސައްކަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ކްރިއޭޓިވް އިންޑަސްޓްރީއެއް ގާއިމްކުރުމަށްޓަކައި ފަސް އަހަރުގެ އިސްތިރާޖެއް ސަރުކާރުން މިހާރު ވަނީ އެކުލަވާލާފަ އެވެ.